ޚަބަރު

އެލްޖީއޭގެ ސީއީއޯއަކަށް ނިމާލް އައްޔަންކުރައްވައިފި


  • ނިމާލް ކުރިން ހުންނެވީ މާލެ އަތޮޅު ކައުންސިލް ރައީސަކަށް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ލޯކަލް ގަވަރމަންޓް އޮތޯރިޓީ، އެލްޖީއޭގެ ސީއީއޯގެ މަގާމަށް މުޙައްމަދު ނިމާލް އައްޔަން ކުރައްވައިފިއެވެ.

ނިމާލް މި މަގާމަށް އައްޔަން ކުރެއްވީ އެ މަގާމުގައި ހުންނެވި ޑރ. މަރިޔަމް ޒުލްފާ މަގާމުން ވަކިކުރެއްވުމަށްފަހުއެވެ.


ނިމާލް ކުރިން ހުންނެވީ މާލެ އަތޮޅު ކައުންސިލްގެ ރައީސްގެ މާގާމުގައެވެ. އެ މަގާމުގައި ހުންނެވިއިރު އަތޮޅު ކައުންސިލް ރައީސުންގެ ތެރެއިން އެލްޖީއޭގެ ބޯޑުގައި އިންނަވާ މެންބަރުގެ މަގާމުވެސް ނިމާލް އަދާކުރެއްވިއެވެ. އަތޮޅު ކައުންސިލް ރައީސްގެ މަގާމުން ނިމާލް އިސްތިއުފާ ދެއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅުގައެވެ.

2012 ވަނަ އަހަރު ސަރުކާރުން އުފެއްދެވި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމު އެންމެ ފުރަތަމަ އަދާކޮށްފައިވަނީވެސް މުޙައްމަދު ނިމާލެވެ. އަދި ލަންކާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ މިނިސްޓަރ ކައުންސެލަރ މަޤާމާއި މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ)ގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަޤާމާއި ޓޫރިޒަމް މިނިސްޓްރީގެ ނައިބުގެ މަގާމުވެސް މުޙައްމަދު ނިމާލް ވަނީ އަދާކުރައްވާފައެވެ.

މުޙައްމަދު ނިމާލް ވަނީ އޮސްޓްރޭލިއާގެ ޗާލްސް ސްޓާޓް ޔުނިވަރސިޓީއިން ބެޗެލަރ އޮފް ބިޒްނަސް (މާކެޓިންގ) ހާސިލްކުރައްވާފައެވެ.

އެލްޖީއޭގެ ސީއީއޯއަކަށް ނިމާލް އައްޔަންކުރެއްވުމާ ގުޅިގެން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފު އުމަރު ވަނީ ނިމާލަށް މަރުޙަބާ ވިދާޅުވެފައެވެ. އަދި ރާއްޖޭގެ ލާމަރުކަޒީ ނިޒާމް ހަރުދަނާކުރުމަށް ގުޅިގެން މަސައްކަތް ކުރައްވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު އާދަމް ޝަރީފު އުމަރުވަނީ ރާއްޖޭގެ ލާމަރުކަޒީ ނިޒާމް ހަރުދަނާކުރުމަށް ގުޅިގެން މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވެފައެވެ.