ޚަބަރު

ޖޫން މަހު މީރާއިން 2.05 ބިލިއަން ރުފިޔާ


  • އާމްދަނީގެ އެންމެ ބޮޑު ހިއްސާއަކީ ޖީ.އެސް.ޓީ ފައިސާ

މިދިޔަ ޖޫންމަހު 2.05 ބިލިއަން ރުފިޔާ ބަލައިގަނެފައިވާ ކަމަށް މޯލްޑިވްސް އިންލަންޑު ރެވެނިއު އޮތޯރިޓީ، މީރާއިން ހާމަކޮށްފިއެވެ.

މިއަދަދަކީ ވޭތުވެދިޔަ އަހަރުގެ މިމުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %26.8 އިތުރު އަދަދެކެވެ. އަދި މިއަހަރުގެ ޖޫންގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ %28.8 ދަށް އަދަދެކެވެ.

މީރާއިން މައުލޫމާތު ދޭ ގޮތުގައި، ޖޫންމަހު ލިބުނު އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ކުންފުނިތަކާއި ފަރުދުން ނޫން ފަރާތްތަކުގެ އާމްދަނީން ނަގާ ޓެކްސް، ޖީއެސްޓީ އަދި ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުމެވެ.

މީގެ އިތުރުން، އިންކަމް ޓެކްސް ބަޔާން ހުށަހަޅައި ފައިސާ ދެއްކުމުގެ ސުންގަނޑި ޖޫން 2023 ގައި އީދު ބަންދާއި ދިމާވުމާއި ގުޅިގެން ސުންގަޑި ޖުލައި މަހަށް ފަސްކުރި ނަމަވެސް ޖޫން 2024 ގައި އިންކަމް ޓެކްސް ބަޔާން ހުށަހަޅައި ފައިސާ ދެއްކުމުގެ ސުންގަޑިއަށް ބަދަލު އައިސްފައި ނުވާތީ ޖޫން 2023 އާއި އަޅާބަލާއިރު ޖޫން 2024 ގައި އިންކަމް ޓެކްސް އިން ލިބިފައިވާ އާމްދަނީ އިތުރުވެފައިވާ ކަމަށް މީރާ އިން ބުނެއެވެ.

ޖޫން 2024 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ހިއްސާއަކީ ޖީ.އެސް.ޓީއެވެ. އެއީ 748.48 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އާމްދަނީން ނަގާ ޓެކްސްއިންނެވެ. އެއީ 629.47 މިލިއަން ރުފިޔާއެވެ.

މީގެ އިތުރުން ޓޫރިޒަމް ލޭންޑް ރެންޓްގެ ފީގެ ގޮތުގައި 343.39 މިލިއަން ރުފިޔާ، ޑިޕާޗަރ ޓެކުސްގެ ގޮތުގައި 81.59 މިލިއަން ރުފިޔާ، އެއަރޕޯޓް ޑިވެލޮޕްމެންޓް ފީގެ ގޮތުގައި 81.56 މިލިއަން ރުފިޔާ، އަދި އެހެނިހެން ޓެކްސްއާއި ފީގެ ގޮތުގައި 166.67 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

ޖޫންމަހު ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 76.57 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.