ޚަބަރު

ހިލޭ ކީރިތި ޤުރްއާން ކިޔެވޭނެ ކުލާސްތައް އިތުރުކޮށް އެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރަނީ


  • ދިވެހިންނާ ކީރިތި ޤުރްއާނާ ދެމެދު އުފެދިފައިވަނީ ވަރަށް މަތިވެރި ފުން ގުޅުމެއްކަން ރައީސް ފާހަގަކުރެއްވި

ހިލޭ ކީރިތި ޤުރްއާން ކިޔެވޭނެ ކުލާސްތައް އިތުރުކޮށް އެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިކަން ހާމަކުރެއްވީ ކީރިތި ޤުރްއާން ކިޔެވުމުގެ 36ވަނަ ޤައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ކީރިތި ޤުރްއާން ކިޔެވޭނެ ކުލާސްތައް މާލޭގެ އިތުރުން ބައެއް ރަށްރަށުގައި މީގެ ކުރީގެ އަހަރުތަކުގެ ތެރޭގައި ހިންގި ނަމަވެސް ދެމެހެއްޓެނިމި ގޮތެއްގައި އެފަދަ ކްލާސްތައް ހިލޭ ހިންގިފައިނުވެއެވެ. ރައީސްގެ ވާހަކަފުޅުގައި ހިލޭ ކީރިތި ޤުރްއާން ކިޔެވޭނެ ކިލާސްތައް އިތުރު ކުރައްވާއިރު އެ ޚިދުމަތް ސަރުކާރުން މުޅި ރާއްޖެއަށް ފުޅާކުރެވޭނެކަމަށެވެ.

ކީރިތި ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިވެހީންގެ ދިރިއުޅުން އިސްލާމީ ސަގާފަތުން ޒީނަތްތެރިވެގެންވުމަކީ ދިވެހީންނަށް އެންމެ ލާބަ ހުރި ގޮތްކަމަށާއި، އެއީ ދުނިޔޭގައި ވެސް ހެޔޮކަން އަދި އާޚްރަތުގައި ވެސް ހެޔޮކަން ލިބޭ ހަމަ އެކަނި މަގުކަމަށެވެ.

ދިވެހީން އިސްލާމްދީންމަތީގައި ދެމި ތިބޭތާ ނުވަސަތޭކައެއްހައި އަހަރުވެފައިވާއިރު، ވޭތުވެދިޔަ އަހަރުތަކުގައި ދިވެހިންނާ ކީރިތި ޤުރްއާނާ ދެމެދު އުފެދިފައިވަނީ ވަރަށް މަތިވެރި ފުން ގުޅުމެއްކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިވެހީންގެ ސަގާފަތަކީ ތުއްތުކުދީންނަށް އަކުރު އުނގަންނައިދޭން ފަށާ ހިސާބުން ކީރިތި ޤުރުއާން ދަސްކޮށްދޭން ފެށުންކަމަށެވެ.

"އެ ކަން ކޮންމެ މަންމަޔަކު އައީ ކުރަމުން. އަދި ވަކި ހިސާބަކަށް ދިޔުމުން އެދުރުގެތަކަށް ފޮނުވައިގެން ކިޔެވުން ދަސްކޮށްދޭން ފެށުނު. ދަރީންނަށް ކީރިތި ޤުރްއާން ކިޔަވާށާއި ލިޔާން ދަސްކޮށް ދިނުމަކީ ދިވެހީންގެ ސަގާފަތުގެ ތެރޭގައި ހިމެނޭ ކަމެއް. ކޮންމެ ރެޔެއްގެ މަޣުރިބު ނަމާދާ ޢިޝާނަމާދާ ދެމެދު ކޮންމެ ގެޔެއްގައި ކީރިތި ޤުރްއާން ކިޔެވުން އޮވޭ. ކޮންމެ ކުއްޖަކު ވަކި އުމުރަކަށް ދިޔުމުގެ ކުރިން ޤުރްއާން ޚަތިމުކޮށް ދަސްކިޔުއްވުން އޮވޭ" ރައީސް ވިދާޅުވިއެވެ.

ކީރިތި ޤުރްއާނަށް ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވަނީ ރާއްޖޭގައި މި ވަގުތު ހުރި އަޚްލާޤީ ހުރިހައި މައްސަލަތަކުގެ ޙައްލަކީ ކީރިތި ޤުރްއާންކަމަށް ވެފައި އަޅުގަނޑުމެން ޖެހެނީ އެ ފޮތަށް އެނބުރިދާންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެ ފޮތުގައިވާ އިލާހީ އިރުޝާދުތަކަށް ހުރިހައި މާނައެއްގައި ހުރިހައި ވަގުތެއްގައި ބަހާއި ޢަމަލުން ސީދާވާންޖެހޭއިރު އެންމެ ކުޑަ ކުއްޖާއިން ފެށިގެން އެންމެ ދޮށީ މީހާއާ ހަމައަށް ކޮންމެ ދުވަހެއްގެ ދުވަހީ ދިރިއުޅުން ތަމްސީލުވާ ތަރަހައަކީ މަތިވެރިވެގެންވާ ކީރިތި ޤުރްއާންކަމުގައިވުން އެއީ ދިވެހީންނަށް ދިވެހި ރާއްޖެއަށް އެންމެ ލާބަ ހުރި ގޮތްކަމަށްވެސް ރައީސް ވިދާޅުވިއެވެ.