ޚަބަރު

ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެއިން ގޯތި ދޫކުރުމުން ލިބުނު ގެއްލުން ބެލުމަށް އޮޑިޓެއް ހަދަނީ


  • މިމައްސަލަ ހުށަހެޅުއްވީ ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު ހަމަދު އަބްދުﷲ

  • މިއީ ގޯތި އަތުލަން ހުށަހެޅި މައްސަލައެއް ނޫން ކަމަށް ވިދާޅުވި

ބިންވެރިޔާ ސްކީމުގެ ދަށުގެ ހުޅުމާލެއިން ގޯތި ދޫކުރުމުގެ ސަބަބުން މާލީގޮތުން ދައުލަތަށް ލިބުނު ގެއްލުން ބެލުމަށް އޮޑިޓެއް ހެދުމަށް މާލިއްޔަތު ކޮމިޓީން ފާސްކޮށްފިއެވެ.

އެ ކޮމިޓީން މިގޮތަށް ފާސްކޮށްފައިވަނީ ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު ހަމަދު އަބްދުﷲ ހުށަހެޅުއްވި މައްސަލައާ ގުޅިގެންނެވެ. ހަމަދުވަނީ އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)ގެ ޚާއްސަ އޮޑިޓެއް ހެދުމަށްވެސް ހުށަހަޅުއްވާފައެވެ.

ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު ހަމަދު ހުށަހެޅުއްވީ، ކުރީ ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން ދޫކުރި ގޯތިތަކުގެ ސަބަބުން ދައުލަތަށް ލިބުނު މާލީ ގެއްލުން ބެލުމަށް އޮޑިޓެއް ހެދުމަށެވެ. އޭގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ބަދަލެއް ދޭން ޖެހޭތޯ ބެލުމަށްވެސް ހުށަހެޅުއްވިއެވެ.

ހަމަދު ވިދާޅުވީ، މިއޮޑިޓް ހެދުމަށް ހުށަހެޅުއްވީ އެއްވެސް ހާލެއްގައި ގޯތި ލިބުނު ފަރާތްތަކުގެ އަތުން ގޯތި އަތުލުމުގެ މަގުސަދުގައި ނޫން ކަމަށެވެ. އެއީ ސަރުކާރުތަކުން ސިޔާސީ ބޭނުމަށް މިފަދަ ކަންތައްތައް ކުރަމުންދާތީ އެކަމުގެ ސަބަބުން ކުންފުނިތަކަށް މާލީ ގޮތުން ލިބޭ ގެއްލުން ބަލަންޖެހޭތީ ހުށަހެޅުއްވި މައްސަލައެއް ކަމަށް ހަމަދު ވިދާޅުވިއެވެ.

އެސްޑީއެފްސީގެ ޚާއްސަ އޮޑިޓް ހެދުމަށް ހަމަދު ހުށަހެޅުއްވީ 2019ގެ މާޗު މަހުން ފެށިގެން މިދިޔަ ސަރުކާރުގެ އެންމެ ފަހު ދުވަހުގެ ނިޔަލަށެވެ.

މާލިއްޔަތު ކޮމިޓީން ނިންމީ ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި މި ދެ އޮޑިޓް ހަދަން އޮޑިޓް އޮފީހަށް އެންގުމަށެވެ.