ކަރަންޓް ބިލް ބޮޑުވާ މައްސަލައިގަ ރައްޔިތުންގެ ގިނަ ކަންބޮޑުވުންތަކެއް އެބަހުރިކަަމަށާއި ބިލުތައް ބޮޑުވާން ދިމާވާ ސަބަބުތައް ދެނެގަނެ އެކަން ރައްޔިތުންނަށް ސާފުވާނެހެން ކިޔައިދިނުން މުހިންމު ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވިދާޅުވެއްޖެއެވެ.
ކަރަންޓް ބިލް ބޮޑުވާ މައްސަލަގައި މަޖިލީހަށް ވަނީ ކުއްލި މައްސަލައެއް ހުށަހަޅުއްވާފައެވެ. މި ކުއްލި މައްސަލަ ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމެވެ.
މި މައްސަލައަށް ބަހުސް ކުރެއްވުމަށް ފެންނަ ކަމަށް ވޯޓް ދެއްވީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 61 މެމްބަރުންނެވެ.
ކުއްލި މައްސަލަ ހުށަހަޅުއްވަމުން މެމްބަރުން މުހައްމަދު އިބްރާހިމް ވިދާޅުވީ ރައްޔިތުން ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށާއި މިނިވަން މުއައްސަސާތަކަށް ފާރަވެރިވާން ޖެހޭ ކަމަށެވެ. އަދި ވޯޓްގެ ނަތީޖާއިން ވެސް ހާމަވެގެންދަނީ ކަރަންޓްގެ މައްސަލައަކީ ހަމައެކަނި އެ މެމްބަރު ނިސްބަތްވެވަޑައިގަންނަވާ ދާއިރާއަށް ކުރިމަތިވެފައިވާ މައްސަލައެއް އެކަނި ނޫން ކަމަށް ވެސް ވިދާޅުވިއެވެ.
ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީގެ މެމްބަރުން ވިދާޅުވީ ކަރަންޓް ބިލްގެ މައްސަލައަކީ ވަރަށް ކަންބޮޑުވާ މައްސަލައެއް ކަމަށާއި ޑިޖިޓަލް މީޓަރުތައް ތައާރަފު ކުރުމުގެ ސަބަބުން ކަރަންޓް ބިލަށް ބަދަލު އަންނަކަން ފާހަގަކުރެވިފައިވާނަމަ އެކަން ބަލަންޖެހޭކަމަށެވެ.
އަދި ކަރަންޓްގެ މައްސަލައާ ގުޅިގެން ރައްޔިތުންގެ ކަންބޮޑުވުންތައް ހުރީ ހަމައެކަނި ވޭތުވެދިޔަ 7 ވަރަކަށް މަހުގެ ތެރޭގައި އެކަނި ނޫންކަމަށާއި އެފަދަ ކަންބޮޑުވުންތައް މިދިޔަ 5 އަހަރުގެ ތެރޭގައިވެސް އާންމުން ފާޅުކުރަމުންދިޔަކަމަށެވެ. އަދުގެ ސަރުކާރުން ރައްޔިތުންގެ އެކަނބިޑުވުންތައް ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވާނެކަމުގެ ޔަގީންކަން އެބައޮތްކަމަށް މެންބަރުން ވިދާޅުވިއެވެ.
"ކަރަންޓް ބިލަށް އަންނަމުންދާ ބަދަލަކީ ރައްޔިތުންނަށް ސާފުވާން ޖެހޭ ކަމެއް. ބިލްތަކާއި ގުޅިގެން ހުރި ކަންބޮޑުވާ ކަންކަން ސްޓެލްކޯއިންވެސް ބަލަމުން އެބަދޭ" ސަރުކާރު ހިންގާ ޕާޓީއަށް ނިސްބަތްވާ މެންބަރުން ވިދާޅުވިއެވެ.
ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން އިދިކޮޅު މެމްބަރުންވެސް ވަނީ ކަރަންޓް ބިލް ބޮޑުވާ މައްސަލައިގައި އަސްލަކީ ކޮބައިކަން އެނގެން ޖެހޭ ކަމަށާއި އެކަމަށް ފުރިހަމަ ދިރާސާއެއް ކުރަންޖެހޭކަމަށް ވިދާޅުވެފައެވެ. އަދި ސްމާޓް މީޓަރ ތައާރަފްކުރިފަހުން ބައެއް ރަށްރަށުގެ ގޭބިސީތަކުގެ ކަރަންޓުބިލް އިންތިހާއަށް ބޮޑުވެފައިވާކަން މެންބަރުން ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެން އެއްވެސް ހާލެއްގައި މި ދަންނަވަނީ ޚިދުމަތްދޭ ކުންފުނިން އޮޅުވާލައިގެން ބިލް ބޮޑުކުރާ ވާހަކައެއް ނޫން. ކަރަންޓް ބިލް ބޮޑުވާ މައްސަލައިގައި އަސްލަކީ ކޮބައިކަން އެނގެން އެބަޖެހޭ. ފުރިހަމަ ދިރާސާއެއް ކުރަންޖެހޭ" މެމްބަރުން ވިދާޅުވިއެވެ.
ކަރަންޓްގެ މައްސަލައަކީ ކަންބޮޑުވުން އޮތް މައްސަލައެއްކަން ޤަބޫލުކުރައްވާ ކަމަށް ގިނަ މެމްބަރުން ވިދާޅުވެފައިވާއިރު، ކަރަންޓްގެ ޚިދުމަތްދޭ ފަރާތްތައް ކޮމިޓީއަށް ގެނެސް އެ މައްސަލަ ބަލަން ޖެހޭކަމަށް ބައެއް މެމްބަރުން ވަނީ ވިދާޅުވެފައެވެ.