ޚަބަރު

ސަޢޫދީއާއެކު އިސްލާމީ ދާއިރާއިން ގުޅިގެން މަސައްކަތްކުރުމަށް މަޝްވަރާކުރައްވައިފި


  • ކުރިއަށް އޮތްތަނުގައި ދެވުޒާރާގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ

ދިވެހިރާއްޖެއާ ސަޢޫދީ ޢަރަބިއްޔާގެ އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާ ގުޅިގެން އިސްލާމީ ދާއިރާއިން މަސައްކަތް ކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ.

މި މަޝްވަރާ ބައްދަލުވުން ބާއްވާފައިވަނީ ރާއްޖޭގެ އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ސަޢޫދީ ޢަރަބިއްޔާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. ވަޒީރު ޑރ. ޝަހީމް ވަނީ ސައުދީގެ އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ފަޟީލަތުއްޝައިޚު ޑރ. ޢަބްދުއްލަޠީފު އާލުއްޝައިޚާ ބައްދަލުކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމާ ގުޅޭގޮތުން މީޑިއާތަކާ ހިއްސާކުރެއްވި މެސެޖެއްގައި ވަޒީރު ވިދާޅުވީ ދެ ވުޒާރާ ގުޅިގެން އިސްލާމީ ދާއިރާއިން ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވި ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގައި ސައުދިއަރަބިއްޔާގެ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާ ގުޅިގެން މަސައްކަތްކުރުމަކީ އެމަނިކުފާނު މުހިންމުކަމެއް ދެއްވާކަމެއްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ޝަހީމް ވަނީ ސަޢޫދީ ޢަރަބިއްޔާއިން މިހާތަނަށް ރާއްޖޭގެ އިސްލާމީ ކަންތައްތަކަށް ވެދެއްވި އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ކުރިއަށް އޮތްތަނުގައި ދެވުޒާރާގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

ރާއްޖޭގެ އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ސައުދީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ އިސްލާމީ ޤައުމުތަކުގެ އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާތައް ބައިވެރިވާގޮތަށް ބާއްވާ ޙާއްސަ ކޮންފަރެންސްގެ 9ވަނަ ސެޝަންގައި ބައިވެރިވަޑައިގަތޔުމަށް ކުރައްވާ ދަތުރުފުޅެކެވެ. ވަޒީރުގެ މި ދަތުރުފުޅުގައި މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލް ޢައުޡަމްގެ އިސް އިމާމު ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފުގެ އިތުރުން ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރް އައްޝައިޚް އިމްތިޠާއު ޢައްބާސް ބައިވެރިވެވަޑައިގަންނަވައެވެ.

މި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ރާއްޖެ އެނބުރި ވަޑައިގަންނަވާނީ މި މަހުގެ 7 ވަނަ ދުވަހުގައެވެ.