ޚަބަރު

ބޭނުންވަނީ ރާއްޖޭގެ މާލީ ދާއިރާއަކީ ސަރަހައްދުގެ އެއްވަނަ ދާއިރާއަށް ހަދަން: މުނައްވަރު


  • މާލީ ދާއިރާ އުފެއްދުންތެރިކަމުގެ ނިސްބަތުން ދެގުނަ ކުރައްވާނެކަމަށް ވިދާޅުވި

  • މަސްއޫލިއްޔަތު އަދާނުކުރެވިއްޖެނަމަ އިސްތިއުފާ ދެއްވާނެ

ރާއްޖޭގެ މާލީ ދާއިރާއަކީ މި ސަރަހައްދުގެ އެއްވަނަ ދާއިރާއަށް ހެދުމަކީ އަމާޒެއް ކަމަށް ކުރީގެ މާލީ ވަޒީރު އަހުމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.

މުނައްވަރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި މައުލޫމާތު ދެއްވަމުންނެވެ. މާލިއްޔަތު ކޮމިޓީއަށް މުނައްވަރު ހާޒިރުކުރީ އެމްއެމްއޭގެ ގަވަރުނަރަކަށް މުނައްވަރު އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ހުށަހެޅުއްވުމާ ގުޅިގެން އިންޓަވިއު ކުރުމަށެވެ.

މާލިއްޔަތު ކޮމިޓީގައި ކުރީގެ މާލީ ވަޒީރު އަހުމަދު މުނައްވަރު ވިދާޅުވީ ރާއްޖޭގެ މާލީ ދާއިރާއަކީ ރާއްޖޭގެ އިޤްތިޞާދު އެންމެ ބޮޑަށް ސިންދަފާތު ކުރެވޭނެ އެއް ދާއިރާ ކަމަށެވެ. އުފެއްދުންތެރިކަމުގެ ނިސްބަތުން ރާއްޖޭގެ މާލީ ދާއިރާއަކީ 6 އިންސައްތަކަމަށާއި ފަސް އަހަރުތެރޭ އެ އަދަދު ދެގުނަ ކުރުމަކީ އަމާޒެއް ކަމަށް މުނައްވަރު ވިދާޅުވިއެވެ.

"މިއީ ކުރެވިދާނެ ކަމެއް. އަޅުގަނޑުމެންނަށް ރަނގަޅަށް މީހުން ބިނާ ކުރެވިއްޖެ ކަމުގައިވާނަމަ އަޅުގަނޑުމެންނަށް މި ސަރަހައްދުގެ އިތުރު އިންވެސްޓްމަންޓުތައް ގެނެވި، އަޅުގަނޑުމެންނަށް ސިންގަޕޫރުފަދަ މާލީ ޤައުމަކަށް ހެދިދާނެ،" މުނައްވަރު ވިދާޅުވިއެވެ.

އެމްއެމްއޭގެ ގަވަރުނަރަކަށް ވުމުން ރައްޔިތުންނަށް ފައިދާހުރި ކަމެއްގައި ސަރުކާރަށް ހުރަސް ނޭޅިނަމަވެސް ރައްޔިތުންނަށް އަދި ޤައުމަށް ގެއްލުންވާ ކަންކަމުގައި ދެކޮޅު ހައްދަވާނެ ކަމަށްވެސް މުނައްވަރު ވިދާޅުވިއެވެ. އަދި އިސްތިއުފާ ދޭން ޖެހިއްޖެ ހާލަތެއްގައި އިސްތިއުފާވެސް ދެއްވާނެ ކަމަށްވެސް މުނައްވަރު ވިދާޅުވިއެވެ.

"އަޅުގަނޑު އަބަދުވެސް ގަބޫލުކުރާ އުސޫލުތަކެއް އެބަހުރި. އެ އުސޫލުތަކުގައި އަޅުގަނޑު ހިފަހައްޓާނަން. އަޅުގަނޑު ވަރަށް ބޮޑަށް ގަބޫލުނުކުރާ އެއް އުސޫލެއް އެމްއެމްއޭއިން ކޮންމެ ހާލަތެއްގައި ސަރުކާރު ބުނާހާއިރަކަށް ފައިސާ ޖަހަންޖެހޭނެކަމަކަށް. އަޅުގަނޑުގެ ހިތްވަރު ހުންނާނެ،" މުނައްވަރު ވިދާޅުވިއެވެ.

މުނައްވަރު ވިދާޅުވީ މާލީ ދާއިރާ ކުރިއެރުވުމަށް މީހުން ތަމްރީން ކުރުމުގައި އެމްއެމްއޭއިން އިސްކަމެއް ދޭން ޖެހޭ ކަމަށެވެ. މީގެ ތެރޭގައި ނޫސްވެރިންވެސް ހިމެނޭކަމާއި އެގޮތަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.