އެވްރެޖްކޮށް ކޮންމެ ދުވަހަކު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު މިހާރު އިތުރުވެފައިވާކަމަށް ފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އެންމެ ފަހުން އާއްމުކޮށްފައިވާ ޑެއިލީ އަޕްޑޭޓްސް ރިޕޯޓުގައިވާގޮތުން މިމަހުގެ 16ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށްވަނީ 1.09 މިލިޔަން ފަތުރުވެރިން އައިސްފައެވެ.
މިއީ މިދިޔަ އަހަރުގެ މިމުއްދަތުގައި ރާއްޖެއަށް އައިސްފައިވާ 998330 ފަތުރުވެރިންނާއި އަޅާ ބަލާއިރު، %9.4 އިތުރު އަދަދެކެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ މެއި މަހާއި ޖޫންމަހު އެވްރެޖްކޮށް ކޮންމެ ދުވަހަކު ރާއްޖެއަށް އައިސްފައިވާ ފަތުރުވެރިންގެ އަދަދުދަނީ ވަނީ ދަށްވެފައެވެ. އެގޮތުން މެއި މަހު އެވްރެޖްކޮށް ކޮންމެ ދުވަހަކު ރާއްޖެއަށް އައިސްފައިވަނީ 3867 ފަތުރުވެރިންނެވެ. އަދި ޖޫން މަހު ރާއްޖެއަށް އެވްރެޖްކޮށް ކޮންމެ ދުވަހަކު އައިސްފައިވަނީ 4109 ފަތުރުވެރިންނެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން މިއަދަދު މިހާރު މިވަނީ އަލުން 5000އިން މައްޗަށް އަރާފައެވެ. އެގޮތުން މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު ރާއްޖެއަށް 5122 ފަތުރުވެރިން އަންނަ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
ފަތުރުވެރިންގެ އަދަދުތަކަށް އައިސްފައިވާ ކުރިއެރުމާއެކު މިމަހުގެ ފުރަތަމަ 15 ދުވަސްތެރޭ ރާއްޖެއަށް އައިސްފައިވަނީ 76837 ފަތުރުވެރިންނެވެ. މިއަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައި 68723 ފަތުރުވެރިންނާ އަޅާ ބަލާއިރު %11.8 އިތުރު އަދަދެކެވެ.
ވަކި ވަކި ޤައުމުތަކުން ރާއްޖެއަށް ފަތުރުވެރިން އަންނަ އަދަދުތަކަށް ބަލާއިރު، ބޮޑު ތަފާތަކާއެކު އެންމެ ކުރީގައި އުޅެނީ ޗައިނާއެވެ. ދެވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަނީ އިޓަލީންނެވެ.
• ޗައިނާ - 136728 ފަތުރުވެރިން
• ރަޝިއާ - 114981 ފަތުރުވެރިން
• އިނގިރޭސިވިލާތް - 98775 ފަތުރުވެރިން
• އިޓަލީވިލާތް - 83460 ފަތުރުވެރިން
• ޖަރުމަންވިލާތް – 81895 ފަތުރުވެރިން
ތަފާސްހިސާބުތަކުން ދައްކާގޮތުގައި ރާއްޖެއަށް އަންނަ ފަތުރުވެރިން މިހާރު އެވްރެޖްކޮށް 7 ދުވަހުގެ ޗުއްޓީއެއް ރާއްޖޭގައި ހޭދަކުރެއެވެ.
ސަރުކާރުން އަމާޒަކީ މި އަހަރު ރާއްޖެއަށް 2 މިލިއަން ފަތުރުވެރިން ގެނައުމެވެ. އަދި މިއަމާޒުގެ %50 ޖޫންމަހުގެ 27ވަނަ ދުވަހު ހާސިލް ކުރެވިފައެވެ.
ސަރުކާރުން ދަނީ ރާއްޖޭގެ ފަރުތުރުވެރިކަން އިޝްތިހާރުކޮށް ޕްރޮމޯޓުކުރުމުގެ ހަރަކާތްތައް އިތުރުކޮށް ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުތައް އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.