މުވައްޒަފުންގެ ޕެންޝަން ފަންޑަށް އަހަރަކު އަށްސަތޭކަ މިލިއަން ރުފިޔާ އިތުރުވަމުންދާކަމަށް މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ވިދާޅުވެއްޖެއެވެ. ޕެންޝަން ފަންޑުގައި މިހާރު 5.1 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ހުރި އިރު، މި ފައިސާ ރައްޔިތުންގެ ފައިދާއަށް އެކި ކަންކަމުގައި ބޭނުންކުރުމަށް ފެންޝަން އޮފީހުން ވަނީ ނިންމަވާފައެވެ.
ޕެންޝަން ފަންޑަކީ މިހާތަނަށް ރާއްޖޭގައި އޮތް އެންމެ ބޮޑު ފައިސާގެ ފަންޑެވެ. މި ފަންޑުގައި މިހާރު ހުރި ފައިސާގެ ޢަދަދު 5.1 ބިލިއަނަށް އަރައެވެ. ޕެންޝަން ފަންޑަށް އަށްޑިހަ ދެހާހަށްވުރެ ގިނަ މުވައްޒަފުން ފައިސާ ޖަމާކުރަމުން ގެންދެއެވެ. މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ސީއީއޯ މުޙައްމަދު ޙުސައިން މަނިކު ވިދާޅުވީ ޕެންޝަން ފަންޑަށް އަހަރަކު އަށްސަތޭކަ މިލިއަން ރުފިޔާ އިތުރުވަމުންދާކަމަށާއި، މި ފަންޑުގައި ހުރި ފައިސާ ރައްޔިތުންގެ ފައިދާއަށް އެކިކަންކަމުގައި ބޭނުން ހިފުމަށް ނިންމަވާފައިވާކަމަށެވެ. އެގޮތުން ތިން ކަމަކަށް ޕެންޝަން ފަންޑުން ހޭދަކުރުމަށް ނިންމާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
އެންމެ ފުރަތަމަ ކަމަކަށް ގެދޮރު ގަތުމަށްޓަކައި ދައްކަންޖެހޭ ޑައުންޕޭމަންޓް ދެއްކުމުގެ ގޮތުން ޕެންޝަން ފަންޑުގެ މެންބަރުންގެ ތެރެއިން އެ މެންބަރެއްގެ ރިޓަޔަރމަންޓް ސޭވިންގ އެކައުންޓުން ކަނޑައެޅޭ ވަކި ޢަދަދަކަށް ފައިސާ ސެކިއުރިޓީގެ ގެ ގޮތުގައި ބެހެއްޓޭނެ އިންތިޒާމު ހަމަޖެހިފައިވާކަން މަނިކު ފާހަގަކުރެއްވިއެވެ. އެޤާނޫނުގެ ދަށުން ހަދަންޖެހޭ ޤަވާއިދުތައް އެކުލަވާލުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ވިދާޅުވިއެވެ.
ޕެންޝަން ފަންޑުން ދެން އެންމެ އަވަހަށް ތަޢާރަފް ކުރައްވަން ހަމަޖެހިފައިވަނީ ޑިސެބިލިޓީ އިންޝިއުރަންސް ނުވަތަ ނުކުޅެދުންތެރިކަން ހުންނަ ކުދިންންނަށް ފޯރުކޯށްދެވޭ އިންޝިއުރަންސް ސްކީމެއް ތަޢާރަފްކުރެއްވުމަށްކަމަށާއި، އެއަށްފަހު މުވައްޒަފުންނަށް ޕެންޝަން ދިނުމުގައި އެނިއުޓީ ޒަރީއާއިން ޕެންޝަން ފޯރުކޮށްދިނުން ނުވަތަ ކަނޑައެޅޭ ޢަދަދަކަށް ކޮންމެ އަހަރަކުވެސް ފައިސާ ދޭ އުސޫލެއް ތަޢާރަފްކުރުންކަމަށް މަނިކު ވިދާޅުވިއެވެ. މި ހުރިހާކަމެއް ތަޢާރަފްކުރުމުގެ ޤަވާއިދުތައް އެކުލަވާ ނިމިފައިވާކަން ޕެންޝަން އޮފީހުގެ ސީއީއޯ ފާހަގަކުރެއްވިއެވެ.
ޕެންޝަން ފަންޑުން ރާއްޖެއިން ބޭރުގައި އިންވެސްޓްކުރުމަށް ޤާނޫނު ހުއްދަދޭކަމަށާއި، އެހެންކަމުން އެފަދަ އިންވެސްޓްތަކެއް ކުރުމަށް ދިރާސާތަކެއް ކުރައްވަމުން އަންނަކަމަށް ސީއީއޯ ވިދާޅުވިއެވެ. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނު ފަރުމާކުރެވިފައިވަނީ، ރިޓަޔަރމަންޓް ބެނެފިޓް ސްކީމެއް ހިންގުމަށެވެ.