ބޮޑުކަންނެލީގެ މަސްވެރިންގެ މަސްލަހަތު ގެއްލޭގޮތަށް ލޭނު މަސްވެރިކަމަށް ސަރުކާރު ފުރުސަތު ނުދެއްވާނެކަމަށް މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. މަސްވެރިކަމާއި ބެހޭ ވަޒީރު މިހެން ވިދާޅުވީ، ބޮޑުކަންނެލި މަސްވެރިންގެ ޔޫނިންއަނުން އިޙްތިޖާޖުކުރަމުންދިޔަ ސަރަޙައްދަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.
ބޮޑުކަންނެލި މަސްވެރިންގެ ޔޫނިންއަނުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ލޭނު މަސްވެރިކަމަށް، ކުންފުނިތަކަށް ހުއްދަދީފައިވާކަމަށް ބުނާ ވާހަކައެވެ. އެގޮތުން ދާ އަޅައިގެން ލޭނު މަސްވެރިކަން ކުރާނަމަ ބޮޑު ކަންނެލި މަސްވެރިކަން ކުރަމުންދާ ފަރާތްތަކަށް ގެއްލުންތަކެއް ވާނެ ކަމަށް އެ މަސްވެރިން ފާހަގަކުރިއެވެ.
އެ ޔޫނިއަނުން އިޙްތިޖާޖުކުރަމުންދިޔަ ސަރަޙައްދަށް ވަޑައިގެން މަސްވެރިކަމާބެހޭ ވަޒީރު ވަނީ މަސްވެރިންގެ ހުރި ކަންބޮޑުވުންތައް އަޑުއައްސަވާފައެވެ. މަސްވެރިކަމާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ، އެފަދަ އެއްވެސް ހުއްދައެއް މިހާތަނަށް ސަރުކާރުގެ އެއްވެސް އިދާރާއަކުން ދީފައި ނުވާނެ ކަމަށެވެ. ވަޒީރު ވިދާޅުވީ ސަރުކާރުން އަބަދުވެސް އިސްކުރާނީ މަސްވެރިންގެ މަސްލަހަތުކަމަށެވެ.
"ކަންނެލި މަސްވެރިކަން ކުރާ ފަރާތްތަކަށް އޭގެ އެންމެ ބޮޑު އަސަރެއް ކުރާ ކަމަށްވަންޏާ ކަންނެލި މަސްވެރިންގެ މަސްލަހަތު ހިމާޔަތް ނުކުރެވޭ ގޮތަށް ނޫނީ އަޅުގަނޑުމެންގެ ސަރުކާރެއްގައި އެކަހަލަ އެއްވެސް ކަމެއް ނުހިނގާނެ " ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވިއެވެ.
ވަޒީރު ވަނީ ސަރުކާރުން ކަންނެލި މަސްވެރިންނަށް ވެފައިވާ ވަޢުދު ވެރިކަމުގެ ކުރީކޮޅުގައި ފުއްދުމަށް މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވެފައެވެ. އެގޮތުން މިފްކޯއަށް މިއަހަރު ކަންނެލި މަސް ގަނެވޭ ހާލަތުގައި އެކުންފުނި ނެތްކަން ފާހަގަކުރައްވާ ވަޒީރު ވަނީ ކުންފުނިތަކުން މާލީ ހާލަތު ރަނގަޅު ކުރަން މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވެފައެވެ.
"މިފްކޯއަށް ސަބްސިޑީ ނުދީ ކަޅުބިލަމަހުގެ މަސްވެރިކަން ކުރެވޭނެ ގޮތަކަށް މަސައްކަތް ކުރަމުން މިދަނީ. ސަރުކާރުގެ އަމާޒަކީ ފުރަތަމަ ތިން އަހަރުގެ ތެރޭގައި. ސަބްސިޑީ ނުދީ ވާނެ ގޮތަކަށް މިފްކޯގެ ހިނގުން ހަރުދަނާ ކުރުން." މަސްވެރިކަމާ ބެހޭ ވަޒީރު ވިދާޅުވިއެވެ.
މަސްވެރިންގެ ކަންބޮޑުވުންތަކަށް ވަޒީރު ވަނީ ވަކިވަކިން ޖަވާބު ދެއްވާފައެވެ. މިގޮތުން ހެޔޮއަގުގައި ތެޔޮ ލިބުމުގައިހުރި ދަތިތައްވެސް އެސްޓީއޯއާއި މަޝްވަރާކުރައްވައިގެން ހައްލުކޮށްދެއްވާނެކަމުގެ ޔަޤީންކަން މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވަނީ ދެއްވާފައެވެ.