ޚަބަރު

ބިދޭސީންގެ މައްސަލަ ހައްލުކުރަން މުހިންމު ފިޔަވަޅުތަކެއް އަޅުއްވަން ރައީސް ނިންމަވައިފި


  • ރެގިއުލަރައިޒޭޝަން ޕްރޮގްރާމެއް ހިންގުމަށް ވަނީ ނިންމަވާފައި

  • ބިދޭސީ މަސައްކަތްތެރިން ރާއްޖެ ގެނައުމަށްފަހު، އިހުމާލުވާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ

ޤަވާޢިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި މުހިންމު ކަންތައްތަކެއް ކުރެއްވުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

އެމަނިކުފާނު މިގޮތަށް ނިންމަވާފައި ވަނީ އާދީއްތަ ދުވަހު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މިކަމާގުޅޭގޮތުން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ހުށަހެޅުއްވި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށްފަހުގައެވެ.

ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުންތަކުގެ ތެރޭގައި ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކާއި ރިސޯޓުތަކާއި ސިނާއީ ރަށްތަކާއި ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކުގައި ދިރިއުޅޭ ބިދޭސީންގެ މައުލޫމާތާއި 10 އިނގިލީގެ ނިޝާން އަދި ފޭޝަލް ރިކޮގްނިޝަން ނަގައި އެ ބިދޭސީމީހާ ދެނެގަތުމާއި ގަވާއިދާ ޚިލާފަށް ދިރިއުޅޭ ފަރާތްތައް ޤާނޫނީ އިމުގެ ތެރެއަށް ވެއްދުމަށް ރެގިއުލަރައިޒޭޝަން ޕްރޮގްރާމެއް ހިންގުން ހިމެނެއެވެ. އަދި އަމިއްލައަށް އެނބުރި ޤައުމަށް ދާން ބޭނުންވާ ފަރާތްތަކަށް އެސިސްޓެޑް ވޮލަންޓަރީ ރިޓާން (އޭވީއާރު) ޕްރޮގްރާމް ހިންގުމަށްވެސް އެމަނިކުފާނު ވަނީ ނިންމަވާފައެވެ.

ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ތަންފީޒީ ނިޒާމު ހަރުދަނާކުރުމުގެ ގޮތުން ކުރައްވާނެ ކަންތައްތަކެއްވެސް ވަޒީރުންގެ މަޖިލީހުން ނިންމެވިއެވެ. އޭގެ ތެރޭގައި ބިދޭސީ މަސައްކަތްތެރިން ރާއްޖެ ގެނައުމަށްފަހު، އެފަރާތްތަކާމެދު އިހުމާލުވާ ވަޒީފާދޭ ފަރާތްތަކުގެ ލިސްޓް އެކުލަވައިލައި އާންމުކުރުމާއި ވަޒީފާދޭ ފަރާތުން އިހުމާލުވާނަމަ ޖޫރިމަނާކުރުމާއި އަދި އެފަދަ ޢަމަލުތައް ތަކުރާރުވާނަމަ އިތުރު ފިޔަވަޅުތައް އެޅުން ހިމެނެއެވެ.

ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީ މަސައްކަތްތެރިންގެ ސަބަބުން ދިވެހި ޒުވާނުންގެ ވަޒީފާގެ ފުރުސަތުތަކަށް އެޅެމުންދާ ހުރަސްތައް ނައްތާލުމަށްޓަކައި އެފަދަ ބިދޭސީން ކުރާ ވިޔަފާރިތައް އޮޑިޓްކޮށް ގާނޫނީ ގޮތުން ހަރުކަށި ފިޔަވަޅު އެޅުމަށްވެސް ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ނިންމަވާފައިވާ ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.

މީގެއިތުރުން ދިވެހިރާއްޖޭގައި ޤާނޫނާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށްޓަކާ ވަޒީފާއާބެހޭ ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް އަވަސް މުއްދަތެއްގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްވެސް ވަޒީރުންގެ މަޖިލީހުންވަނީ ނިންމަވާފައެވެ.