ޚަބަރު

ދެން ފެނިގެންދާނީ އުފާވެރި ފުދުންތެރި ޢިލްމީ ޤާބިލު ޖީލެއް: ވަޒީރު ޑރ. މާރިޔާ


  • ތަޢުލީމީ ޒުވާނުންގެ ޚިދުމަތަށް ޤައުމު ބޭނުންވާކަން ވަޒީރު ފާހަގަކުރެއްވި

  • ޤައުމަށް އެންމެ ފައިދާހުރި ދާއިރާތަކުން ކިޔެވުމަށްވެސް އިލްތިމާސްކުރެއްވި

މަތީ ތަޢުލީމާއި، ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުތަކާއެކު ދެން ފެނިގެންދާނީ އުފާވެރި ފުދުންތެރި ޢިލްމީ ޤާބިލު ޖީލެއްކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.

އެކަމަނާ މިފަދައިން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ ސްކޮލަރޝިޕާއި، ހައި އެޗީވަރސް ސްކޮލަރޝިޕް ލިބުނު ފަރާތްތަކަށް އެކަމުގެ ލިޔުން ޙަވާލުކުރުމަށް ހުރަވީ ސްކޫލުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

2023 ވަނަ އަހަރުގެ މަތީ ސާނަވީ އިމްތިޙާނުގައި ރާއްޖޭގެ 45 ސްކޫލަކުން 1407 ދަރިވަރަކު ބައިވެރިވެފައިވާއިރު، މި ދަރިވަރުންގެ ތެރެއިން 19 ދަރިވަރަކު ވަނީ ފަސް މާއްދާއިން "އޭ ސްޓާރ" ހޯދައި ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ސްކޮލަރޝިޕް ހާސިލުކޮށްފައެވެ. އަދި 117 ދަރިވަރަކު ވަނީ ފަސް މާއްދާއިން "އޭ" ހޯދައި ހައި އެޗީވަރސް ސްކޮލަރޝިޕް ހާސިލުކޮށްފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވީ، މި ސްކޮލަރޝިޕްތަކަކީ، ދިވެހި ޒުވާނުންގެ ޢިލްމާއި ހުނަރުވެރިކަން ތަރައްޤީކޮށް، ޤައުމުގެ ކުރިމަގު ބިނާކުރާނެ ހުނަރުވެރި ޖީލެއް ބިނާކުރުމަށް ދޭ ސްކޮލަރޝިޕްތަކެއްކަމަށެވެ. އަދި މިއީ މިހާތަނަށް، ދިވެހި ދައުލަތުގެ ފަރާތުން ދެއްވާ އެންމެ ޝަރަފުވެރި، ޚާއްޞަ ސްކޮލަރޝިޕްތައްކަން ފާހަގަކުރެއްވިއެވެ.

މަތީ ތަޢުލީމުގެ ފުރުޞަތުތައް ފަހިކޮށްދެއްވުމަށް ސަރުކާރުން ދެއްވާ އަޙައްމިއްޔަތުކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، ދިވެހި ޒުވާނުން ޢިލްމީ ޤާބިލު މީހުންނަށް ހެއްދެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކެނޑިނޭޅި ދެއްވާ ލަފާފުޅުތަކާއެކު، ކޮށްޓަވައިދެއްވާ މަގުތައް ނުހަނު ގިނަގުނަކަމަށެވެ. އަދި އެކަންކަމުގެ ހެޔޮ ނަތީޖާ ކުރިއަށްއޮތްތާނގައި ފެނިގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

"މާތްﷲގެ ވާގިފުޅާއެކު، މި 5 އަހަރު ނިމޭއިރު ދިވެހި ޒުވާނުން ބޭނުންވާ ފުރިހަމަ ނަތީޖާއާ ހަމައަށް ވާސިލުވެވޭނޭ ކަމުގެ ފުރިހަމަ ޔަޤީންކަން އަޅުގަނޑު މިރޭ ތިޔަ ބޭފުޅުނަށް އަރުވަން. މީގެ އިތުރުން ދިވެހިންނަށް ވަޒީފާގެ ފުރުޞަތު ކަށަވަރުކޮށް ދެއްވުމަށްވެސް ޢިއްޒަތްތެރި ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނުހަނު ބޮޑަށް މަސައްކަތްޕުޅުކުރައްވަވާ. ނަތީޖާއެއްގެ ގޮތުން ކުރިމަގުގައި އަޅުގަނޑުމެންނަށް ފެންނާނީ އިރާދަކުރެއްވިއްޔާ އުފާވެރި ފުދުންތެރި ޢިލްމީ ޤާބިލު ޖީލެއް." ވަޒީރު ޑރ. މާރިޔާ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ވަނީ މަދަރުސީ ދައުރު ފުރިހަމަކޮށް މަތީ ސާނަވީ ތަޢުލީމަށް ނިކުންނަށް ޒުވާނުންނަށްވެސް މުހިންމު ނަސޭޙަތެއް ދެއްވާފައެވެ. އެގޮތުން ކޮންމެ ޤައުމަކުން ކިޔެވި ކަމުގައި ވިޔަސް އެއިން ކޮންމެ ކުއްޖަކީ ފުރިހަމަ މުސްލިމުންގެ ގޮތުގައި ތިބި ދިވެހީންކަން އަބަދުވެސް ހަނދާންކުރަންޖެހޭކަމަށް ވަޒީރު ވިދާޅުވިއެވެ.

ޤައުމުތަކުގެ މެދުގައި އުފެދިފައިވާ ވާދަވެރިކަމުގެ ސަބަބުން، ދުނިޔޭގައި ކާމިޔާބީއަށް ބޭނުންވާ ޢިލްމާއި ހުނަރުތައް ކުރިން ނުފެންނަހާ ބާރު ދުވެއްޔެއްގައި ކުރިއަރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ. މިއާއެކު އެކާވީސްވަނަ ޤަރުނުގައި ދިރިއުޅުމަށް ބޭނުންވާ މަސައްކަތުގެ ހުނަރާއި ސިފަތަކާއި އަޚްލާޤު އަށަގަންނުވަން މަސައްކަތްކުރަންޖެހޭކަންވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑު ތިޔަ ކުދިންނަށް ދޭން ބޭނުންވާ އެއް މެސެޖަކީ، ބޭރު ޤައުމެއްގައި އުޅޭއިރު ތިޔައިން ކޮންމެ ކުއްޖަކީވެސް މި ޤައުމުގެ އެމްބަސެޑަރެއްކަން ދަނެގެން އުޅުން. ޤައުމު ތަމްސީލުކުރުމުގައި ރަނގަޅު ނަމޫނާއަކަށް ވުމަކީ ވަރަށް މުހިއްމުކަމެއް. މާތްވެގެންވާ އިސްލާމްދީނުގެ ރިވެތި އަޚުލާޤުގެ މަތީގައި ދެމިތިބުމަކީ އަޅުގަނޑުމެންގެ އެންމެ އިސް ވާޖިބުކަމުގައި ހަދަންވާނެ." ވަޒީރު ޑރ. މާރިޔާ ވިދާޅުވިއެވެ.

މަތީ ތަޢުލީމާ ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވީ، ޤައުމުގެ ތަރައްޤީއާއި ކުރިއެރުމުގައި ކިޔަވައިގެން ނިކުންނަށް ކުދިންގެ ދައުރު ވަރަށް މުހިންމުކަމަށެވެ. އެހެންކަމުން އެކުދިން ކިޔަވަން އިޚުތިޔާރުކުރާ ދާއިރާއަކީ ޤައުމަށް އެންމެ ފައިދާހުރި އެންމެ ބޭނުންތެރި މުހިންމު ދާއިރާތަކުގެ ތެރެއިން ދާއިރާއެއް ކަމުގައި ހެދުމަށް ވަޒީރު ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ކިޔަވައި ނިމިގެން އައިސް ޤައުމަށް ޚިދުމަތްކުރުމަކީ ކޮންމެ ކުއްޖެއްގެވެސް އަޒުމުކަމުގައި ކަނޑައެޅުމަށް އެކަމަނާ ވަނީ ގޮވާލައްވާފައެވެ.