ސަޢޫދީ ޢަރަބިއްޔާގައި ތަޢުލީމު ޙާސިލުކުރަމުންދާ ދިވެހި ދަރިވަރުން ފުރަތަމަ ފަހަރަށް ރާއްޖޭގެ ހައްޖު މިޝަންއާ ގުޅިގެން ހައްޖާޖީންނަށް އެހީތެރިވާން ފަށައިފިއެވެ.
ސަޢޫދީ ޢަރަބިއްޔާގައި ކިޔަވަމުންދާ ދިވެހި ދަރިވަރުން ދިވެހި ހައްޖާޖީންނަށް އެހީތެރިވުމުގެ ފުރުޞަތު ދިނުމަށް އެ ޤައުމުގެ ހައްޖު އެންޑް އުމްރާ މިނިސްޓްރީން ހުއްދަ ދިނީ މިއަހަރު ކުރީކޮޅުގައެވެ. އެއީ މިދިޔަ ޖެނުއަރީ މަހު އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދު، އެ ޤައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން އެކަމަށް އެދިވަޑައިގެންނެވުމުން އެޤައުމުން ހަމަޖައްސަވައި ދެއްވި ކަމެކެވެ.
މިކަން ފަހިވުމުން އޭރު ވަޒީރު ޝަހީމް ވިދާޅުވީ، ގިނަ ޤައުމުތަކެއްގެ ދަރިވަރުން ސައުދި އަރަބީއްޔާގައި ކިޔަވަމުން ދިޔަ ނަމަވެސް މިއީ ކޮންމެ ޤައުމަކަށް އޮންނަ ފުރުސަތެއް ނޫން ކަމަށެވެ.
މިގޮތުން މި ފުރުސަތުގެ ދަށުން ސައުދި އަރަބީއްޔާގައި ކިޔަވަމުންދާ ދިވެހި ދަރިވަރުން ވަނީ ދިވެހި ހައްޖު މިޝަންގެ މަންދޫބުންގެ ގޮތުގައި ހަމަޖެހި. ހައްޖާޖީންނަށް އެހީވުމުގެ މަސައްކަތް ފަށާފައެއެވެ. އަދި މިއަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ދަރިވަރުންނަށް މި ފުރުސަތު ދެއްވުމަށް ވަޒީރު ވަނީ ނިންމަވާފައެވެ.
މީގެ ކުރިން ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާއި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ސަޢޫދީ ޢަރަބިއްޔާގައި ކިޔަވާ ދަރިވަރުންނާއި ބައްދަލު ކުރައްވައި ދަރިވަރުންނަށް މިފަދަ ފުރުޞަތުތައް ތަނަވަސްކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ވަނީ ދެއްވާފައެވެ.