ރާއްޖޭގެ ދަރަނި ބޮޑުވެގެން ދިޔައީ ނިމުނު ސަރުކާރުގައި މާލީ މުހިންމު، ގިނަ ޒިންމާތަކެއް ދޫކޮށްލުމުގެ ސަބަބުންކަމަށް ކުރީގެ މާލީ ވަޒީރު އަދި މިހާރުގެ މާލީ ވަޒީރުގެ އެޑްވައިޒަރު އަޙްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި އަޙްމަދު މުނައްވަރު ވިދާޅުވީ ކުރީ ސަރުކާރުގައި އެންމެ ބޮޑު އިޙުމާލެއް އޮތީ ކުންފުނިތަކުގެ މާލީ ޙާލަތު ބެލެހެއްޓުމުގައިކަމަށާއި، އެއީ ދަޢުލަތުގެ ބަޖެޓުގެ ޚަރަދު ބޮޑުވެ، ނުކަތައިގެން ދިޔަ އެންމެ ބޮޑު ސަބަބުކަމަށެވެ. ޚަރަދު ބޮޑުވާން ދިމާވި ސަބަބުތަކުގެތެރޭގައި އެއްވެސް ބެލުމެއް ނެތި މުވައްޒަފުން އިތުރުކޮށް، ނުބައްދަލު މުސާރަ ދިނުމާއި، މަޝްރޫޢުތައް ރޭވުމުގައި ޖުމްލަ ޚަރަދަށް ބަލައި މަސައްކަތްތައް ރާވާފައި ނެތުން ހިމެނޭކަމަށްވެސް މުނައްވަރު ވިދާޅުވިއެވެ.
މިދިޔަ ވެރިކަމުގެ ދައުރު ނިމުނުއިރު ސަރުކާރުގެ ޚަރަދުތައް ކޮންޓްރޯލުން ނެއްޓި އާމްދަނީއަށްވުރެ ޚަރަދުތައް އިތުރުވެ، ޑެފިސިޓް ޚަރަދު އޮތީ 53 ބިލިއަން ރުފިޔާގައިކަން ފާހަގަކުރައްވާ މުނައްވަރު ވިދާޅުވީ، އެއީ އަހަރަކަށް ގާތްގަނޑަކަށް 10 ބިލިއަން ރުފިޔާކަމަށެވެ.
މުނައްވަރު ވިދާޅުވީ ކުންފުނިތައް އިންތިހާއަށް ޚަރަދު ބޮޑުކޮށް ހިންގާފައިވާއިރު، 2022 ވަނަ އަހަރު ނިމުނުއިރު ކުންފުނިތަކުގެ ދަރަނި 32 ބިލިއަން ރުފިޔާގައި އޮތްކަމަށެވެ. އަދި ކުރީ ސަރުކާރުގެ 5 އަހަރުގެ ދަޢުރުގައި ކުންފުނިތަކުގެ ޖުމްލަ ދަރަނި އެކަނިވެސް 98 ބިލިއަނަށް އަރައިގެންދިޔަކަމަށް މުނައްވަރު ވިދާޅުވިއެވެ.
މުނައްވަރު ވިދާޅުވީ، އޭރުގެ ވެރިކަން ނިމުނުއިރު ސަރުކާރާއި ކުންފުނިތަކުގެ ދަރަނި ހިމެނޭގޮތަށް ރާއްޖޭގެ ދަރަނި 200 ބިލިއަނަށް އަރާފައިވާކަމަށެވެ.
"ކުންފުނިތަކުގެ ސަބްސިޑީއާއި ކެޕިޓަލްގެ ގޮތުގައި ބޮޑެތި ޢަދަދުތަކުން ފައިސާ ވަނީ ދީފައި. ރީސްޓްރަކްޗަރކޮށް ރީފޯމްކުރުމުގައި އެންމެ ބޮޑު އިސްކަމެއް ދޭންޖެހެނީ މި ދާއިރާއަށް." ކުރީގެ މަލީ ވަޒީރު އަދި މިހާރުގެ މާލީ ވަޒީރުގެ އެޑްވައިޒަރު އަޙްމަދު މުނައްވަރު ވިދާޅުވިއެވެ.
މުނައްވަރު ވިދާޅުވީ 2018 ނިމުނުއިރު ކުންފުނިތަކަށް ދެމުންދިޔައީ 500މިލިއަނެއްހާ ރުފިޔާކަމަށެވެ. ނަމަވެސް މިދިޔަ 5 އަހަރުގައި، އަހަރަކު 6 ބިލިއަނާ ހަމައަށްވެސް ފައިސާ ދީފައި އެބަހުރިކަމަށް މުނައްވަރު ވިދާޅުވިއެވެ.
ވަކިވަކި ކުންފުނިތަކަށް ބަލާއިރު 2018 ވަނަ އަހަރު ފެނަކައިގެ ދަރަނި 1.2 ބިލިއަންގައި އޮތްނަމަވެސް، 2023 ނޮވެބަރާ އަހައަށް މި އަދަދު ވަނީ 4.3 ބިލިއަނަށް އަރާފައެވެ. ސްޓެލްކޯގެ ދަރަނި 5 އަހަރުތެރޭގައި 2.8 ބިލިއަނުން 3.8 ބިލިއަނަށް އުފުލުނުއިރު، އައިލެންޑް އޭވިއޭޝަންގެ ދަރަނި 1 ބިލިއަނުން 4 ބިލިއަނަށް އަރާފައިވާކަމަށް މުނައްވަރު ވަނީ ވިދާޅުވެފައެވެ.