އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.2 މިލިޔަނަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އެންމެ ފަހުން ނެރެފައިވާ ޑެއިލީ އަޕްޑޭޓްސް ރިޕޯޓުގައިވާގޮތުން މިމަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ 1209364 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.
މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ 1096836 ފަތުރުވެރިންނާއި އަޅާ ބަލާއިރު %10.3 އިތުރު އަދަދެކެވެ.
• ޖަނަވަރީ – 192385 ފަތުރުވެރިން
• ފެބްރުއަރީ – 217392 ފަތުރުވެރިން
• މާރޗް – 194227 ފަތުރުވެރިން
• އޭޕްރީލް – 168366 ފަތުރުވެރިން
• މޭ – 119875 ފަތުރުވެރިން
• ޖޫން - 123284 ފަތުރުވެރިން
• ޖުލައި – 167528 ފަތުރުވެރިން
• އޮގަސްޓު 4 ވަނަ ދުވަހާ ހަމައަށް – 26307 ފަތުރުވެރިން
ވަކި ވަކި ޤައުމުތަކުން ރާއްޖެއަށް ފަތުރުވެރިން އަންނަ އަދަދުތަކަށް ބަލާއިރު، ބޮޑު ތަފާތަކާއެކު އެންމެ ކުރީގައި އުޅެނީ ޗައިނާއެވެ. ދެވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަނީ ރަޝިއާއިންނެވެ.
• ޗައިނާ - 165761 ފަތުރުވެރިން
• ރަޝިއާ - 129445 ފަތުރުވެރިން
• އިނގިރޭސިވިލާތް – 106729 ފަތުރުވެރިން
• އިޓަލީވިލާތް – 88273 ފަތުރުވެރިން
• ޖަރުމަންވިލާތް – 87901 ފަތުރުވެރިން
ފަތުރުވެރިން އަންނަ އަދަދުތަކަށް ބަލާއިރު، މިހާރު ރާއްޖެއަށް އެވްރެޖްކޮށް ކޮންމެ ދުވަހު އަންނަ ފަތުރުވެރިންގެ އަދަދު އުޅެނީ 6577 ގައެވެ. ފާއިތުވި 4 މަހު ރާއްޖެއަށް އެވްރެޖްކޮށް ކޮންމެ ދުވަހަކު އަންނަ ފަތުރުވެރިން އަދަދުތައް ހުރީ 6000 އިން ދަށުގައެވެ.
ސަރުކާރުން މިއަހަރަށް އަމާޒު ހިފާފައިވަނީ 2 މިލިޔަން ފަތުރުވެރިން ގެނެސް ފަތުރުވެރިކަމުގެ އައު ރެކޯޑެއް ހެދުމަށެވެ. އަދި މި އަމާޒު ހާސިލްކުރުމަށްޓަކައި ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ދަނީ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކާއި ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.