ޚަބަރު

ރީޖަނަލް ހޮސްޕިޓަލްތަކުގައި ޚާއްސަ ޑޮކްޓަރުންނަށް ދެއްކޭ ވަގުތު އިތުރުކުރަނީ


  • ކުރިން ޚިދުމަތް ދެމުން އައީ އެއް ދަންފަޅިއަށް

  • މި ބަދަލާއި އެކު ހަވީރު 16:00 ރޭގަނޑު 10:00 ޖެހުމާއި ހަމައަށް ޚިދުމަތްދޭނެ

ރާއްޖޭގެ 5 ސަރަހައްދުގައި ޤާއިމްކޮށްފައިވާ ރީޖަނަލް ހޮސްޕިޓަލްތަކުން ފޯރުކޯށްދޭ ޚާއްސަ ޑޮކްޓަރުންގެ ޚިދުމަތް 2 ދަންފަޅިއަށް ބަދަލުކުރުމަށް ނިންމައިފިއެވެ.

ޞިއްޙީ ވުޒާރާއިން ވިދާޅުވީ މީގެ ކުރިން އެއް ދަންފަޅިއަށް ޚިދުމަތް ދެމުން އައި ފަސް ރީޖަނަލް ހޮސްޕިޓަލެއް މިމަހުން ފެށިގެން ދެ ދަންފަޅިއަށް ޚިދުމަތް ދޭން ފެށުމަށް ނިންމާފައިވާކަމަށެވެ.

އެގޮތުން ދެ ދަންފަޅިއަށް ޚިދުމަތްދޭން ނިންމާފައިވަނީ، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ އިތުރުން ގދ. ތިނަދޫ ގައި ހުންނަ ޑރ. އަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލް، އަދި އައްޑޫ ސިޓީ އިކުއެޓޯރިއަލް ހޮސްޕިޓަލުންނެވެ.

އެގޮތުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ވަނީ މިމަހުގެ 1 ވަނަ ދުވަހުން ފެށިގެން ދެ ދަންފަޅިއަށް ޚިދުމަތް ދޭން ފަށާފައިކަމަށާއި ދެން ހުރި ހޮސްޕިޓަލްތަކުން ދެ ދަންފަޅިއަށް ޚިދުމަތް ދޭން ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ.

ދެ ދަންފަޅިއަށް ޚިދުމަތްދޭން ފެށުމުން ސެޕަޝަލިސްޓުންނަށް ޑޮކްޓަރަށް ދެއްކުމުގެ ޚިދުމަތްތައް ލިބޭ ވަގުތު އިތުރުވެގެންދާނެއެވެ. އެގޮތުން މީގެކުރިން އެ ހޮސްޕިޓަލްތަކުގައި ސެޕަޝަލިސްޓުންނަށް ދެއްކުމުގެ ޙިދުމަތްދެމުން އައީ ހެނދުނު 9:00 އިން 16:00 އެކަނި ނަމަވެސް، މި ބަދަލާއި އެކު ހަވީރު 16:00 ރޭގަނޑު 9:00 ނޫނީ 10:00 ޖެހުމާއި ހަމައަށްވެސް ސެޕަޝަލިސްޓުންނަށް ދެއްކުމުގެ ޚިދުމަތް ރީޖަނަލް ހޮސްޕިޓަލްތަކުން ލިބިގެންދާނެއެވެ.

ރީޖަނަލް ހޮސްޕިޓަލް ތަކުން ދެ ދަންފަޅިއަށް ޚިދުމަތް ދޭން ފެށުން އެތަންތަނުން ޚިދުމަތް ހޯދާ ރައްޔިތުންނަށް އެތައްގޮތަކުން ލުއިފަސޭހަތަކެއް ލިބިގެންދާނެކަމަށް ޞިއްހީ ވުޒާރާއިން ދެކެއެވެ.