ޚަބަރު

މިފްކޯއަށް ސީއީއޯއެއް ހޯދަން ކުރި އިޢުލާން ބާޠިލްކޮށްފި


  • އިޢުލާން ބާޠިލްކުރީ ޝަރުތު ހަމަވާ ފަރާތެއް ކުރިމަތިލާފައިނުވާތީ

  • ސީއީއޯއެއް ހޯދުމަށް އިޢުލާންކުރީ މިދިޔަމަހުގެ 26ވަނަ ދުވަހު

  • މިއިޢުލާނުގެ މުއްދަތު ހަމަވެފައިވަނީ މިމަހުގެ 15 ވަނަ ދުވަހު

ޝަރުތު ހަމަވާ އެއްވެސް ފަރާތަކުން ކުރިމަތިލާފައި ނުވާތީ، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮންމްޕެނީ ލިމިޓެޑް(މިފްކޯ) އަށް ސީއީއޯއެއް ހޯދަން ކުރި އިޢުލާން ބާޠިލްކޮށްފިއެވެ.

ސަރުކާރުގެ ކުންފުނިތަކުގެ ބެލެނިވެރި ފަރާތް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު(ޕީސީބީ)އިން މިފްކޯއަށް ސީއީއޯއެއް ހޯދުމަށް އިޢުލާންކުރީ މިދިޔަމަހުގެ 26ވަނަ ދުވަހުއެވެ.

އަދި މި އިޢުލާނުގެ މުއްދަތު މިމަހުގެ 15 ވަނަ ދުވަހު 14:00 އާއި ހަމައަށްވަނީ ހަމަވެފައެވެ.
ޕީސީބީން ބުނީ އިޢުލާން ބާޠިލްކޮށްފައިވަނީ ޝަރުތު ހަމަވާ އެއްވެސް ފަރާތަކުން ކުރިމަތިލާފައިނުވާތީ ކަމަށެވެ.

މިފްކޯއަށް ބޭރުގެ ސީއީއޯއެއް ހޯދަން ކުރި އިޢުލާންގައި ސީއީއޯގެ މަޤާމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަން ޖެހޭނެކަމަށް ކަނޑައަޅާފައިވާ ޝަރުޠުތަކުގެ ތެރޭގައި، މަދުވެގެން 8 އަހަރު މަސްވެރިކަމާއި ގުޅުންހުރި ކުންފުންޏެއް ހިންގުމުގެ ތަޖުރިބާ ހުރި ފަރާތަކަށްވުމާއި، މަދުވެގެން 4 އަހަރު މަސްވެރިކަމާއި ގުޅުން ހުރި ބައިނައަޤްވާމީ ކުންފުންޏެއް ހިންގުމުގެ ތަޖުރިބާ ހުރި ފަރާތަކަށް ވާން ޖެހެއެވެ.

ޕީސީބީން މިފްކޯއަށް އައު ސީއީއޯއެއް ހޯދުމަށް އިޢުލާންކުރީ، އެ މަޤާމުގައި ކުރިން ހުންނެވި އަހުމަދު ޝަމާހް ރަޝީދު އެމަޤާމުން މިދިޔަ މޭއި މަހު ވަކިކުރުމަށް ފަހުއެވެ. މަގާމުން ވަކިކުރުމުގެ ކުރިން ޝަމާހްވަނީ މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރި ކޮށްފައެވެ. އޭނާ މަޤާމުން ވަކިކުރި ސީދާ ސަބަބެއް ޕީސީބީން ހާމަކޮށްފައެއް ނުވެއެވެ.

ޤައުމީ މަސްކުންފުނި، މިފްކޯއަކީ ފައިދާއެއް ނުލިބި ގެއްލުމުގައި ހިންގަމުންދާ ކުންފުންޏެކެވެ. މިފްކޯއަކީ ސަރުކާރުގެ މަސްކުންފުނީގެ ގޮތުގައި 1993 ވަނަ އަހަރު އުފައްދާފައިވާ ކުންފުންޏެކެވެ. އެކުންފުނީގެ ހަމައެކަނި ބޭނުމަކީ ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ ފުޅާކޮށް ރާއްޖޭގެ އިޤްތިޞާދަށް އޭގެ ނަފާ ހޯދައިދިނުމެވެ.