ޚަބަރު

އުތުރާއި މެދު ރާއްޖެތެރެއަށް ކަނޑުތައް ވަރަށް ގަދަވާނެކަމަށް ލަފާކޮށްފި


  • ހަވީރު 5 ޖެހުމާ ހަމައަށް ރީނދޫ ސަމާލު ވަނީ ނެރެފައި

  • ވިލާގަނޑުގައި 50 މޭލަށް ވައި ގަދަވާނެ

  • ކަނޑުތައް ވަރަށް ގަދަވާނެކަމަށް ލަފާކޮށްފައިވޭ

އުތުރާއި މެދު ރާއްޖެތެރޭގެ ކަނޑުތައް ވަރަށް ގަދަވާނެކަމަށް ލަފާކޮށް މޫސުމާބެހޭ ޤައުމީ އިދާރާއިން ރީނދޫ ސަމާލު ނެރެފިއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ރީނދޫ ސަމާލު ނެރެފައިވަނީ މިއަދު މެންދުރުފަހު 1 އިން ހަވީރު 5 ޖެހުމާ ހަމައަށެވެ. އެގޮތުން އުތުރާއި މެދުރާއްޖޭގެ ރަށްތަކަށް ބޯކޮށް ވާރޭވެހި، ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިންވަނީ ލަފާކޮށްފައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވެ، ކަނޑުތައް ވަރަށް ގަދަވާނެކަމަށް އެ އިދާރާއިން ވިދާޅުވެއެވެ.

ކުރިއަށްއޮތް 5 ދުވަހުވެސް ވައިގަދަވާނެކަމަށް މޫސުމާބެހޭ އިދާރާއިންވަނީ ލަފާކުރައްވާފައެވެ. ނަމަވެސް ވާރޭ ވެހޭ މިންވަރު މިއަދުން ފެށިގެން މަދުވާނެކަމަށް އެއިދާރާއިން ވިދާޅުވެއެވެ.

މޫސުން ގޯސްވާނެތީ ކަނޑުދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެއިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ދަތުރަށް ފެށުމުގެ ކުރިން މޫސުމާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށާއި ކޮންމެހެން ކުރަންޖެހޭ ދަތުރެއް ފިޔަވައި ފަސްކޮށްލުމަށްވެސް ކަމާ ގުޅުންހުރި އިދާރާތަކުން ވަނީ އެދިވަޑައިގަންނަވާފައެވެ.