ފަޚުރުވެރި ރާއްޖެއެއް ބިނާކުރެވޭނީ ޤައުމީ މަސައްކަތްތަކުގައި ޒުވާނުންގެ ހިއްސާ އިތުރުކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ބައިނަލްއަގުވާމީ ގޮތުން މިއަދު ފާހަގަކުރަމުންދާ ޒުވާނުންގެ ދުވަހާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ދިވެހީންގެ ފަޚުރުވެރި ރާއްޖެއެއް ބިނާ ކުރެވޭނީ ޤައުމީ ކޮންމެ މަސައްކަތެއްގައި ޒުވާނުންގެ އެއްބާރުލުމާއި ހިއްސާ އިތުރުކޮށްގެން ކަމަށެވެ.
ރައީސް މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިފަހުން ޒުވާނުން ބާރުވެރިކުރުވުމުގެ މުޅިން އައު ޒަމާނެއް ފެށިފައިވާ ކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާބެހޭ ވަޒީރު ވަނީ ވިދާޅުވެފައެވެ. އެގޮތުން މިހާތަނަށް ސަރުކާރުން ރައީސުލްޖުމްހޫރިއްޔާގެ ބެއްލެވުމުގެ ދަށުން ނިންމެވި ކޮންމެ ނިންމެވުމެއްގައި ޒުވާނުންނަށް ޚާއްސަ ސަމާލުކަމެއް ދެއްވާފައިވާކަން ވަޒީރުވަނީ ފާހަގަކުރައްވާފައެވެ.
މިސަރުކާރުން ވަނީ ޒުވާނުންނާ ގުޅޭ ކަންކަން ނިންމުމުގައި ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރސް ކައުންސިލެއްވެސް އުފައްދަވަން ނިންމަވާފައެވެ. މިއީ ޤައުމީ ކަންކަމުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމާއި، މަޝްވަރާއާއި ނިންމުންތައް ނިންމާއިރު ޒުވާނުން ދެކޭގޮތް ހާމަކުރެވޭނެ ގޮތް ފަހިކުރުމުގެ ގޮތުން އެކުލަވާލާ ކައުންސިލެކެވެ.
ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ޒުވާނުންގެ ދުވަހަކީ ޒުވާނުންނާ ގުޅުންހުރި އެކި ކަންކަމާގުޅޭގޮތުން ހޭލުންތެރިކުރުމުގެ ގޮތުން އދ. އިން ކޮންމެ އަހަރެއްގެ އޯގަސްޓް މަހުގެ 12ވަނަ ދުވަހު ފާހަގަކުރާ ދުވަހެކެވެ. ޒުވާނުންގެ ދުވަސް އެންމެ ފުރަތަމަ ފާހަގަކުރަން ފަށާފައިވަނީ 2000 ވަނަ އަހަރުއެވެ.