ޚަބަރު

މިފްކޯއިން 44415 ޓަނުގެ މަހަށް، 1 ބިލިޔަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފި


  • ޖުލައިމަހު އެކަނިވެސް 66 މިލިއަން ރުފިޔާވަނީ ދޫކޮށްފައި

  • މިދުވަސްވަރު މަސްވެރިކަން ރާއްޖެއަށްވަނީ ދަށްވެފައި

  • ލަފާކުރެވެނީ އަންނަމަހު މަސްވެރިކަން ރަނގަޅުވާނެ ކަމަށް

މަސްވެރިންގެ އަތުން ގަނެފައިވާ 44415 ޓަނުގެ މަހަށް، 1 ބިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށް މިފްކޯއިން ހާމަކޮށްފިއެވެ.

މިފްކޯއިން ބުނީ މިދުވަސްވަރު މަސްވެރިންގެ އަތުން ގަންނަ މަހަށް ގިނަވެގެން 2 ހަފްތާތެރޭގައި ފައިސާ ދޫކުރަމުންދާ ކަމަށެވެ.

މިފްކޯއިން ވަނީ މަސްވެރިން އަތުން ގަންނަ މަހަށް އަވަހަށް ފައިސާ ދިނުމަށްޓަކައި މަސް ގަންނަ އަގަށް ބަދަލު ގެނެސްފައެވެ. އެގޮތުން މަސްވެރިންގެ އަތުން ގަންނަ މަހަށް ދޭންޖެހޭ ފައިސާ ގަވާއިދުން ދެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށްޓަކައި 1 ޖުލައި އިން ފެށިގެން މިފްކޯއިން މަސްވެރިން އަތުން މަސް ގަންނަމުންދަނީ ބައިނަލްއަޤްވާމީ ބާޒާރުގައި ގަނޑުކުރި ކަޅުބިލަމަހުގެ އަގު ހުރި މިންވަރަށާއި މަސް ގަނެ އެކްސްޕޯޓުކުރުމަށް ހިނގާނޭ ޚަރަދުތަކަށް ބަލައި ކޮންމެ ހަފްތާއަކު ކަނޑައަޅާ އަގަކަށެވެ.

މިފްކޯއިން މަސްވެރިންނަށް ދޫކޮށްފައިވާ ފައިސާގެ ހިސާބުތަކަށް ބަލާއިރު، 1 ޖުލައިގައި މަސްވެރިންނަށްވަނީ 64 މިލިޔަން ރުފިޔާ ދޫކޮށްފައެވެ. އަދި ޖުލައި 14ވަނަ ދުވަހުވަނީ 2 މިލިއަން ރުފިޔާ ދޫކޮށްފައެވެ. އެހެންކަމުން މިމަހު އެކަނިވެސް މަސްވެރިންނަށް ވަނީ 66 މިލިޔަން ރުފިޔާ ދޫކޮށްފައެވެ.

އަދި މި ސަރުކާރުން މިހާތަނަށްވަނީ މަސްވެރިންގެ އަތުން ކިރާފައިވާ 44415 ޓަނުގެ މަހަށް 1 ބިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައެވެ.

މިފްކޯގެ ހިސާބުތައް ދައްކާގޮތުން މިހާރު މަސްވެރިންނަށް ނުދެވި ހުރީ 319632 ރުފިޔާއެވެ.

މިފްކޯއަށް ކިރާ މަހުގެ އަދަދު މިހާރުވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. އެގޮތުން އެންމެފަހުން ދޫކޮށްފައިވާ 2 މިލިއަން ރުފިޔާއަކީ 125 ޓަނުގެ މަހަށްވާ ފައިސާއެވެ. މިއީ މިއަހަރުގެ މިހާތަނަށް އެންމެ މަދުން މަސް ކިރާފައިވާ މުއްދަތުކަން ފާހަގަކޮށްލެވެއެވެ.

މަސްވެރިކަން ރާއްޖެއަށް ދަށްވެފައިވާއިރު މިއީ މޫސުމަށް އަންނަމުންދާ ބަދަލުތަކާއި ގުޅިގެން އައިސްފައިވާ ބަދަލުތަކެއްކަމަށް މަސްވެރިން ބުނެއެވެ. އެގޮތުން މިއަހަރުގެ ކުރީކޮޅުން ފެށިގެން ރާއްޖޭގެ މޫސުމަށްވަނީ އާދަޔާ ޚިލާފު ބަދަލު އަންނަންފަށާފައެވެ. މިހާރު މިދުވަސްވަރު އިހުސާސްވަނީ އިރުވައިމޫސުމުގެ ފަހުކޮޅުކަމަށް ކެޔޮޅުން ބުނެއެވެ.

ހޫނުންމިން ހުންނަވަރާއި އަދި ކަނޑުގެ އުފެދޭރާޅުވެސް ނެތިފައި އެހާމަޑުވެފައިވާއިރު، ދޭތެރެއަކުން ރާއްޖޭގެ އުތުރަށް ވާރޭ ވެހުނު ނަމަވެސް ޖޫންމަހާއި ޖުލައިމަސް ވެސް މިދަނީ ވާރޭނުވެހިކަން ކެޔޮޅުން ފާހަގަކުރެއެވެ. އަދި ކަނޑުގެ އެތެރެވަރިޔާއެއްކޮށް ގިނަޢަދަދަކަށް މިޔަރެން ޒާތުގެ އެމެއްވަނީ އަޅާފައެވެ.
އެމާއި ފަނިވަރު ކަޑުގައި ގިނަޢަދަދަކަށް ހުރުމުން ދޯނިފަހަރުން އެއްލާ އެމަކާ މަސް ނޫޅޭކަމަށާއި މަސްވެރިކަން ކުޑަކޮށްވެސް ރަނގަޅުވާނީ އަންނަ އޯގަސްޓް ކުރީކޮޅުގައިކަމަށް މަސްވެރިން ލަފާކުރެއެވެ.

މުޅިއަހަރަށް ބަލާއިރުވެސް މަސް ބާނާނެކަމަށް ގިނަ ކެޔޮޅުން ލަފާކުރަނީ މިދިޔަ އަހަރު ބޭނިވަރުގެ %60 އެވެ. މިގޮތަށް މަސްވެރިކަން ދަށަށްދަނީ ކޮންމެ 8 އަހަރަކުން ނުވަތަ 7 އަހަރުންކަމަށް ތަޖުރިބާކާރުން ލަފާކުރެއެވެ.