ޚަބަރު

ސިއްޙީ ޚިދުމަތްދޭ ތަންތަނަށް ބޭނުންވާ ސާމާނު ހުސްނުވާނެ ނިޒާމެއް ޤާއިމްކުރަނީ


  • ކޮންސިއުމެބަލްސް އާއި ރީއެޖެންޓްސް ހުސްވުމުގެ ޝަކުވާ ބޮޑު

  • އެސްޓީއޯއަށް 300 މިލިއަނަށްވުރެ ގިނަ ރުފިޔާ ދައްކަންޖެހިފައިހުރި

ސިއްޙީ ޚިދުމަތްދޭ ތަންތަނަށް ބޭނުންވާ ކޮންސިއުމެބަލްސްއާއި ރީއެޖެންޓްސް ހުސްނުވާނެ ނިޒާމެއް ޤާއިމްކުރުމުގެ މަސައްކަތް ކުރައްވަމުންގެންދަވާކަމަށް ސިއްޙީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ސިއްޙީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވީ ސިއްޙީ ޚިދުމަތްދޭ ތަންތަނަށް ބޭނުންވާ ކޮންސިއުމެބަލްސް ނުވަތަ ސާމާނާއި، ރީއެޖެންޓްސް ނުވަތަ ޓެސްޓުތައް ހަދަން ބޭނުންކުރާ މާއްދާތައް ހުސްވުމުގެ މައްސަލަތައް އަބަދުވެސް ދިމާވާ ކަމަށެވެ. އެކަން ޙައްލުކުރުމަށް ސިއްޙީ ސާމާނު ފޯރުކޮށްދޭ، އެސްޓީއޯއާއެކު ވާހަކަދެކެވެމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ސިއްހީ ޚިދުމަތްތަކާ ގުޅޭ ޚަރަދުތަކުގެ ގޮތުގައި އެސްޓީއޯއަށް ދައްކަންޖެހޭ 300 މިލިއަނަށްވުރެ ގިނަ ރުފިޔާ ހުރި ކަމަށެވެ. އޭގެ ތެރެއިން ބޮޑުބައެއް މި ސަރުކާރުން މިހާތަނަށް ދައްކާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

"އޭގެ ނަތީޖާއަކީ އެސްޓީއޯއަށްވެސް ތަކެތި ފޯރުކޮށްދިނުމުގައި ލުއި ފަސޭހަތަކެއްވުން. އެހެންވީމަ އަޅުގަނޑުމެންގެ އުއްމީދަކީ މެންބަރުންގެ ތި ކަންބޮޑުވުމަށްވެސް ކައިރި މުސްތަގުބަލެއްގައި ހައްލެއް ލިބިގެންދާނެ ކަމަށް. އެސްޓީއޯ އަޅުގަނޑުމެން މިދަނީ މެދުނުކެނޑި އެކަމުގެ މަޝްވަރާތައް ކުރަމުން،" ސިއްޙީ ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ޕްރައިވެޓް ސެކްޓަރުގައި އުޅޭ ފަރާތްތަކާވެސް ގުޅިގެން މި މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި ރަށްރަށުގައި މަދުވާ ތަކެއްޗާއި ބޭނުންވާތަކެތި އެނގޭނެގޮތަށް ޚާއްޞަ ސޮފްޓްވެއާއެއް ތަރައްޤީކުރަމުންދާކަމަށްވެސް ސިއްޙީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވިއެވެ.