ޓެކުހާއި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން 10 ބިލިޔަން ރުފިޔާ މިހާތަނަށް ލިބިފައިނުވާކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، މީރާއިން ހާމަކޮށްފިއެވެ.
މީރާއިން ނެރެފައިވާ މިއަހަރުގެ ދެވަނަ ކުއާޓަރގެ މާލީ ރިޕޯޓުގައިވާގޮތުން މިއަހަރުގެ ޖޫންމަހުގެ ނިޔަލަށް، ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަމިއްލަ ވިޔަފާރިތަކުން މީރާއަށް ލިބެންޖެހޭ 10 ބިލިޔަން ރުފިޔާގެ ތެރެއިން 5.5 ބިލިޔަން ރުފިޔާއަކީ ޓެކްސް އާމްދަނީގެ ގޮތުގައި ލިބެންޖެހޭ ފައިސާއެވެ. އަދި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބެންޖެހޭ 4.4 ބިލިޔަނެއްހާ ރުފިޔާވެސް ނުލިބި އެބައޮތްކަމަށް މީރާއިން ބުނެއެވެ.
އިންކަމް ޓެކްސް – 868 މިލިޔަން ރުފިޔާ
ޓީ.ޖީ.އެސް.ޓީ – 1.3 ބިލިޔަން ރުފިޔާ
ޖީ.ޖީ.އެސް.ޓީ – 2.4 ބިލިޔަން ރުފިޔާ
އެހެނިހެން ޓެކްސް – 918 މިލިޔަން ރުފިޔާ
ޖުމްލަ – 5.5 ބިލިޔަން ރުފިޔާ
ރިސޯޓުތަކުގެ ކުލި – 4.2 ބިލިޔަން ރުފިޔާ
ޓެކްސް ނޫން އާމްދަނީ (އެހެނިހެން) – 187 މިލިޔަން ރުފިޔާ
ޖުމްލަ – 4.4 ބިލިޔަން ރުފިޔާ
މީރާގެ ރިޕޯޓުގައިވާ ގޮތުން ސަރުކާރު ހިއްސާވާ ކުންފުނިތަކުން ޓެކުހާއި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 1.6 ބިލިޔަން ރުފިޔާ މިހާތަނަށް ލިބިފައެއް ނުވެއެވެ.
ޓެކުހުގެ ގޮތުގައި ނުލިބިހުރި ފައިސާ – 1.6 ބިލިޔަން ރުފިޔާ
ޓެކްސް ނޫން އާމްދަނީން ނުލިބިހުރި ފައިސާ – 21 މިލިޔަން ރުފިޔާ
ދެވަނަ ކުއާޓަރުގައި ޓެކުހާއި ގުޅޭ 1029 މައްސަލައެއްގައި މީރާއިން ވަނީ ޖޫރިމަނާ މާފްކޮށްދީފައެވެ. އެގޮތުން މާފްކޮށްދިން ޖޫރިމަނާގެ ގޮތުގައި އަރާފައިވާ 63 މިލިޔަނެއްހާ ރުފިޔާ ވަނީ މަޢާފްކޮށްދީފައެވެ.
ޓެކްސްއާއި ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުލިބިވާއިރު، މީރާއިން ދަނީ ދައުލަތަށް ނުލިބި ހުރި ފައިސާ ހޯދުމަށް މަސައްކަތްވެސް ކުރަމުންނެވެ. އެގޮތުން ޓެކްސް ނުދައްކާ ފަރާތްތަކުގެ މައުލޫމާތު އާއްމުކޮށް، އެފަދަ ބައެއް މައްސަލަތައް ކޯޓަށްވެސް ވަނީ ހުށަހަޅާފައެވެ. އަދި އެ މަސައްކަތުން މިދިޔަ ކުއާޓަރުގައި މީރާއިން ވަނީ 639 މިލިޔަން ރުފިޔާ ހޯދާފައެވެ.