ލޯކަލް ކައުންސިލްތަކުގެ ހުސްވާ ގޮނޑިތަކަށް މެންބަރުން އިންތިޚާބުކުރުމަށް ބާއްވާ ބައި-އިލެކްޝަންތައް އަހަރަކު ދެ ފަހަރު ބާއްވާގޮތަށް ޤާނޫނުތަކަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.
ސަރުކާރުގެ ފަރާތުން ވަނީ ދެ ޤާނޫނަކަށް އިސްލާހު ގެނައުމަށް ހުށަހަޅުއްވާފައެވެ. މި އިސްލާހުތައް ހުށަހެޅުއްވީ އިސްދޫ ދާއިރާގެ މެންބަރު އިސްމާޢީލް ޝަފީޢުއާއި ކާށިދޫ ދާއިރާގެ މެންބަރު މުންތަޡިމް އިބްރާހީމެވެ.
ސަރުކާރުގެ ފަރާތުން އެ އިޞްލާހުތައް ހުށަހަޅުއްވާފައިވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނާއި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނަށެވެ. ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ ބަޔާންކުރާގޮތުގައިލޯކަލް ކައުންސިލްތަކުގެ ހުސްވާ ގޮނޑިތަކަށް މެންބަރުން އިންތިޚާބުކުރުމަށް 60 ދުވަހުގެ ތެރޭގައި ބައި-އިލެކްޝަން ބާއްވަން ޖެހެއެވެ. ސަރުކާރުން ހުށަހަޅުއްވާފައިވަނީ މި މުއްދަތު 183 ދުވަހަށް އިތުރުކުރުމަށެވެ.
މި އިސްލާހު ހުށަހެޅުއްވި ސަބަބެއް ކަމަށް އިސްދޫ ދާއިރާގެ މެންބަރު އިސްމާޢީލް ޝަފީޢު ވިދާޅުވީ ކައުންސިލްތަކުގެ މެންބަރުންގެ ގޮނޑި ހުސްވާ ހާލަތްތައް އިތުރުވަމުންދިއުމުގެ ސަބަބުން ތަކުރާރުކޮށް ގިނަ އަދަދަކަށް ބައި-އިލެކްޝަން ބާއްވަން ޖެހޭތީކަމަށެވެ. އޭގެ ސަބަބުން އެ އިންތިޚާބުތަކަށް ކުރަންޖެހޭ ޚަރަދުތައް އިތުރުވަމުންދާ ކަމަށްވެސް އިޞްލާހު ހުށައެޅުއްވި މަޤްޞަދުގައި ވަނީ ބަޔާންކުރައްވާފައެވެ.
ސަރުކާރުގެ ފަރާތުން ހުށަހަޅުއްވާފައިވާ މި އިސްލާހުގެ ދަށުން ކައުންސިލްތަކުގެ ރައީސުންނާއި މެންބަރުންގެ ގޮނޑި ހުސްވާތާ 14 ދުވަހުގެ ތެރޭގައި އެކަން ލޯކަލް ގަވަރމަންޓް އޮތޯރިޓީ، އެލްޖީއޭއީން އިލެކްޝަންސް ކޮމިޝަނަށް އަންގަންޖެހެއެވެ. އަދި މިކަން އެލްޖީއޭއިން އަންގާތާ ލަސްވެގެން 183 ދުވަހުގެ ތެރޭގައި އެ ބައި-އިލެކްޝަން ބާއްވަންޖެހޭއިރު، އެ ކައުންސިލެއްގެ ކޯރަމް ހަމަނުވާނަމަ 60 ދުވަހުގެ ތެރޭގައި އެ ގޮނޑިއަކަށް މެންބަރަކު އިންތިޚާބު ކުރަންޖެހޭނެ ކަމަށްވެސް އަލަށް ހުށައެޅުއްވި އިޞްލާހުގައި ބަޔާންކުރައްވާފައިވެއެވެ.
މި އިސްލާހުގައިވާ ގޮތުން ރަށު ކައުންސިލާއި އަތޮޅު ކައުންސިލްތަކުގެ ނައިބު ރައީސުންނާއި ޑެޕިއުޓީ މޭޔަރުންގެ ގޮނޑި ހުސްވެއްޖެނަމަ އަމަލުކުރަންޖެހޭ ގޮތް ތަފާތުވެއެވެ. އެގޮތުން، އެއްވެސް ނައިބު ރައީސެއް ނުވަތަ ޑެޕިއުޓީ މޭޔަރެއްގެ ގޮނޑި ހުސްވެއްޖެކަން އެލްޖީއޭއިން އިލެކްޝަންސް ކޮމިޝަނަށް އަންގާތާ ގިނަވެގެން 30 ދުވަހުގެ ތެރޭގައި ބައި-އިލެކްޝަން ބާއްވަންޖެހޭނެއެވެ.
މީގެ އިތުރުން ނައިބު ރައީސެއް ނުވަތަ ޑެޕިއުޓީ މޭޔަރެއްގެ ގޮނޑި ހުސްވާއިރު އެ ކައުންސިލެއްގެ ރައީސް ނުވަތަ މޭޔަރުގެ މަގާމު ހުސްވެފައި އޮތްނަމަ އެ ކައުންސިލެއްގެ ނައިބު ރައީސް ނުވަތަ ޑެޕިއުޓީ މޭޔަރު އިންތިޚާބު ކުރުމަށް ހަތް ދުވަހުގެ ތެރޭގައި ބައި-އިލެކްޝަން ބާއްވަން ޖެހޭނެކަމަށްވެސް ޤާނޫނަށް ހުށަހަޅުއްވާފައިވާ އިސްލާހުގައި ވަނީ ބަޔާންކުރައްވާފައެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނަށް ހުށަހަޅުއްވާފައިވާ އިސްލާހުގެ ދަށުން ހުސްވެފައިވާ ގޮނޑިތަކަށް މެންބަރުން އިންތިޚާބުކުރަން ބައި-އިލެކްޝަން ބާއްވަންޖެހޭނީ އަހަރަކު ދެ ފަހަރުއެވެ. އަދި ދެ ބައި އިލެކްޝަން ދެމެދުގައި 183 ދުވަހަށްވުރެ ދިގު މުއްދަތެއް އަދި 120 ދުވަހަށްވުރެ ކުރު މުއްދަތެއް ފާއިތުވެގެން ނުވާނެ ކަމަށްވެސް ވަނީ ބަޔާންކުރައްވާފައެވެ. މި އިސްލާހަށް ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކުގެ ނައިބު ރައީސުންނާއި ސިޓީތަކުގެ ޑެޕިއުޓީ މޭޔަރުން އިންތިޚާބުކުރުމުގައި އަމަލުނުކުރާނެއެވެ.
މި ޤާނޫނުތަކަށް އިސްލާހު ގެނައުމަށް ހުށަހަޅުއްވާފައިވާއިރު ކައުންސިލެއްގެ ދައުރު ހަމަވާން 365 ދުވަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއް އޮތްނަމަ ބައި-އިލެކްޝަނެއް ނުބާއްވާނެއެވެ. އަދި ބައި-އިލެކްޝަނުން ހޮވާ މެންބަރުންގެ މަގާމުގެ މުއްދަތަކީ މިހާރުވެސް އޮންނަ ގޮތަށް ކައުންސިލުގެ އުމުރު ހަމަވަންދެންނެވެ.