ޚަބަރު

މިދިޔަ ކުއާޓަރުގައި އެސްޓީއޯއަށް 3.5 ބިލިއަން ރުފިޔާގެ އާމްދަނީއެއް


  • އާމްދަނީ ވަނީ %23 ދަށްވެފައި

  • އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ ތެލުގެ ވިޔަފާރީގެ އަގުތަކަށް އައި ބަދަލުތައް

  • ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 148 މިލިއަން ރުފިޔާ

މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން، އެސްޓީއޯއަށް 3.5 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.

މި އަދަދަކީ މިއަހަރުގެ ފުރަތަމަ ކުއާޓަރާއި އަޅާބަލާއިރު ދަށް އަދަދެކެވެ.

އެސްޓީއޯއިން އާއްމުކޮށްފައިވާ އެ ކުންފުނީގެ 2 ވަނަ ކުއާޓަރުގެ މާލީ ރިޕޯޓުގައިވާ ގޮތުން ދެވަނަ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި ލިބުނު 3.5 ބިލިއަން ރުފިޔާއަކީ ފުރަތަމަ ކުއާޓަރާއި އަޅާބަލާއިރު 23 އިންސައްތަ ދަށް އަދަދެކެވެ. އެސްޓީއޯއިން ބުނީ އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ އެކުންފުނީގެ މައިގަނޑު ވިޔަފާރިކަމުގައިވާ ތެލުގެ ވިޔަފާރިއަށް ކުރި އަސަރުތައްކަމަށެވެ. އެގޮތުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކާއި އެކު ރާއްޖޭގެ މާކެޓްގައި ތެޔޮ ވިއްކާ އަގުތަކަށް ކުޑަކޮށްފައިވާކަން އެސްޓީއޯން ހާމަކުރެއެވެ. އަދި ތެޔޮ ވިއްކާ އަގުތަކަށް ގެނެވުނު ބަދަލާއެކު ކުންފުންޏަށް ލިބުނު ފައިދާ ފުރަތަމަ ކުއާޓަރާއި އަޅާބަލާއިރު 16 އިންސައްތަ ނުވަތަ 515 މިލިއަން ރުފިޔާއަށް ދަށްވެފައިވާކަމަށް އެސްޓީއޯގެ މާލީ ރިޕޯޓްގައިވެއެވެ.

މާލީ ރިޕޯޓްގައިވާ ގޮތުން ހިންގުމުގެ ޚަރަދު ދަށްވުމާއެކު ހިންގުމުގެ ފައިދާގެ ގޮތުގައި ދެވަނަ ކުއާޓާރގައި ވަނީ 203 މިލިއަން ރުފިޔާ ލިބިފައެވެ.

ޓެކްސްއަށް ކެނޑުމުގެ ކުރިން ފައިދާގެ ގޮތުގައި އެސްޓީއޯއަށް 177 މިލިއަން ރުފިޔާ ދެވަނަ ކުއާޓަރުގައި ލިބިފައިވާއިރު، ޓެކުހަށް ކެނޑުމަށްފަހު، ސާފު ފައިދާގެ ގޮތުގައި ވަނީ 148 މިލިއަން ރުފިޔާ ލިބިފައެވެ. މިއީ އޭގެ ކުރީ ކުއާޓަރއާއި އަޅާބަލާއިރު 24 އިންސައްތަ ދަށް އަދަދެކެވެ.

އެސްޓީއޯއަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ގިނަ ވިޔަފާރިތަކެއް ހިންގާ ކުންފުންޏެކެވެ. އެގޮތުން ތެލާއި ބޭހާއި އަދި ކޮންސްޓްރަކްޝަން ސާމާނުގެ އިތުރުން ކެއިން ބުއިމުގެ ބާވަތްތަކުގެ ވިޔަފާރިވެސް އެކުންފުނިން ކުރެއެވެ.