ޚަބަރު

ރާއްޖޭގެ ފުރަތަމަ ކްރިޓިކަލް ކެއަރ ސްޕެޝަލިސްޓުގެ ގޮތުގައި ޑރ. މޫސަ ޚިދުމަތްދޭން ފައްޓަވައިފި


  • މަސައްކަތް ކުރައްވަނީ އައިޖީއެމްއެޗްގެ އައިސީޔޫގައި ކްރިޓިކަލް ކެއާ ސެޓަޕެއް ހަދަން

  • ވަގުތުވީ ވަރަކުން ފުއްޕާމޭގެ ބަލިތައް ހުންނަ މީހުންވެސް ބައްލަވާނެކަމަށް ވިދާޅުވި

ކުއްލި ހާލަތުގައި ދެވޭ ފަރުވާތަކަށް ޚާއްސަވި ދިވެހި ފުރަތަމަ ޑޮކްޓަރު ޑރ. މޫސާ ޙުސައިން އަލުން ޚިދުމަތާ ގުޅިވަޑައިގެންފިއެވެ.

ކުއްލި ހާލަތުގައި ދެވޭ ފަރުވާތަކަށް ޚާއްސަވުމަށް ކިޔަވައިވިދާޅުވުމަށް ވަޑައިގަތުމުގެ ކުރިން ޑރ. މޫސައަކީ ފުއްޕާމެގެ ބަލިތަކަށް ފަރުވާދެއްވަމުންގެންދެވި ޑޮކްޓަރެކެވެ. ކުއްލި ހާލަތުގައި ދެވޭ ފަރުވާތަކަށް ޚާއްސަވުމަށް އައިޖީއެމްއެޗްގެ ސްކޮލަޝިޕެއްގައި އިންޑިއާއަށް ވަޑައިގަތީ 2022 ވަނަ އަހަރުގެ ޖޫން މަހުގައެވެ. އަދި ކޯސް ނިންމުމަށްފަހު ޚިދުމަތާ އަލުން ގުޅިވަޑައިގަތީ މިދިޔަ ހޯމަ ދުވަހުއެވެ.

ޑރ. މޫސާ ޙުސައިން ވިދާޅުވީ މިވަގުތު އެންމެ އިސްކަމެއްދެއްވައިގެން މަސައްކަތް ކުރައްވަނީ، ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗްގެ އައިސީޔޫގައި ކްރިޓިކަލް ކެއާ ސެޓަޕެއް ހަދައި ކުއްލި ހާލަތްތަކުގައި ފޯރުކޮށްދޭންޖެހޭ ފަރުވާ ދިނުމަށްކަމަށެވެ. އަދި މިދާއިރާއިން އިތުރު މީހުން ތަމްރީންކޮށް ޚިދުމަތް ފުޅާކުރުމަށް މަސައްކަތްކުރުމަކީވެސް ޑރ. މޫސަގެ ޕްލޭނެކެވެ. ޑރ. މޫސައަކީ ކުރިން ފުއްޕާމޭގެ ބަލިމީހުންނަށް ފަރުވަދިނުމަށް ޚާއްސަ ޑޮކްޓަރަކަށްވާއިރު މިކަމާ ގުޅޭގޮތުން ވިދާޅުވީ ކުރިއަށް އޮތްތަނުގައި ވަގުތުވީވަރަކުން ފުއްޕާމޭގެ ބަލި މީހުންނަށްވެސް ފަރުވާދެއްވާނެކަމަށެވެ.

ޑރ. މޫސަ ވަނީ ސަބް-ސްޕެޝަލިޓީއަށް ވުމުގެ ކުރިން އައިސީޔޫ ކެއާ މެނޭޖްމަންޓްގެ ދާއިރާގައި އިސްކޮށް ހަރަކާތްތެރިވެފައެވެ. ޚާއްސަކޮށް ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން ކްރިޓިކަލް ކެއާގައި މީހުންނަށް ފަރުވާ ދިނުމުގައި ޑރ. މޫސަ އިސްކޮށް އުޅުއްވިއެވެ. އަދި ކޯވިޑް ބަލިމަޑިކަމާއި ގުޅިގެން މީހުން ހޭލުންތެރިކުރުވުމަށާއި އެބަލިމަޑުކަމުގެ ދުވަސްވަރު އެކަމާގުޅޭ ފަހުގެ މަޢުލޫމާތު ޙިއްސާކުރުމަށް ޓެގް ޓީމުގެ މެންބަރެއްގެ ޙައިސިއްޔަތުންވެސް މަޢުލޫމާތާއި އިރުޝާދުދެއްވަމުން ގެންދެވިއެވެ.

ކްރިޓިކަލް ކެއާއިން ޚާއްސަ ވެވޭނީ އިމަޖެންސީ ފިޒީޝަން، ފުއްޕާމޭގެ ޑޮކްޓަރު، އެތެރެހަށީގެ ޑޮކްޓަރު ނުވަތަ ހޭނައްތާ ޑޮކްޓަރަކަށެވެ. ކުއްލި ހާލަތުގައި ދެވޭ ފަރުވާތަކަށް ޚާއްސަ ޑޮކްޓަރުންނަކީ ބަލިމީހުން ވެންޓިލޭޓަރަށް ލުމާއި ވެންޓިލޭޓަރު މެނޭޖު ކުރުމާއި ހިއުމަން ޑައިނަމިކް އަދި ލޭގެ ޕްރެޝަރު ދަށްވެއްޖެނަމަ ވަކި ގޮތަކަށް މެނޭޖު ކުރުމާއި ކްރިޓިކަލް ކެއާ ޑައިލިސިސް ހެދުންފަދަ ކަންކަން ކުރާ ޑޮކްޓަރުންނެވެ.