ޚަބަރު

ގަވާއިދު ބަދަލުކުރީ މަޖިލީހުގައި ކުރާނެ މަސައްކަތެއް ނެތިގެން އުޅެން ނުޖެހޭގޮތަށް: ޢަބްދުއްރަޙީމް


  • ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ފާސްކުރީ އިއްޔެ

  • މަޖިލީހުގެ މަސައްކަތްތަކަށް ބައެއް ބަދަލުތައް ގަވާއިދުގެ ދަށުން ވަނީ ގެނެސްފައި

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ކުރާނެ މަސައްކަތެއް ނެތިގެން އުޅެން ނުޖެހޭނެގޮތަށް މަޖިލީހުގެ ކަންކަން ބަދަލުކުރައްވަމުން ގެންދަވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައެވެ.

ރައްޔިތުންގެ މަޖިލީހަށް ހުށައަޅާ ބިލްތަކާގުޅިގެން މިހާތަނަށް ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގެ ދަށުން ޢަމަލުކުރަމުން އައީ ބިލެއްގެ ފުރަތަމަ ކިޔުން އިއްވުމަށްފަހު، އެ ބިލެއްގެ ބަހުސް ތިން ދުވަސް ފަހުން ބާއްވާގޮތަށެވެ. ވުމާއެކު މަޖިލީހަށް ހުށައެޅޭ ބިލަކަށް އެންމެ އަވަހަށްވެސް ބަހުސް ފެށޭނީ 3 ދުވަސް ފަހުންނެވެ. މިގޮތަށް ޤަވާއިދު އޮތުމުގެ ސަބަބުން މަޖިލީހުގެ ތަޅުމުގައި ބަހުސްކުރާނެ ބިލެއް ނެތި މަޖިލީހުގެ މަސައްކަތްތައް މަޑުޖެހިފައިވެސް އޮވެއެވެ.

ނަމަވެސް 20 ވަނަ މަޖިލީހުގެ ޤަވާއިދު އެކުލަވާލިއިރު ވަނީ އެކަމަށް ހައްލެއް ގެންނަވާ، މަޖިލީހުގެ ތަޅުމުގައި ކުރާނެ މަސައްކަތްތައް އަބަދުވެސް ހުންނާނެގޮތަށް ބަދަލު ގެންނަވާފައެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ، މީގެ ކުރިން ބައެއްފަހަރު މަޖިލީހުގައި ކުރާނެ މަސައްކަތެއް ނެތި ޖަލްސާ ނުބޭއްވި އޮންކަމަށެވެ. މައިގަނޑުގޮތެއްގައި އެހެން ދިމާވާ ސަބަބަކީ ބިލް ހުށައެޅުމަށްފަހު އެބިލަކަށް ބަހުސްކުރެވޭނީ 3 ދުވަހުގެ މުއްދަތެއް ނޯޓިސް ދިނުމަށްފަހުކަމަށް ޤަވާއިދުގައި އޮތުމުންކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

"މިސާލަކަށް މިއަދު ބިލެއް އައީ. މާދަމާއަށް އެޖެންޑާކުރީ. މާދަމާ ފުރަތަމަ އެޖެންޑާކުރަން މިޖެހެނީ އޭގެ ފުރަތަމަ ކިޔުން އިއްވުން. މިހާރު އޮންނަގޮތުން އެބަޖެހޭ ސާފު 3 ދުވަސް ދޭން އޭގެ ބަހުސަށް ދިއުމާ ދޭތެރޭގަ. އެކަމު އަލަށް މިގެނައި ބަދަލުތަކުގެ ތެރޭގަ ހިމެނޭނެ ފުރަތަމަ ކިޔުން އިއްވާފަ ޖެހިގެން އަންނަ ދުވަހުވެސް އެބިލަށް ބަހުސްކުރެވޭގޮތަށް ޤަވާއިދު ބަދަލުކޮށްފަ. އެހެން ހެދީމަ މިވާގޮތަކީ މަޖިލީހުގެ ތަޅުމުގައި އަބަދުވެސް ކުރާނެ މަސައްކަތް ހުންނާނެ." ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވިއެވެ.

މަޖިލީހުގެ ޤަވާއިދަށް މިބަދަލުި ގެނައުމުގެ ބޭނުމަކީ ތަޅުމުގައި ބަހުސް ނިންމުމަށްފަހު ކޮމިޓިއަށް ދިރާސާކުރުމަށް ފޮނުވާ ބިލު، ދިރާސާކުރުމަށް ހޭދަވާ މުއްދަތުގެ ތެރޭގައިވެސް ތަޅުމުގައި މަސައްކަތްކުރާނެ ފުރުޞަތު ހޯދުންކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

ޢަބްދުއްރަޙީމް ވަނީ މަޖިލީހުގެ މެންބަރުންގެ އަރިހުގައި އެއަރޕޯޓުން ފުރާވަޑައިގަންނަވާ ކޮންމެ މީހަކަށް ވިއައިޕީ ޚިދުމަތް ލިބޭގޮތަށް އޮތްތޮތުމަށް ގެންނެވި ބަދަލަށްވެސް ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން މަޖިލީހުގެ މެންބަރުންނާއެކު ފުރާވަޑައިގަންނަވާ ކޮންމެ މީހަކަށް ވީއައިޕީ ޚިދުމަތް ދިނުމަށް 19ވަނަ ރައްޔިތުންގެ މަޖިލީހުން ފާސްކޮށް މަޖިލީހުގެ ތަޅުމަށް ފޮނުވާފައި އޮތްކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ. އެ ނިންމުން މި މަޖިލީހުގައިވެސް ތަންފީޒްކުރުމަށް ޢާންމު ކޮމިޓީން ފުރަތަމަ ނިންމެވުމުން އެކަން ބަދަލު ކުރިވިކަން ޢަބްދުއްރަޙީމް ފާހަގަކުރެއްވިއެވެ.

"އަޅުގަނޑަށް އެކަން އެނގުނު ހިސާބުން ޢާންމު ކޮމިޓީގެ މުގައްރިރަށް ދެނެންނެވިން އެއްގޮތަކަށްވެސް ތިކަން އެގޮތަށް ކޮށްގެން ނުވާނޭ. އެއީ ކުރީ މަޖިލީހުގައި ނިންމި ކަންކަން އަޅުގަނޑުމެން ކޮންމެހެން ތަންފީޒްކުރާކަށް ނުޖެހެއޭ. އެހެންވީމަ އަލުން ތި ބަދަލުކުރައްވާށޭ. އެހެންވީމަ ހަމަ އެރޭން އެރެއަށް އަޅުގަނޑުމެން ކޮމިޓި ބާއްވާފައި އޮންނާނީ އެކަން ބަދަލުކޮށްފައި." ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލިސްވާންވާނީ ރައްޔިތުން ބަލައިގަންނަ އިހްތިރާމާއި، އިތުބާރުކުރާ އަދި ގަދަރުކުރާ މަޖިލީހަށްކަމަށާއި، އެކަމަށް ކުރަންޖެހޭކަންކަން ކުރަމުން އަންނަކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވިއެވެ.