"އަޅުގަނޑުމެންގެ އެންމެ އިސް. އަޅުގަނޑުމެންގެ އެންމެ މުހިންމު އަސާސަކީ އެންމެ ފުރަތަމަ ޤައުމު. މި ޤައުމުގެ މިނިވަންކަމާއި މިޤައުމުގެ ސިޔާދަތީ ބާރު ދަމަހައްޓާ ނެގަހެއްޓުމަކީ އަޅުގަނޑުމެން އެންމެ އިސްކުރާނެ ކަންތައް. ޤައުމީ ލޯބި އަޅުގަނޑުމެން އިސްކުރާނީ. ޤައުމީ ވަޙްދަތު، ޤައުމީއްޔަތު އަޅުގަނޑުމެން އިސްކުރާނީ " މިއީ ރައީސުލްޖުމްހޫރީއްޔާ ޑރ. މުހައްމަދު މުޢިއްޒު ޕީއެންސީގެ ރިޔާސީ ޓިކެޓު ކާމިޔާބު ކުރެއްވުމަށްފަހު ރިޔާސީ ކެމްޕެއިން ފެށުމުގެ ގޮތުން ބޭއްވި ނޫސްވެރިން ބައްދަލުވުމުގައި ވިދާޅުވި ބަސްފުޅެކެވެ.
ޤައުމެއްގެ މިނިވަންކަމާއި ސިޔާދަތީ ބާރު އެ ޤައުމެއްގައި ދެމި އޮންނާނީ އެ ޤައުމެއްގެ ވެރިއަކަށް ހުންނަ މީހާއިން ފެށިގެން އެ ޤައުމެއްގެ އެންމެ އާންމު ފަރުދެއްގެ ހިތުގައިވެސް ކޮންމެ ހާލަތަކުވެސް ޤައުމު އިސްކުރުމުގެ ރޫޙް އޮވެގެންނެވެ. އެހެން އެއްވެސް ޤައުމަކަށް ވުރެ ތިމާގެ ޤައުމު އެމީހަކަށް އިސްވާން ޖެހެއެވެ. އެހެން ބައެއްގެ އަތްމައްޗަށް ޤައުމުގެ ހުރިހާ ކަމެއް ދޫކޮށްލުމަކީ އޭގެ ނުރައްކާތެރިކަން އިންތިހާއަށް ބޮޑު ކަމެކެވެ.
ފަހުގެ ތަރީހެއްގައިވެސް ޤައުމީ ވަޙްދަތު ކުރިއެރުވުމަށް އެންމެ ހަރުއަޑުން ވެރިއަކު ގޮވާލެއްވި އަޑު އިވިގެން ދިޔައީ، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުންނެވެ. އެމަނިކުފާނަށް ޕީއެންސީގެ ރިޔާސީ ޓިކެޓު ކަށަވަރުވުމުން ފެށިގެން ގޮސް ޤައުމުގެ ވަލީއްޔުލް ޢަމްރު ކަމަށް ދިވެހި ރައްޔިތުން އިންތިޙާބު ކުރުމާއި ހަމައިން އަދި އޭގެ ފަހުންވެސް ވެރިކަމުގެ މިހާ ހިސާބަށް އެ މަނިކުފާނު ދަމަހައްޓަވަމުން ގެންދަވަނީ އެންމެ ފުރަތަމަ ޤައުމު އިސްކުރުމުގެ އަސާސެވެ.
ޤައުމާއި އެމަނިކުފާނު ހަވާލުވާން ތައްޔާރުވިއިރު، ޤައުމުގެ ސިޔާދާތައި މެދު އޮތީ ސުވާލު އުފެދިފައެވެ. ޤައުމުގެ އިސްތިޤުލާލު ދަމަހައްޓަން އެކަށީގެންވާ މަސައްކަތެއް ނުކުރެވި ޤައުމު އިޤްތިޞާދީ އަޅުވެތިކަމަކަށްދާ ކަމުގެ ރަނގަބީލު ދިޔައީ ރައްޔިތުންގެ ކަންފަތުގައި ގުގުމަމުންނެވެ. ޤައުމުގެ ދެކޮޅުގައި ބޭރުގެ ސިފައިން ޤާއިމްވެ ތިބިއިރު ޤައުމުގެ އިޤްތިޞާދީ ސަރަހައްދުން ބައެއް ގެއްލިގެން ދިޔަކަމަށް ރައްޔިތުންގެ ޤަބޫލުކުރެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ކެމްޕެއިންގެ ތެރެއިން މާލެ ސިޓީ ގަލޮޅު ދެކުނު ޖަގަހަ ހުޅުއްވައި ދެއްވައި ވާހަކަ ދައްކަވަމުން ވިދާޅުވީ ސިޔާސީ މީހުން ތަފާތު ވާހަކަތައް ދައްކަމުންދާއިރު، ޤައުމުގެ މިނިވަންކަން އޮތީ ހަމައެކަނި ކަރުދާހުގައި އޮންނަ އެއްޗަކަށް ވެފައި ކަމަށެވެ.
"މިއަދުގެ ހާލަތަކީ އަޅުގަނޑުމެންގެ ޤައުމުގެ މިނިވަންކަމަކީ، ގަނޑެއްގައި އެކަނި ލިޔެވިފައި އޮންނަ އެއްޗެއްގެ ގޮތުގައި އެކަނި އޮތް ހިސާބަށް ކަންކަން ގޮސްފައިވާ ކަމެއްކަން. " ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓުގެ ހައިސީއްޔަތުން ވާހަކަ ދައްކަވަމުން ޑރ. މުޢިއްޒު ވިދާޅުވިއެވެ.
މިކަންބޮޑުވުންތަކާއެކު އެމަނިކުފާނު ރައްޔިތުން ކިބައިން އެދިލެއްވީ ޤައުމީއްޔަތު އިސްކޮށް ޤައުމުގެ މުސްތަޤުބަލައްޓަކައި އެމަނިކުފާނުގެ އަތްޕުޅުގައި ހިއްޕެވުމަށެވެ. "ދިވެހީންގެ ރައްޖެ" އަކަށް ދިއުމަށް ދިވެހި ރައްޔިތުން އަތުކުރި އޮޅާލާ ނިކުމެ ވެރިކަމުގެ ގޮނޑި އެމަނިކުފާނަށް އެރުވިއެވެ.
ދިވެހި ޒަޢާމަތާ ހަވާލުވެވަޑައިގެން، ޤައުމާ މުޚާޠަބު ކުރައްވައި ދެއްވި ފުރަތަމަ ތަޤުރީރުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދަންމަވާލެއްވީ ރައްޔިތުންގެ މިނިވަންކަމާއި ސިޔާދަތީ ފަލަ ރަތް ރޮނގެކެވެ. އެމަނިކުފާނު ވިދާޅުވީ އެއްވެސް ޤައުމަކާއި ހަތުރުވެރިކަމެއް ހަސަދަވެރިކަމެއް ނުބާއްވާނެ ކަމަށެވެ. ނަމަވެސް އަބަދުވެސް އެންމެ އިސްކުރައްވާނީ ދިވެހި ރައްޔިތުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
" އަޅުގަނޑު އަބަދުވެސް ދިވެހި ރައްޔިތުންގެ މިނިވަންކަމާއި، ސިޔާދަތީ ރަތް ރޮނގު ފިސާރި ފަލަކޮށް ދަމާނަން. އެއީ ކޮންމެ ޤައުމެއްގައިވެސް އޮންނާނެ ރަތް ރޮނގެއް. އޮންނަންވާނެވެސް ރޮނގެއް. އެހެން ޤައުމުތަކުގެ މިނިވަންކަމާއި، ސިޔާދަތީ ރަތް ރޮނގަށް ދިވެހި ދައުލަތުން ފުރިހަމަޔަށް އިޙްތިރާމުކުރާނެ. ދިވެހި ދައުލަތުގެ ރަތް ރޮނގަށްވެސް އެ ޙައްޤު އޮންނަންވާނެ. އެކަމުގައި ކުޑައެއް ބޮޑެއް، ގާތެއް ދުރެއް ތަފާތުވެގެނެއް ނުވާނެ. އެ އިޙްތިރާމު ލިބެންޖެހޭނެ. އިރާދަކުރެއްވިއްޔާ، އެ ޙައްޤު ނިގުޅައިގަންނާކަށް އަޅުގަނޑު ފުރުޞަތެއް ނުދޭނަން. " ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މިއީ ދިވެހި ޤައުމުގެ ސިޔާދަތަށް އެމަނިކުފާނު ދެއްވާ އަހަމީއްޔަތުކަން ފެނިގެން ދިޔަ ދުވަހެކެވެ. އެމަނިކުފާނުގެ ވެރިކަމާއި ހަވާލުވެ އެންމެ އިސްކަމެއް ދެއްވީ ޤައުމުގެ މިނިވަންކަމާއި އިސްތިޤުލާލު ދެމެހެއްޓުމަށްޓަކައި ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަށް އަވަސް ހައްލެއް ހޯއްދަވައި ދެއްވުމަށެވެ. އެގޮތުން ޑިޕްލޮމެސީގެ ރިވެތި އުސޫލު އިސްކުރައްވައި ދިވެހި ރައްޖޭގެ ދެ ކޮޅުގައި ތިބި 76 އިންޑިއާ ސިފައިން ފޮނުވާލުމަށް ނިންމެވިއެވެ. އަދި އެމަނިކުފާނު ދެއްވި މުއްދަތުގައި ހުރިހާ ސިފައިން ފޮނުވާލައްވަމުން ފަވާލެއްވީ ފޮހެވެމުން ދިޔަ މިނިވަން ކަމުގެ ރަތް ރޮނގެވެ.
ދިވެހި ޤައުމުގެ މިނިވަންކަަން ނަގަހައްޓަައި ދަމަހައްޓަން އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތް ކުރިއަށް ގެންދެވީ ފުރަތަމަ ދުވަހުގެ ޤައުމަށް އިސްކުރުމަށް ވެވަޑައިގެންނެވި ވަޢުދާއި އެއްގޮތަށެވެ. އެހެން ޤައުމަކަށް އެއްވެސް ކަމެއްގައި ބަރޯސާ ނުވެ ޤައުމުތަކުގެ އެހީ ހޯދައި ދިވެހިން އިސްތިޤުލާލު ކުރިއެރުވުމަށް އެމަނިކުފާނު އަވަސް ފިޔަވަޅުތަކެއް އެޅުއްވިއެވެ.
ބަލި މީހުން އުފުއްލުމަށް އެހެން ޤައުމެއްގެ އަސްކަރީއްޔާގެ އެހީގައި ކުރަމުން އައި ދަތުރުތައް ހުއްޓާލައި އެއަރ އެމްބިއުލާންސް ތަޢާރަފް ކުރެއްވިއެވެ. ނުވަ ލައްކަ އަކަ ކިލޯމީޓަރަށް ވުރެ ބޮޑު ސަރަހައްދެއް ބެލެހެއްޓުމުގެ ޤާބިލުކަން ނެތް ދިވެހިންނަށް އެކަންވެސް އަމިއްލައަށް ކުރެވޭނެ ކަން ސާބިތު ކޮށްދެއްވިއެވެ. ދިވެހި އަސްކަރިއްޔާ ތާރީޙުގައި ފުރަތަމަ ފަހަރަށް ވައިގެ ބަހާއެއް އުފައްދަވާ 3 ޑްރޯން ގެނެސް އަސްކަރީ ޤާބިލުކަން އެތަކެއް ދަހަރުތަކެއް ކުރިއަށް ޖައްސާލިއެވެ.
ދިވެހި އަސްކަރީއްޔާގެ އެއަރ ކޯ އިފްތިތާޙް ކުރުމުގެ ރަސްމީއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެމަނިކުފާނަށް މުހިންމު ވަނީ އަމިއްލަ ފައިމައްޗަށް ތެދުވެ މިނިވަންކަންމަތީ ދެމި އޮންނާނެ ގޮތް ހެދުން ކަމަށެވެ.
"އަޅުގަނޑުމެންނަށް މުހިންމުވެގެން މިއުޅެނީ، މި ފަޚުރުވެރި ދިވެހިރާއްޖެ އަމިއްލަ ފައިމައްޗަށް ތެދުވެ، އަމިއްލަ ބާރުވެރިކަމުގައި، މިނިވަންކަންމަތީގައި އޮންނާނެ ގޮތް ހެދުން. އަމިއްލަ ފައިމައްޗަށް ތެދުވެ، އަމިއްލަ ބާރުވެރިކަންމަތީގައި، ހުރިހާ މާނައެއްގައި. އެއީ، އިޤްތިޞާދީ ގޮތުންވެސް، ޢަސްކަރީ ގޮތުންވެސް މިނިވަން، މުސްތަޤިއްލު ޤައުމެއްގެ ގޮތުގައި ހަމަޖެހިގެން މީހުން ދިރިއުޅޭ ޤައުމެއްގެ ގޮތުގައިމި ޤައުމު އޮވެގެން ނޫނީވިއްޔާ، މި ސަރަޙައްދަށްވެސް ހަމަޖެހުމެއް ނޯންނާނެ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ޤައުމުގެ މިނިވަންކަމަށް ވެރިއަކަށް ކުރެއްވޭނެ ހުރިހާ ކަމެއް އެމަނިކުފާނު ދަނީ ކުރައްވަމުންނެވެ. އެހެން ޤައުމުތަކަށް ބަރޯސާވެ އަޅުގަނޑުމެން ތިބި ތިބުން ނިމުމަކަށް ގެނެސް ދިވެހި ޤައުމުގެ އިސްތިޤުލާލު ހިމާޔަތް ކުރުމަށް މުހިންމު ފިޔަވަޅުތަކެއް ދަނީ އަޅުއްވަމުންނެވެ. ދިވެހި ޤައުމަށް ވުރެ އެއްވެސް ޤައުމެއް އެމަނިކުފާނު އިސް ނުކުރައްވައެވެ.
މިއަދު ފާހަގަކުރަމުންދާ ދިވެހި ޤައުމުގެ 59 ވަނަ މިނިވަން ދުވަހު އަޅުގަނޑުމެން ހަނދާން ކުރަންވީ ދިވެހި ޤައުމަށް ވުރެ އެހެން ބަޔަކު އިސްވެއްޖެ ނަމަ އަޅުގަނޑުމެންގެ މިނިވަންކަމުގެ ރަތް ރޮނގު އެ ފޮހެލެވެނީ އަމިއްލަ އަތުން ކަމެވެ. ދިވެހީންގެ މި ޤައުމަކީ ހަމައެކަނި ކަރުދާހުގައި ލިޔެވިގެން މިނިވަން ދައުލަތެއްގެ ގޮތުގައި އޮތަ ދީގެން އަޅުގަނޑުމެން ނުވާނެއެވެ.