ޚަބަރު

ފުލުހުންގެ އެހީތެރިކަމާއެކު އައްޑޫ މަސް ފެކްޓަރީއަށް ދެވަނަ ފަހަރަށް ކަރަންޓު ދީފި


  • އިއްޔެވެސް މިފެސިލިޓީއަށް ކަރަންޓު ދީފައިވޭ

  • އޮޕަރޭޝަނަށް ހުރަސް އަޅާ ދޯނިތައް ސަސްޕެންޑު ކުރާނެ ކަމަށް މިފްކޯއިން ބުނޭ

އައްޑޫ ސިޓީ މީދޫގައި މަސްވެރިން ކުރަމުންދާ މުޒާހަރާގެ ތެރެއިން ކަރަންޓު ކަނޑާލި މިފްކޯ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް ފުލުހުންގެ އެހީތެރިކަމާއެކު ދެވަނަ ފަހަރަށް ކަރަންޓު ދީފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި ކުރަމުން އަންނަ އިހްތިޖާޖުގެ ބައިވެރިން ފިޝަރީޒް ކޮމްޕްލެކްސްގެ މުވައްޒަފުން ދިރިއުޅޭ ސަރަހައްދު ފަދަ ތަންތަނަށް ކަރަންޓު ދޭން ފުރުސަތު ނުދިނުމުގެ ސަބަބުން މުވައްޒަފުންގެ ޒަރޫރީ ކަންކަމަށް ބުރޫއަރާފައިވާ ކަމަށްވެސް މިފްކޯއިންވަނީ ބުނެފައެވެ.

އެހެންކަމުން ފުލުހުންގެ އެހީތެރިކަމާއެކު މުވައްޒަފުންގެ ބްލޮކަށް އިއްޔެ ހަވީރުވަނީ ކަރަންޓްދީފައެވެ. ނަމަވެސް އެއްވެފައިވާ މީހުންގެ އަމަލުތައް ހުރިގޮތުން އަނެއްކާވެސް ކަރަންޓު ކަނޑާލާފައިވާކަމަށާއި އަލުން ކަރަންޓު ދިނުމުގެ މަސައްކަތް ކުރަމުން އަންނަ މިފްކޯއިންވަނީ ބުނެފައެވެ.

ފުލުހުންގެ ޚިދުމަތުން މިއަދު ވިދާޅުވީ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް ފުލުހުން މެދުވެރިވެ މިހާރު އަނެއްކާވެސް ކަރަންޓު ދީފައިވާ ކަމަށެވެ.

މިފްކޯއިން ބުނެފައިވާ ގޮތުގައި މިހާރު ކުރިއަށްދާ އިހުތިޖާޖުގެ ތެރެއިން އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި ހުރި މިފްކޯގެ މުދަލަށް ވަނީ ގެއްލުން ދީފައެވެ. އެގޮތުން، މަސް ރައްކާކުރާ ކޯލްޑް ސްޓޯރެޖާއި ޕަވަރ ހައުސް އިމާރާތާއި މުވައްޒަފުން ދިރިއުޅޭ ސަރަހައްދުތައްފަދަ ހުއްދަ ލިބިގެން ނޫނީ ވަނުން މަނާ ސަރަހައްދުތަކަށް އިހުތިޖާޖުގެ ބައިވެރިން ވަދެ، އޮޕަރޭޝަން ހުއްޓުވާގޮތަށް އަމަލުތައް ހިންގާފައިވާކަމަށެވެ.

މިއިހުތިޖާޖުތަކާއި ގުޅިގެން ތަނުގެ އޮޕަރޭޝަން ހުއްޓި ކުންފުންޏަށް މާލީ ގޮތުން ގެއްލުން ވަމުންދާތީ، ތަން އޮޕަރޭޝަނަށް ގެނައުމަށް ކަމާއިބެހޭ ފަރާތްތަކާއި ގުޅިގެން ދަނީ މަސައްކަތްކުރަމުންކަމަށް މިފްކޯއިން ބުނެއެވެ. އަދި ތަން އޮޕަރޭޝަނަށް ގެނެސް ޢާންމު ހާލަތަކަށް ގެނައުމަށް މިފްކޯގެ މުވައްޒަފުން ކުރަމުން ގެންދާ މަސައްކަތްތަކާއި، ފުލުހުންގެ ޒިންމާތަކަށް ހުރަސް އަޅާ ދޯނިފަހަރުން މިފްކޯއަށް މަސްގަތުން 3 މަސް ދުވަހަށް ސަސްޕެންޑު ކުރާނެ ކަމަށްވެސް މިފްކޯއިން ވަނީ ހާމަކޮށްފައެވެ.

އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި މުޒާހަރާ ކުރަމުންދަނީ މަސްވެރިންނަށް މިފްކޯއިން ދޭންޖެހޭ ފައިސާ ނުލިބިގެންކަމަށް ބުނެއެވެ. މިދިޔަ އަހަރު ނިމުނުއިރު މަސްވެރިންނަށް ނުދައްކާ އޮތް 234 މިލިއަން ރުފިޔާ ޚަލާސްކޮށް، މިއަހަރުގެ މިހާތަނަށް މަސް ދޯނިފަހަރަށް 766 މިލިއަން ރުފިޔާ ދައްކާފައިވާކަމަށް މިފްކޯއިން ބުނެއެވެ. އަދި މަސްވެރިންނަށް މިހާރު ނުދެވި ހުރީ އެއް މަހާއި 14 ދުވަހަށްވާ 52.6 މިލިއަން ރުފިޔާކަމަށްވެސް މިފްކޯއިން ބުނެއެވެ.