ޚަބަރު

"މޯލްޑިވްސް ލިވިން އެކްސްޕޯ" ވަޒީރު ހައިދަރު ހުޅުއްވައިދެއްވައިފި


  • އެކްސްޕޯ ކުރިއަށްދާނީ ހުޅުމާލޭ ސެންޓްރަލް ޕާކުގައި

  • އެކްސްޕޯ ކުރިއަށްދާނީ މިމަހުގެ 08 އިން 10 އަށް

  • އެކްސްޕޯގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ކުންފުނިތަކުން ބައިވެރިވޭ

މޯލްޑިވްސް ލިވިން އެކްސްޕޯއަކީ ރިއަލް އެސްޓޭޓު ވިޔަފާރިއާއި އިމާރާތްކުރުމުގެ ދާއިރާއާއި ގުޅޭ ފަހުގެ މައުލޫމާތުތައް ލިބޭ މުހިއްމު އެކްސްޕޯއެއް ކަމަށް ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަލީ ހައިދަރު އަޙުމަދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ މޯލްޑިވްސް ލިވިން އެކްސްޕޯ ހުޅުއްވައިދެއްވާ ވާހަކަދައްކަވަމުންނެވެ. ހައިރައިޒުން އިންތިޒާމްކޮށްގެން ބާއްވާ މިއެކްސްޕޯ ކުރިއަށްދަނީ ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. ލިވިން އެކްސްޕޯ ހުޅުވުމުގެ ރަސްމިއްޔާތުގައި ލަންކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޕެލްޕޮލަގެ ރަންގަ ސުޖީވާ ގޫނަވަރުދެނާ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ލިވިން އެކްސްޕޯ ހުޅުވުއްވައިދެއްވާ ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙުމަދު ވިދާޅުވީ މިއެކްސްޕޯއަކީ އިމާރަތްކުރުމާއި ރިއަލް އެސްޓޭޓުގެ ދާއިރާގެ ފަހުގެ މައުލޫމާތުތައް ހޯދުމަށް ލިބޭ ފުރުސަތެއް ކަމަށެވެ. އަދި މިއެކްސްޕޯގައި ރާއްޖެއިން ބޭރުގެ ކުންފުނިތަކުންވެސް ބައިވެރިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މޯލްޑިވްސް ލިވިން އެކްސްޕޯ ކުރިއަށްދާނީ މިމަހުގެ 08 އިން 10 އަށް ކޮންމެ ދުވަހެއްގެ ހަވީރު 16:00 އިން 18:00 އަށް އަދި ރޭގަނޑު 20:00 އިން 23:00 އަށެވެ.

މި އެކްސްޕޯގައި ގެއެއް ހޯދަން ބޭނުންވާ ފަރާތްތަކަށް ހުރިހާ މައުލޫމާތުތަކެއް ލިބޭނެއެވެ. އެގޮތުން ރިއަލް އެސްޓޭޓް ހައުސިން ގިނަ ޕްރޮޖެކްޓްތަކެއްގެ މައުލޫމާތު އެކްސްޕޯގައި ލިބެން ހުންނާނެއެވެ. މި އެކްސްޕޯގައި ރާއްޖެ އާއި ރާއްޖޭން ބޭރުގެ ރިއަލް އެސްޓޭޓް ގިނަ ވިޔަފާރިތަކެއް މިއަހަރުވެސް ބައިވެރިވެއެވެ.