މިއަހަރުގެ މިނިވަން ދުވަހާ ގުޅިގެން ޤައުމީ ދިފާޢީ ބާރުން ބާއްވާ ޝަރަފުގެ ހިނގާލުން މިއަދު ހަވީރު މާލޭގައި އޮންނާނެއެވެ.
ޤައުމީ ދިފާޢީ ބާރުން ވިދާޅުވީ މި ހިނގާލުން ފަށާނީ މިއަދު ހަވީރު 4:15 ގައި ބަންޑާރަކޮށިން ކަމަށެވެ. މި ހިނގާލުން ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުން ވަޑައިގަންނަވާނެއެވެ.
މި ހިނގާލުމުގައި ޖުމްލަ 5 ތަނެއްގައި ލަޝްކަރު ހުއްޓުމަށް ވަނީ ހަމަޖެހިފައެވެ. މިއިން ކޮންމެ ތަނެއްގައި މިލިޓަރީ ބޭންޑުގައި ރާގު ކުޅޭނެކަމަށް ޤައުމީ ދިފާޢީ ބާރުން ވިދާޅުވެއެވެ. އަދި ހިނގާލުން ނިންމާލުމަށް ހަމަޖެހިފައިވަނީ ކަޅުތުއްކަލާކޮށްޓަށްކަމަށްވެސް ޤައުމީ ދިފާޢީ ބާރުން ވިދާޅުވެއެވެ.
• އަމީރު އަހުމަދު މަގު، ޕާކިންގ ޒޯން ކުރިމަތި
• ސޯސަންމަގު ދިވެހިބަހުގެ އެކެޑަމީ ކުރިމަތި
• މަޖީދީމަގު / ޗާންދަނީމަގު ހަތަރު އަނގޮޅި
• މަޖީދީމަގު / މިލިޔަން ބުކްޝޮޕް ކުރިމަތި
• ބޮޑުތަކުރުފާނުމަގު ކަޅުތުއްކަލާ ކޮށި ހުޅަނގު އުތުރު ކަންމަތި
މިއަދު ހަވީރު ހިނގާލުން އޮންނާތީ މާލޭގެ މަގުތަކުގައި އެއްގަމު އުޅަނދު ދުއްވުން މަނާ ވާނެއެވެ. އެގޮތުން ހަވީރު 4:00 އިން 6:00 އަށް މާލޭގެ މަގުތަކުގައި އެއްގަމު އުޅަނދު ދުއްވުން މަނާވާނެކަން މާލެ ސިޓީ ކައުންސިލުން ވަނީ އަންގައި އިޢުލާންކޮށްފައެވެ.
މީގެ ކުރިން މިނިވަން ދުވަހުގެ ހިނގާލުން ބާއްވަން ނިންމާފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ. ހިނގާލުން ފަސްކުރީ މޫސުން ތަންނުދިނުމުގެ ސަބަބުންކަމަށް ދިފާޢީ ބާރުން ވިދާޅުވެފައިވެއެވެ.
މި ހިނގާލުން މާލޭގެ އިތުރުން ހުޅުމާލޭގައިވެސް ބޭއްވުމަށް ޤައުމީ ދިފާޢީ ބާރުން ވަނީ ނިންމަވާފައެވެ. އެގޮތުން ހުޅުމާލޭގައި ހިނގާލުން އޮންނާނީ ހޮނިހިރު ދުވަހު ހަވީރު 16:15 ހުޅުމާލޭ ފޭސް އެކެއްގައެވެ.
ސަރުކާރުގެ ޚަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން މިނިވަން ދުވަހާއި ދިމާކޮށް ޢާންމުކޮށް ބާއްވަމުން އަންނަ ފުޅަނދު ބުރާއި، ކުޅިވަރުތަކާއި ރިސެޕްޝަންފަދަ ހަރަކާތްތައް ނުބާއްވަން ސަރުކާރުން ވަނީ މިއަހަރު ނިންމަވާފައެވެ.
ކޮންމެ އަހަރަކުވެސް ދިވެހިރާއްޖޭގެ މިނިވަން ދުވަސް، ފާހަގަކުރަނީ ޖުލައި މަހުގެ 26 ވަނަ ދުވަހުއެވެ.