ރާއްޖޭގެ ސިޔާސީ ތާރީޚާބެހޭ ފޮތަކާއި ރާއްޖެއަށް އެކި ދާއިރާތަކުން ޚިދުމަތްކުރެއްވި ބޭފުޅުންނާ ބެހޭގޮތުން ލިޔެފައިވާ ފޮތެއް ނެރެފިއެވެ.
"ދިވެހިރާއްޖޭގެ ސިޔާސީ ތާރީޚު 1"އާއި "ދިވެހިރާއްޖޭގައި އުފެދުނު ޝަރަފުވެރި ބޭބޭފުޅުންގެ ޒިކުރާގެ ތެރެއިން އުސްތާޛުނާއި ޢާލިމުން، އުދަބާއުނާއި ޝާޢިރުން" ގެ ނަމުގައި ލިޔެފައިވާ މިފޮތްތައް ނެރެދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲއެވެ.
މި ދެ ފޮތް ނެރެފައިވަނީ ވިލާ ކޮލެޖުން އަލަށް ތަޢާރަފްކުރާ 2 ޑިގްރީ ޕްރޮގުރާމެއް އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. މި ދެ ފޮތަކީވެސް ވިލާ ކޮލެޖުގެ ލެކްޗަރަރ އަދި މަޝްހޫރު ތާރީޚީ ޢިލްމުވެރިޔާ (ކަށިމާ) އަޙްމަދު ޝާކިރު ލިޔުއްވާފައިވާ ދެ ފޮތެކެވެ.
މި ފޮތްތަކާ ބެހޭގޮތުން ވާހަކަދައްކަވަމުން އަޙްމަދު ޝާކިރު ވިދާޅުވީ، ރާއްޖޭގެ ސިޔާސީ ތާރީޚާ ބެހޭގޮތުން ލިޔެފައިވާ ފޮތެއް ލިޔުނީ މި ދާއިރާގައި ލިޔެފައިވާ ފޮތްތައް މަދުވެފައި އެފަދަ މަޢުލޫމާތު ހޯދޭނެ ގޮތްތައް ފަހިވެފައި ނެތުމުން ކަމަށެވެ. އަދި ސިޔާސީ ދާއިރާތަކުން މަތީ ތަޢުލީމު ޙާސިލްކުރާ ދަރިވަރުންނަށް ބޭނުންތެރި ފޮތަކަށް މި ފޮތްވާނެކަން ޝާކިރު ފާހަގަކުރެއްވިއެވެ.
"އަޅުގަނޑު މި ފޮތް ފެށީ މީލާދީ ގޮތުން 1 ވަނަ ޤަރުނާ ހަމައިން. މާސެލީނަސް އެމިއާނޮސް ރާއްޖޭއާ ބެހޭގޮތުން ވިދާޅުވެފައި އޮތް ވީދާޅުވުމުން ފަށައިގެން މި ފޮތް އަޅުގަނޑު ލިޔުންނީ ވަރަށް ތަފްސީލްކޮށް. މި ފޮތަކީ ބޭރު ދުނިޔޭގެ 13 ދައުލަތަކާ ވަރަށް ބޮޑު ގުޅުމެއް ރާއްޖެއާ ދެމެދު އޮތްކަމުގެ ވާހަކަ ކިޔައިދޭ ފޮތެއް." ޝާކިރު ވިދާޅުވިއެވެ.
ރާއްޖެއަށް ޚިދުމަތްކުރެއްވި ބޭފުޅުންނާ ބެހޭގޮތުން ލިޔެފައިވާ ފޮތާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޝާކިރު ވިދާޅުވީ މި ފޮތް ލިޔުމުގެ މައިގަނޑު މަޤުޞަދަކީ ރާއްޖެއަށް އެކި ދާއިރާތަކަށް ޚިދުމަތްކުރެއްވި ބޭބޭފުޅުންގެ މަޢުލޫމާތު އެއް ފޮތަކުން ފޯރުކޮށްދިނުން ކަމަށެވެ. އެގޮތުން 34 ޚިދުމަތްތެރިއެއްގެ މަޢުލޫމާތު މިފޮތުގައި ހިމެނޭނެކަމަށް އޭނާ ވިދާޅުވިއެވެ.
ވިލާ ކޮލެޖުން ބުނީ މިފޮތްތައް ގަނެވޭނެ އިންތިޒާމް ވިލާ ކޮލެޖުން ވަރަށް އަވަހަށް ހަމަޖައްސާނެ ކަމަށެވެ.