އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި އެންމެ ރުފިޔާއެއްވެސް މިސަރުކާރުން ދީފައި ނުވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ޤައުމާ މުޚާޠަބުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ރާއްޖޭގެ އިޤްތިޞާދީ ސިޔާދަތު ހިމާޔަތްކުރެއްވުމަށް ކުރައްވާ މަސައްކަތްޕުޅަށް އަލިއަޅުއްވާލައްވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވީ އެމަނިކުފާނުގެ އެންމެ މަތިވެރި ޒިންމާއަކީ ޤައުމުގެ މިނިވަންކަން ކަށަވަރުކުރުންކަމަށެވެ. ރައީސް ވިދާޅުވީ އެމަނިކުފާނު ޤައުމާ ޙަވާލުވެވަޑައިގެންނެވިއިރު ޤައުމުގެ އިޤްތިޞާދީ ސިޔާދަތު އޮތީ ޔަޤީންވާ ހިސާބެއްގައި ނޫންކަމަށެވެ.
ޤައުމާ ޙަވާލުވެވަޑައިގެންނެވިއިރު ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުގައި ހުރީ އެންމެ 2 މިލިއަން ރުފިޔާކަން ތަކުރާރުކުރައްވާ ރައީސް ވިދާޅުވީ މިހާރު އެފަންޑަށް 65 މިލިއަން ޑޮލަރު ޖަމާކުރެވިފައިވާކމަށެވެ. މިއީ ބޭރުގެ ދަރަނި ދެއްކުމަށް ސަލާމަތްކުރާ ފައިސާކަމަށް ރައީސް ވިދާޅުވިއެވެ.
ސަރުކާރުގެ އިޤްތިޞާދީ އެޖެންޑާ އޮތީ އިޤްތިޞާދީ ސިޔާދަތު ޔަޤީންކުރުމަށްކަމަށާއި، ޖޫންމަހުގެ ނިޔަލަށް އާމްދަނީގެ ގޮތުގައި ކުރެވުނު މަސައްކަތުން 18.6 ބިލިއަން ރުފިޔާގެ ހޯދިފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އޭގެތެރެއިން ބޮޑު ޢަދަދެއްޚަރަދުކުރީ ފައިސާ ޗާޕްނުކޮށް ދައުލަތް ހިންގުމަށްކަމަށެވެ.
ލިބޭ އާމްދަނީއަކުން ޚަރަދުކޮށްގެން މިއަދާހަމައަށް ކުރެވުނު މަސައްކަތްތަކަށް އލިއަޅުއްވާލައްވާ ރައީސް ވިދާޅުވީ ކުރީ ސަރުކާރުން އެކި ނަންނަމުގައި ބަދަލުގެ ގޮތުގައި 2.4 ބިލިއަން ރުފިޔާ ދިންގޮތަށް މިސަރުކާރުން މިހާތަނަށް އެންމެ ރުފިޔާއެއްވެސް ބަދަލުގެ ގޮތުގައި ދީފައިނުވާނެކަމަށެވެ.
"އެއީ ސިޔާސީ ގޮތުން ކުރިކަމެއް އޭރުގެ ސަރުކާރުގައި. އަޅުގަނޑުމެން އެކަމެއް ނުކުރާނަން. އެއަށްވުރެ އަޅުގަނޑުމެން ޤައުމުގެ މިނިވަންކަން ޔަޤީންކުރުމަށްޓަކައި އިޤްތިޞާދީ ސިޔާދަތު ޔަޤީންކުރަން ބޭނުން އިޚްލާސްތެރިކަމާއެކު. ހަމައެކަނި ދެވިފައިވާނީ ކުރީސަރުކާރުގެ 5 އަހަރުތެރޭގައި އެކި ގޮތްގޮތުން ކޯޓަށްގޮސްގެން އަޅުގަނޑުމެންނަށް ޢަމުރުއައި ޙުކުމް އައި ދެތިންކަމާ ގުޅިގެން އަމުރުއައި 119.7 މިލިއަން ރުފިޔާ. މިސަރުކާރުގެ ދުވަސްވަރު ދިޔަ މައްސަލަތަކެއް ނޫން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ވަނީ ބޭރުގެ ދަރަނި ދެއްކުމަށް އެންމެ ބޮޑު އެހީއެއްވަނީ ޗައިނާއާއި އިންޑިއާކަން ފާހަގަކުރައްވާ އެދެޤައުމުން ދޭ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ.
ރައީސް ވިދާޅުވީ، ދަރަނީގެ ގޮތުގައި އިންޑިއާއަށް ދައްކަންޖެހުނު 50 މިލިއަން ރުފިޔާ ދެއްކުމުގެ މުއްދަތު އިތުރުކޮށްދެއްވައި، އަސާސީ ކާބޯތަކެތީގެ ކޯޓާ ދެއަހަރަށް އިތުރުކޮށްދީ، ލައިން އޮފް ކްރެޑިޓްގައި ހުރި ފައިސާ ބޭނުންކުރުން މަގުފަހިކޮށްދެއްވާފައިކަމަށެވެ.
މީގެ އިތުރުން ރާއްޖޭގެ ތަރައްޤީގެ މަޝްރޫއުތަކަށް ޗައިނާގެ އެގްޒިމް ބޭންކުން ނަގާފައިވާ ލޯންތަކާއި، އަރާފައިވާ އިންޓްރެސްޓް ކުރިއަށް އޮތް ފަސް އަހަރަށް ނުދައްކާގޮތަށް ހަދައިދޭނެކަމުގެ ޔަޤީންކަން ޗައިނާ ސަރުކާރުން ދީފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ. މިހާރު އެކަމުގެ ފަންނީ މަސައްކަތް ކުރިއަށްދާކަން ރައީސް ފާހަގަކުރެއްވިއެވެ.
ޔޫއޭއީ ސަރުކާރުންވެސް އެޤައުމަށް ދައްކަން އޮތް ލޯން ފަސްއަހަރަށް ފަސްކޮށްދޭނެކަމުގެ ޔަޤީންކަން ދީފައިވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މަސައްކަތްކުރައްވަނީ ލޯންތައް ލުއިގޮތަކަށް ބަހާލައިގެން ފަސް އަހަރަށް ރާއްޖޭގެ އިޤްތިޞާދު މެނޭޖުކުރުމަށް ރާވާފައިވާ ކަންކަން ތަންފީޒްކުރަމުން ގެންދަވާކަމަށެވެ.
މިދިޔަ އަށް މަސްދުވަހުގެ ތެރޭގައި ދައްކަންޖެހޭ ދަރަނި އެއްވެސް ފަސްކުރުމެއްނެތި އަދި ފައިސާ ޗާޕްނުކޮށް 3.8 ބިލިއަން ރުފިޔާ ދަރަނީގެ ގޮތުގައި ދައްކާފައިވާކަމަށެވެ.
"ފަރުދީގޮތެއްގައި ފުދުންތެރިކަން އިހްސާސް ނުވާނަމަ ޤައުމުގެ މިނިވަންކަން އެ ފަރުދަކަށް އިޙްސާސް ނުވާނެ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އިޤްތިޞާދު ހަރުދަނާކުރުމަށް ޚާއްޞަ އިސްލާހީ މަސައްކަތްތަކެއް ތަންފީޒްކުރައްވަމުން ގެންދަވަނީ ރައްޔިތުންގެ ފުދުންތެރިކަން ޔަޤީންކުރެއްވުމަށްކަމަށްވެސް ރައީސް ވިދާޅުވިއެވެ.