ޤަވާއިދާ ޚިލާފަށް ކޯސް ހިންގަމުންދާތީ ކްލިކް ކޮލެޖާއި އެވިޑް ކޮލެޖަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ)އިން ފިޔަވަޅު އަޅައިފިއެވެ.
އެ ދެ ކޮލެޖަށް އެމްކިއުއޭއިން ފިޔަވަޅު އަޅާފައިވަނީ ދެ ކޮލެޖުގައި ހިންގާ ކޯސްތަކާ ގުޅޭގޮތުން ލިބެމުންދާ ޝަކުވާތައް ބެލުމަށްފަހު ޕްރޮގްރާމް އެކްރެޑިޓޭޝަން ގަވާއިދުގެ ދަށުން ކަމަށް އެމްކިއުއޭއިން ވިދާޅުވެއެވެ.
އެމްކިއުއޭއިން ގެޒެޓްގައި އާންމުކުރި މަޢުލޫމާތަށް ބަލާއިރު އެވިޑް ކޮލެޖާ ބެހޭ ގޮތުން މައިގަނޑު ގޮތެއްގައި ހުށަހެޅި ޝަކުވާއަކީ ލެކްޗަރާއިންނަށް ދޭން ޖެހޭ މުސާރަ ނުދޭތީ ދަރިވަރުންގެ އިމްތިހާން ކަރުދާސްތައް ބައެއް ލެކްޗަރާއިން މާކު ނުކުރުމެވެ. އޭގެ ސަބަބުން ޕްރޮގްރާމްގެ މުއްދަތު އިތުރުވެ، އެ މުއްދަތަށް ދަރިވަރުންނަށް އިތުރަށް ފައިސާ ދައްކަން ޖެހުމުގެ ޝަކުވާ ހިމެނެއެވެ. އެ ޝަކުވާއާ ގުޅިގެން އެމްކިއުއޭއިން އެވިޑް ކޮލެޖުގެ 7 ޕްރޮގްރާމެއްގެ 'ރެންޑަމް ބެޗް އޮޑިޓް'އެއް ކުރިއަށް ގެންދިއުމުން ޕްރޮގްރާމް އެކްރެޑިޓޭޝަން ގަވާއިދާއި ގައިޑްލައިނާ ޚިލާފު ގިނަ ކަންތައްތަކެއް ކޮށްފައިވާކަން ވަނީ ފާހަގަކޮށްފައެވެ.
މިކަންކަމާ ބެހޭ މައުލޫމާތު އެމްކިއުއޭއިން ވަނީ މެއި މަހުގެ 5 ވަނަ ދުވަހު އެވިޑް ކޮލެޖުގެ މެނޭޖްމަންޓާ ބައްދަލުކޮށް ހިއްސާކޮށްފައެވެ. އަދި 2017 އިން ފެށިގެން އެކި އަހަރު މަތިން އެވިޑް ކޮލެޖަށް އެކި ކަންކަން ރަނގަޅު ކުރުމަށް އެމްކިއުއޭއިން ލިޔުމުން އަންގާފައިވާތީ، އެމްކިއުއޭއިން ނިންމީ ގައުމީ ސަަނަދުތަކުގެ އޮނިގަނޑާއި ޕްރޮގްރާމް އެކްރެޑިޓޭޝަނާ ޚިލާފަށް ހިންގާ ކަންކަން ރަނގަޅު ކުރުމަށް އެކޮލެޖަށް އެންގުމަށެވެ. އަދި އިތުރު ޕްރޮގްރާމްތަކަށް އެކްރެޑިޓޭޝަނާއި ހިންގުމުގެ ހުއްދަ ނުދިނުމަށް ވެސް އެއޮތޯރިޓީން ވަނީ ނިންމާފައެވެ.
އެމްކިއުއޭއިން ވިދާޅުވީ ކްލިކް ކޮލެޖަށް އީ-ލާނިން ޑެލިވަރީ މޮޑަލިޓީގެ ދަށުން އެއްވެސް ޕްރޮގްރާމެއް ހިންގުމުގެ ހުއްދަ އެއޮތޯރިޓީން ނުދޭ ކަމަށެވެ. ނަމަވެސް، ކޯވިޑް-19ގެ ބަލިމަޑުކަމުގެ ދުވަސްވަރު، ރާއްޖޭގައި މަތީ ތައުލީމު ދޭ ހުރިހާ މަރުކަޒުތަކުން ފާސްކޮށްފައިވާ ޕްރޮގްރާމްތައް ހިންގުމަށް އެފަދަ އާންމު ހުއްދައެއް އެމްކިއުއޭއިން ދިންނަމަވެސް އެ ހުއްދަ ކޯވިޑްގެ ހާލަތު ބަދަލުވުމުން ބާތިލު ކުރިކަމަށެވެ. އޭގެ ކުރިން ވެސް އޮންލައިންކޮށް ކޯސްތައް ހިންގުމަށް އެއްވެސް ޕްރޮގްރާމަކަށް ކްލިކް ކޮލެޖުން ހުއްދަ ނަގާފައި ނުވާކަންވެސް އެމްކިއުއޭއިން ވިދާޅުވެއެވެ.
އެ ކޮލެޖުން ހިންގަމުން އަންނަ 'ބެޗެލާ އޮފް ބިޒްނަސް މެނޭޖްމަންޓް' ޕްރޮގްރާމަކީ 2019ގައި ދަރިވަރުން ކޮލެޖަށް ގެންގޮސްގެން ހިންގަން ހުއްދަ ދީ، މި އަހަރު އެގޮތަށް އެކްރެޑިޓޭޝަން ވެސް ދިން ޕްރޮގްރާމެއް ނަމަވެސް، މިހާތަނަށް ވެސް އެ ޕްރޮގްރާމް ހިންގަމުން އަންނަނީ އީ-ލާނިން މޮޑަލިޓީގައިކަން ދަރިވަރުން ވަނީ އެމްކިއުއޭއަށް ޝަކުވާ ހުށަހަޅާފައެވެ.
މި މައްސަލަތަކާ ގުޅިގެން ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑާއި ޕްރޮގްރާމް އެކްރެޑިޓޭޝަނާ ޚިލާފަށް ހިންގާ ކަންކަން ރަނގަޅުކުރަން ވަނީ އަންގާފައެވެ. އަދި އެކްރެޑިޓު ނުކޮށް މަތީ ތައުލީމުގެ ޕްރޮގްރާމެއް ހިންގާ މަރުކަޒެއްގެ ގޮތަށް 10،000 ރުފިޔާއިން އިން އެ ކޮލެޖް ޖޫރިމަނާކޮށް ޕްރޮގްރާމް ހުއްޓާލުމަށް ވަނީ އަންގާފައެވެ. އަދި ސަނަދު ދިނުމުގެ ހުއްދަ ދޫނުކުރުމަށާއި ގަވާއިދާ ޚިލާފަށް ހިންގާ ޕްރޮގްރާމްތައް އާންމުކޮށް އިއުލާންކުރަންވެސް އެމްކިއުއޭއިން ވަނީ ނިންމާފައެވެ.
އެކްރެޑިޓޭޝަން ހުއްދައާ ނުލައި ހިންގާފައިވާ ހުރިހާ ޕްރޮގްރާމަކަށް ވެސް ފިޔަވަޅުތައް އަޅާނެ ކަމަށާއި އެ ޕްރޮގްރާމްތަކުގައި ކިޔަވާ ދަރިވަރުންނަށް ލިބޭ ގެއްލުމުގެ ޒިންމާ އުފުލަން ޖެހޭނީ ކްލިކް ކޮލެޖުން ކަމަށް ވެސް އެމްކިއުއޭއިން ވިދާޅުވެއެވެ.