ޚަބަރު

ދައުލަތުގެ ދަރަންޏާ ބެހޭ ބިލާއި ފިސްކަލް ޒިންމާގެ ބިލު ބަލައިގަނެ ކޮމީޓީއަށް


  • ދަރަންޏާ ބެހޭ ބިލު ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫޙް

  • ފިސްކަލް ޒިންމާގެ ބިލު ހުށަހެޅުއްވީ ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމް

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ދައުލަތުގެ ދަރަންޏާބެހޭ ބިލާއި ދައުލަތުގެ ފިސްކަލް ޒިންމާގެ ބިލު ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވައިފިއެވެ.

މި ދެ ބިލު މަޖިލީހަށް ބަލައިގަތުމަށް ފާސްވީ މިއަދު ބޭއްވި ޖަލްސާގައި 78 މެންބަރުންގެ އިއްތިފާގުންނެވެ. ދެ ބިލުވެސް މަޖިލީހަށް ބަލައިގަތުމަށްފަހު ދިރާސާކުރުމަށް ފޮނުވާފައިވަނީ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށެވެ.

ސަރުކާރުގެ ފަރާތުން ދައުލަތުގެ ދަރަންޏާބެހޭ ބިލް މަޖިލީހަށް ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫޙުއެވެ. މި ބިލު ފާސްވެ، ޤާނޫނަކަށްވެގެންދިއުމުން ރާއްޖޭގައި ޑެޓް މެނޭޖްމަންޓް އޮފީހެއް ނުވަތަ ދަރަނި މެނޭޖުކުރުމަށް ޚާއްސަ އޮފީހެއް ގާއިމްކުރަންޖެހޭނެއެވެ. އަދި އެ އޮފީހުން ދަރަނި ބަލަހައްޓައި މެނޭޖުކުރުމުގެ މަސައްކަތް ކުރަންޖެހޭއިރު މި އޮފީސް ގާއިމުކުރަންޖެހޭނީ ޤާނޫނު ފާސްވާތާ 6 މަސްދުވަހުގެ ތެރޭގައެވެ.

މި ބިލު ޤާނޫނަކަށްވުމުން މާލީ ވުޒާރާގެ ޑެޓް މެނޭޖްމަންޓް ޑިޕާޓްމަންޓުގެ ހުރިހާ ޒިންމާއެއް ޑެޓް މެނޭޖްމަންޓް އޮފީހުގެ ދަށަށް ބަދަލުވާނެއެވެ. މި ބިލުގައި ދައުލަތުގެ ދަރަނި ނެގުމާބެހޭ އުސޫލުތަކާއި މެނޭޖުކުރުމުގެ އުސޫލުތަކާއި ދަރަންޏާއި ބެހޭ މައުލޫމާތު ހާމަކުރުމާއި ރިޕޯޓްކުރުމާއި ކައުންސިލްތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ނަގާ ދަރަންޏަށް ސޮވްރިން ގެރެންޓީ ދިނުމާބެހޭ އުސޫލުތައްވެސް ވަނީ ބަޔާންކޮށްފައެވެ.

ސަރުކާރުގެ ފަރާތުން، ދައުލަތުގެ ފިސްކަލް ޒިންމާގެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމެވެ. މި ބިލަކީ ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނުގެ ބަދަލުގައި އެކަށީގެންވާ ގޮތެއްގައި ތަންފީޒުކުރެވޭނެ ފިސްކަލް ހަމަތަކާގުޅޭ އައު ނިޒާމެއް ތަޢާރަދުކޮށް ދައުލަތުގެ ފިސްކަލް އެންމެހާ ކަންކަން ހިންގަނީ ދެމެހެއްޓެނިވި، ދެފުށް ފެންނަ އަދި ޒިންމާދާރު ގޮތެއްގައިކަން ކަށަވަރުކުރުމަށް އެކުލަވާލާފައިވާ ބިލެކެވެ.

ދައުލަތުގެ ފިސްކަލް ޒިންމާގެ ބިލުގައި ދައުލަތުގެ ފިސްކަލް ޕޮލިސީ، ދެމެހެއްޓެނިވި އަދި ދެފުށް ފެންނަ ގޮތެއްގައި ކުރިއަށްގެންދިއުމަށް ގިނަ ކަންކަން ވަނީ ހިމަނާފައެވެ. އެގޮތުން، މާލީ ވަޒީރު ފިސްކަލް ޕޮލިސީ އެކުލަވާލަންޖެހޭއިރު ކޮންމެ ރިޔާސީ ދައުރެއް ފެށޭތާ ހަ މަސްދުވަހުގެ ތެރޭގައި އެ ސަރުކާރެއްގެ ފަސް އަހަރުގެ ފިސްކަލް ޒިންމާގެ ޗާޓަރު އެކުލަވާލައި ގެޒެޓުގައި ޝާއިއުކުރަންވާނެ ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ. މި ޗާޓަރު އެކުލަވާލަން ޖެހޭނީ ފިސްކަލް ޕޮލިސީގެ ހަމަތަކަށް ބިނާކޮށް ކަމަށް ވަނީ ބުނެފައެވެ.

މި ދެ ބިލް މަޖިލީހުން ބަލައިގަނެ ކޮމިޓީއަށް ހުށަހަޅާފައިވާއިރު ބިލުތައް ފާސްކުރާނީ ކޮމިޓީން ބިލު ދިރާސާކޮށް ފާސްކުރާ ކޮމިޓީ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހަޅައި މެންބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ. މި ދެ ބިލު ޤާނޫނަކަށްވެ އަމަލުކުރަން ފަށާނީ މަޖިލީހުން ބިލު ފާސްކުރުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ބިލުތައް ތަސްދީގުކުރެއްވުމުންނެވެ.