ޚަބަރު

ނޭއްގާނީ އިސްރާއީލު ނޫން ހުރިހާ ޤައުމުތަކާއެކުވެސް ރާއްޖެއިން ގުޅުން ބާއްވާނެ: ވަޒީރު


  • ރައީސްގެ "ޕްރޯ މޯލްޑިވްސް" ސިޔާސަތު ކާމިޔާބުކަން ފާހަގަކުރެއްވި

  • ދޭދޭ ޤައުމުތަކާއެކު ކުރެވޭ މަސައްކަތުން ދަތިތަކުން އަރައިގަނެވޭނެ

އިސްރާޢީލު ފަދަ ނޭއްގާނީ ޤައުމެއް ފިޔަވައި އެހެން ހުރިހާ ޤައުމުތަކާއެކުވެސް ރާއްޖެއިން ރަހުމަތްތެރިކަމުގެ ގުޅުން ބާއްވާނެކަމަށް ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ޚާރިޖީ ވަޒީރު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާރިޖީ ސިޔާސަތު ތަންފީޒުކުރުމަށް ކުރައްވާ މަސައްކަތްތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުންނެވެ.

ޚާރިޖީ ވަޒީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ޚާރިޖީ ސިޔާސަތަކީ "ޕްރޯ މޯލްޑިވްސް" ކަމަށާއި އެއީ ރާއްޖޭގެ ޤާނޫނުއަސާސީއާ ޤާނޫނުތަކުގެ ތެރެއިން ރާއްޖެއިން ޤަބޫލުކުރާ ކޮންމެ ބަޔާކާއެއްކޮށްވެސް ދޭދޭ ގުޅުން ބާއްވައިގެން މަސައްކަތް ކުރެވޭނެ ސިޔާސަތެއްކަމަށެވެ. އަދި ރައީސް އެ ސިޔާސަތު އިއުލާންކުރެއްވި ހިސާބުންވެސް އެއީ ރާއްޖެއަށް އެންމެ ބޭނުންވާ ފަދަ މުހިއްމު ސިޔާސަތެއްކަމަށް އެމަނިކުފާނު ޤަބޫލުކުރެއްވިކަަމަށް ވަޒީރު މޫސާ ޒަމީރު ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަކީ ހުރިހާ ޤައުމުތަކުގެވެސް ރަޙުމަތްތެރިން، އިސްރާއީލު ކަހަލަ ނޭއްގާނީ ޤައުމެއް ފިޔަވައި. ހުރިހާ ޤައުމަކާއެކުވެސް ރަހުމަތްތެރިކަން ބާއްވައިހެން ރާއްޖޭގެ ރައްޔިތުންނަށް ފައިދާވާނެ ކަންތައްތައް ކުރަން. މިއަދު ރައީސް އެވަނީ އެކަން ޔަގީންކޮށްދެއްވާފަ. 8 މަސް ނިމިގެންދާއިރު ހުރިހާ ކަމެއްވެސް އެވަނީ ރައީސް ވިދާޅުވިގޮތަށް އެވަނީ ފޮރިން ޕޮލިސީގެ ތެރެއިން ގެނެސްދެއްވާފަ" ވަޒީރު މޫސާ ޒަމީރު ވިދާޅުވިއެވެ.

ރާއްޖެއަށް ކުރިމަތިވެފައިވާ އިޤްތިސާދީ ދަތި ދަނޑިވަޅުން އަރައިގަތުމުގެ މަސައްކަތް ދޭދޭ ޤައުމުތަކާ ގުޅިގެން ސަރުކާރުން ކުރަމުންގެންދާކަން ފާހަގަކުރައްވަމުން ވަޒީރު މޫސާ ޒަމީރު ވަނީ ރާއްޖޭގެ ހާލަތު ކުރިއަށްއޮތް ދުވަސްތަކުގައި ބަދަލުވެގެންދާނީ އުޖާލާ ދުވަސްތަކާކަމަށް ގަބޫލުކުރައްވާކަމަށެވެ.

އަދި ރައީސްގެ އިޤްތިސާދީ ސިޔާސަތުތައް ދުނިޔޭގެ ލީޑަރުން ބަލައިގަނެ އިސިޔާސަތުތަކަށް ތައުރީފުކުރައްވަމުން ގެންދަވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ޚާރިޖީ ވަޒީރުގެ ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިނިވަން ދުވަހުގެ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައިި ފާހަގަކުރެއްވި ފަދައިން ރާއްޖޭގެ ކޮންމެ ބޮލަކަށްޖެހޭ އާމްދަނީ ނިސްބަތް އިތުރުކުރުމަށް ޤައުމުތަކާއެކު ކުރެވޭ މަސައްކަތްތަކުން ކުރިއެރުންތައް ލިބެން ފަށާފައިވާކަން ވަނީ ފާހަގަކުރައްވާފައެވެ.

އަދި ދިވެހި ރައްޔިތުންގެ ކުރިއެރުމާއި ލާބައަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ގެންގުޅުވާ އިޤްތިޞާދީ އަދި ޚާރިޖީ ސިޔާސަތުގެ ސަބަބުން ރާއްޖެއަށް ފަސޭހަތަކާއި އިތުރު ކުރިއެރުންތައް އަވަސް މުސްތަޤްބަލެއްގައި ނުހަނު ފުޅާކޮށް ލިބިގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖެއަކީ ކިތަންމެ ކުޑަ ޤައުމެއް ނަމަވެސް ފަލަސްތީނުގެ ޙައްޤުގައި ކުރެވެންހުރި ކަންކަން އިތުރު ހަރުފަތަކަށް އަދުގެ ސަރުކާރުން ގެންގޮސްފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.