ޚަބަރު

ދަނޑުވެރިކަން ކުރިއެރުވުމަށް ހިލޭ އެހީ އަދި ލޯނު ދިނުމަށް "ދަނޑުވެރި މަންފާ" އިފްތިތާޙްކޮށްފި


  • މި ސްކީމް ރަސްމީކޮށް އިފްތިތާޙްކޮށްދެއްވީ ދަނޑުވެރިކަމާބެހޭ ވަޒީރު

  • ދަނޑުވެރިންނަށް މާލީ އެހީ ދިނުން މުހިންމުކަން ވަޒީރު ފާހަގަކުރެއްވި

ދަނޑުވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް "ދަނޑުވެރި މަންފާ"ގެ ނަމުގައި ހިލޭ އެހީ އަދި ލޯނު ސްކީމެއް ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން އިފްތިތާޙްކޮށްފިއެވެ.

މި ސްކީމަކީ ދަނޑުވެރިކަމާއި ބެހޭ ވުޒާރާއާއި، އިންޓަނޭޝަނަލް ފަންޑް ފޯރ އެގްރިކަލްޗަރަލް ޑެވޮލޮޕްމަންޓް (އިފާޑް)އާ ގުޅިގެން ކުރިއަށް ގެންދާ ސްކީމެކެވެ. މި ގްރާންޓް ސްކީމަށް ހުޅުވާލަނީ އެސްޑީއެފްސީ މެދުވެރުކޮށެވެ.

މި ސްކީމް ރަސްމީކޮށް އިފްތިތާޙްކުރުމަށް މާގިރި ހޮޓެލްގައި ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި، ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ރަމީލާ ވިދާޅުވީ، ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަމުގެ ނަފާ ހޯދުމަށްޓަކާ ދަނޑުވެރިންނަށް މިފަދަ މާލީ އެހީތެރިކަން ފޯޯރުކޮށްދިނުމަކީ މުހިންމުކަމެއް ކަމަށެވެ.

"ދަނޑުވެރިން ކުރާ މަސައްކަތަކީ، އަޅުގަނޑުމެންގެ އިޤްތިޞާދަށް ފައިދާ ކުރާ ކަމަށްކަށްވުން އަދި ދަނޑުވެރިން ކުރާ މަސައްކަތަކީވެސް ރާއްޖޭގެ ތަރައްޤީ ރަމްޒުކުރާ ކަމެއްކަމުގައި ހެދުން، އެކަން ކުރެވޭނީ ދަނޑުވެރިންނަށް ރަނގަޅު ތަމްރީނު ދެވިގެން އަދި އެކަމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދެވިގެން." ދަނޑުވެރިކަމާއި ބެހޭ ވަޒީރު ޑރ. ޢާއިޝަތު ރަމީލާ ވިދާޅުވިއެވެ.

ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ދަނޑުވެރި މަންފާ ސްކީމަށް ފުރުޞަތު ހުޅުވާލާފައިވަނީ މިދިޔަ އެޕްރީލް މަހު ފިނޭންސް މިނިސްޓްރީއާއި އެސްޑީއެފްސީ އަދި ދަނޑުވެރިކަމާއި ބެހޭ ވުޒާރާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުންނެވެ. އަދި ސްކީމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް ލިއުންތައް ހަމަކޮށް ތައްޔާރުވުމުގެ ފުރުޞަތު ދިނުމުގެ ގޮތުން މަހެއްހާ ދުވަހުގެ މުއްދަތުވަނީ ދީފައެވެ.

ދަނޑުވެރި މަންފާ ސްކީމް އަމާޒުކޮށްފައިވަނީ މޯލްޑިވްސް އެގްރި ބިޒްނަސް ޕްރޮގްރާމްގެ ހަރަކާތްތައް ކުރިއަށްދާ ހއ، ހދ އަދި ށ އަތޮޅުގެ 26 ރަށަށް ޚާއްސަކޮށްގެން ދަނޑުވެރިންނާއި، ދަނޑުވެރިކަމުގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށާއި، މި ސިނާޢަތުގައި ހަރަކާތްތެރިވާ މަދަނީ ޖަމީއްޔާތަކުގެ އިތުރުން ކޯޕަރޭޓިވް ސޮސައިޓީތަކަށެވެ.

އެ ރަށްތަކުގައި ދަނޑުވެރި މަންފާ ބޭނުންކުރެވިދާނެ ގޮތްތަކުގެ ތެރޭގައި، ކްލައިމެޓް ސްމާޓް ޓެކްނޮލޮޖީ ގަތުމާއި، ގްރީންހައުސް ގަތުން އަދި އިންސްޓޯލްކުރުމުގެ އިތުރުން އިރިގޭޝަން އާއި ފަރޓިގޭޝަން ސިސްޓަމް ގަތުން ހިމެނެއެވެ.

މިއަދު މި އިފްތިތާޙްކުރި ދަނޑުވެރި މަންފާގެ ފުރަތަމަ ބުރުގައި ގްރީންހައުސް އިންސްޓޯލް ކުރުމާއި ހައިޑްރޮފޯނިކްސް ސިސްޓަމްތައް ޤާއިމް ކުރުން ނުވަތަ އެނޫންވެސް ޒަމާނީ މިފަދަ ވަސީލަތްތައް ޤާއިމް ކުރުމަށް، 10 މިލިއަން ރުފިޔާ އަމިއްލަ ފަރުދުންނަށާއި އެންޖީއޯތަކާއި ކޯޕަރޭޓިވް ސޮސައިޓީތަކަށް ދެވިގެންދާނެކަމަށް ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

މި ޕްރޮގްރާމުގައި ބައިވެރިވުމަށް، އީފާސް އެކައުންޓް މެދުވެރިކޮށް، އެޕްލިކޭޝަން ހުށަހެޅޭނެއެވެ.

ދަނޑުވެރި މަންފާ ހިލޭ އެހީ އަދި އަމިއްލަ ޚަރަދު ދިނުމަށް ހަމަޖެހިފައިވަނީ:

• 150،000 ރުފިޔާއާއި ހަމައަށް
• މަޝްރޫއުގެ %30 އާއި 550 އާއި ދެމެދު ހިލޭ އެހީ ދޫކުރެވޭނެ
• އަމިއަލައަށް ޚަރަދުކުރަން ޖެހޭނީ %50 އާއި %70 އާއި ދެމެދު

ދަނޑުވެރި މަންފާ ހިލޭ އެހީ އަދި ދަނޑުވެރި ނަފާ ލޯނު ދިނުމަށް ހަމަޖެހިފައިވަނީ:

• 150،000 ރުފިޔާއާއި ހަމައަށް
• މަޝްރޫޢުގެ %30 އާއި %50 އާއި ދެމެދު ހިލޭ އެހީ ދޫކުރެވޭނެ

މި ދެ ސްކީމުގެ ދަށުން ވެސް، ދަވެރިކަމުގެ ދާއިރާގައި އެއްއަހަރު މަސައްކަތްކޮށްފައިވާ، މީގެ ކުރިން ސަރުކާރުގެ އެއްވެސް އިދާރާއަކުން ދަނޑުވެރިކަމުގެ ހިލޭ އެހީއެއް ލިބިފައި ނުވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅޭނެއެވެ. އަދި އައިލެންޑް ފަރމާ ފޯރަމްގެ މެމްބަރުންނަށް އިސްކަން ދެވޭނެކަމަށް ވެސް ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

މީގެ އިތުރުން، ދަނޑުވެރި ނަފާ ލޯނު ދޫކުރުމަށް ހެމަޖެހިފައިވަނީ 2,000,000 ރުފިޔާއާއި ހަމައަށެވެ.

ދަނޑުވެރި ނަފާ ލޯނު ދޫކުރަނީ:

• 6% އިންޓަރެސްޓްއާއެކު
• އަމިއްލައަށް ކުރަން ޖެހޭ ޚަރަދުގެ ގޮތުގައި މަޝްރޫޢުގެ %10 - %15 ހިމެނޭ
• ގްރޭސް މުއްދަތެއްގެ ގޮތުގައި 12 މަސްދުވަސް ލިބޭނެ
• ލޯނު އަނބުރާ ދައްކަން ޖެހެނީ 7 އަހަަރު ތެރޭގައި

މީގެ އިތުރުން ދަނޑުވެރި ނަފާލޯނުގެ 7000،000 ރުފިޔާއަށް ވުރެ ބޮޑުވާނަމަ ރަހުނު ހުށަހަޅަން ޖެހެއެވެ. ލޯނަށް އެދި ހުށަހަޅަން ޖެހެނީ އެސްޑީއެފްސީގެ ޕޯޓެލް މެދުވެރިކޮށެވެ.

މޯލްޑިވްސް އެގްރި ބިޒްނަސް ޕްރޮގްރާމަކީ އެގްރިކަލްޗާ މިނިސްޓްރީއާއި އިފާޑް ގުޅިގެން ހއ، ހދ އަދި ށ އަތޮޅުގެ 26 ރަށެއްގައި ކުރިއަށް ގެންދާ މަޝްރޫއެކެވެ. މި ޕްރޮގްރާމްގައި ހިމެނޭ ރަށްތަކުގައި އެ ރަށެއްގެ ދަނޑުވެރިން ހިމަނައިގެން އައިލެންޑް ފާމާ ފޯރަމްތަކެއް ގާއިމުކޮށް، އެ ފަރާތްތަކަށް ދަނޑުވެރިކަމާ ގުޅުންހުރި މައުލޫމާތާއި ތަމުރީނުތަކުގެ އިތުރުން މާލީގޮތުންވެސް އެހީތެރިކަން ފޯރުކޮށްދޭ ކަމަށް ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.