ސިއްހަތު

ޑެންގީއާ ދެކޮޅަށް ޤައުމީ ފެންވަރުގެ ކެމްޕެއިނެއް ފަށަނީ


ޑެންގީ ހުން ކޮންޓްރޯލް ކުރުމަށް ސަރުކާރު މުއައްސަސާތަކާއި ކުންފުނިތަށް ގުޅިވަޑައިގެން ޤައުމީ ފެންވަރުގެ ކެމްޕެއިނެއް ކުރިއަށް ގެންދެވުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ނިންމަވައިފިއެވެ.

ޑެންގީ ހުން ކޮންޓްރޯލް ކުރުމަށް ކުރެވިދާނޭ ކަންތައްތަކާއި ބޭހޭ ގޮތުން މަޝްވަރާ ކުރެއްވުމަށްޓަކައި ހެލްތު ޕްރޮޓެކްޝަން އޭޖެންސީއިން އިންތިޒާމް ކުރައްވައިގެން ކަމާގުޅުންހުރި އިދާރާތަކާއިއެކު މަޝްވަރާތަކެއް މިއަދު ކުރިޔަށް ގެންދަވާފައިވެއެވެ.

ސަރުކާރުގެ ވުޒާރާތަކާއި، ތަންފީޒީ އިދާރާތަކުގެ އިތުރުން ދިވެހި ރެޑް ކްރެސެންޓާއި، މަދަނީ ޖަމްޢިއްޔާތައް ހިމެނޭގޮތުން ބޭއްވެވި މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރައްވާފައިވަނީ ޑެންގީ ހުން ފެތުރެމުންދާތީ، ހުން ކޮންޓްރޯލް ކުރުމަށް ހުރިހާ ފަރާތްތައް ގުޅިގެން މަސައްކަތް ކުރުމާއި ބެހޭ ގޮތުންނެވެ. ހަމަ އެއާއެކު މަދިރި އުފެދޭ ތަންތަން ނައްތާލުމަށް ގުޅިގެން މަސައްކަތް ކުރުމާއި ބެހޭ ގޮތުން މަޝްވަރާ ކުރެއްވިފައިވެއެވެ. މިބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ޞިއްޙަތާއި ބެހޭ ވަޒީރު އިރްތިޝާމް އާދަމްއެވެ. ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޞިއްޙަތާއި ބެހޭ ވަޒީރު އިރްތިޝާމް އާދަމް ވިދާޅުވީ މި ހޮނިހިރު ދުވަހު ސަރުކާރު މުއައްސަސާތަކާއި ކުންފުނިތަށް ގުޅިވަޑައިގެން ޤައުމީ ފެންވަރުގެ ކެމްޕެއިނެއް ކުރިއަށް ގެންދެވުމަށް ހަމަޖެހިފައިވާކަމަށާއި އަދި އެ ކެމްޕެއިންގައި މަދިރި އާލަވާ ގޮތަށް ހުންނަ ތަންތަން ނައްތާލުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށެވެ.

އިރުތިޝާމް ވިދާޅުވީ، ޑެންގީ ފެތުރުން ބޮޑުކަމަށް ބެލެވޭ ދުވަސްވަރު ނިމެންދެން މަދިރި ނައްތާލުމާއި އަދި އެނޫނަސް މިކަމާއި ގުޅިގެން އެވުޒާރާއިން ގިނަ ފިޔަވަޅުތަކެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކަމަށެވެ. ކަމާއި ގުޅުން ހުރި އިދާރާތަކާއި އެކު ހެލްތު ޕްރޮޓެކްޝަން އޭޖެންސީއިން ބޭއްވި ބައްދަލުވުމާއި ބެހޭ ގޮތުން މީޑީއާއަށް ތަފްޞީލް ދެއްވަމުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ މެޑިކަލް އޮފިސަރު ،ޑރ. ފާޠިމަތު ނަޒްލާ ރަފީޤް ވިދާޅުވީ، މި އަހަރުގެ މިހާތަނަށް، ޑެންގީ ހުން ޖެހިގެން 542 މައްސަލައެއް އެއޭޖެންސީއަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. މީގެތެރޭގައި ހިމެނެނީ މާލެއިން ރިޕޯޓް ކުރި 179 މައްސަލައާއި އަތޮޅު ތެރެއިން ރިޕޯޓް ކުރި 363 މައްސަލައެވެ. ޑރ. ނަޒްލާ ވިދާޅުވީ، މިހާތަނަށް ޑެންގީ ޖެހިގެންކަމަށް ޝައްކު ކުރެވޭ 2 މައްސަލައެއް ހުށައެޅިފައިވާ ކަމަށާއި، އެއީ ސީދާ ޑެންގީ ހުން ޖެހިގެން ކުރިމަތިވި މަރެއްތޯ ކަށަވަރު ކުރުމަށް އެކަން މުރާޖަޢާ ކުރަމުން ގެންދަވާ ކަމަށެވެ.

މިދުވަސްވަރު ޑެންގީ ހުން ހަލުވިކަމާއެކު ފެތުރެމުންދާތީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ވަނީ އެކަމަށް ސަމާލުވުމަށް އިލްތިމާސް ކުރައްވާފައިވެއެވެ. އެގޮތުން ފަރުދީ ޒިންމާއެއްގެ ގޮތުގައި ދެކި، މަދިރި އާލާވާ ތަންތަން ނައްތާލާ، އަދި ހެދުން އެޅުމުގައްޔާއި އާއްމު ދިރިއުޅުމުގައިވެސް މަދިރިން ސަލާމަތްވެވޭ ފަދަ ފިޔަވަޅުތައް އެޅުމަށްވެސް އެއޭޖެންސީވަނީ އިލްތިމާސް ކުރައްވާފައިވެއެވެ. އަދި ހުން އައުމުން ޑޮކްޓަރެއްގެ ލަފައާއި ނުލާ އެއްވެސް ބޭހެއް ބޭނުން ނުކުރުމަށްވެސް އެ އޭޖެންސީ އިން އިލްތިމާސް ކުރައްވައެވެ.