ރައްޔިތުންގެ މަޖިލީހަށް ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ ކަމަށާއި އެއިތުބާރު މިދައުރުގައި އަލުން އަނބުރާ ހޯއްދަވާނެ ކަމަށް ވިހިވަނަ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ޢަބްދުއްރަޙީމް މިހެން ވިދާޅުވީ ޓީވީއެމްގެ ހޭޔަމްބޯ ޕްރޮގްރާމަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ ކުރީ ދައުރުތަކުގައި ރައްޔިތުންގެ ކުރިމަތީގައި މަޖިލީހުގެ އަގުއޮތީ ވެއްޓިފައި ކަމަށެވެ. އެހެންވެ މަޖިލީހަށް ރައްޔިތުން ކުރާ އިތުބާރު އަލުން ހޯދަން ޖެހޭ ކަމަށާއި 20 ވަނަ މަޖިލީހަކީ ރައްޔިތުންގެ ހެވާއި ލާބަޔަށް މަސައްކަތް ކުރާ މަޖިލީހަކަށް ހަދައި އެ އިތުބާރު އަލުން ހޯއްދަވަން މަސައްކަތް ކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
މިމަޖިލީހުގައި ސަރުކާރު ތަމްސީލްކުރާ ޕާޓީ، ޕީއެންސީއަށް ބޮޑު އަޣުލަބިއްޔަތެއް އޮތްނަމަވެސް ރައްޔިތުންނާ ގުޅުންހުރި މައްސަލައެއްނަމަ، އެ މައްސަލައެއް މަޖިލީހުން ބަލައިގަނެ، ބަހުސް ކުރިއަށްގެންދާނެ ކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ. އަދި ރައްޔިތުން، ރައީސުލްޖުމްހޫރިއްޔާއަށް ބޮޑު އަޣުލަބިއްޔަތެއް މަޖިލީހުން ދިނީ ރައްޔިތުންގެ އުއްމީދުތަކާއި އެމަނިކުފާނުގެ ސިޔާސަތުތަކާ ގުޅިފައިވާތީ ކަމަށާއި އެހެންވެ މަޖިލީހުގެ އެންމެ ބޮޑު މަސައްކަތަކަށްވާނީ ރައްޔިތުންނަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ކުރައްވަން ބޭނުންފުޅުވާ ކަންކަން ކުރުމަށް އެހީތެރިކަމާއި އެއްބާރުލުން ދިނުން ކަމަށްވެސް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.
"އެއީ އެއްގޮތަކަށްވެސް ރަބަރ ސްޓޭމްޕް ޖެހުމެއް ނޫން. އަޅުގަނޑު އެކަމާ އެއްގޮތަކަށް ވެސް އެއްބަހެއް ނުވާނަން. އަޅުގަނޑުމެންގެ ޒިންމާއަކަށްވާނީ ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި މަސައްކަތް ކުރުން، ރައްޔިތުންނަށް ޚިދުމަތެއް ދިނުމުގައި ޤާނޫނީ ހުރަހެއް އޮތިއްޔާ އެކަން ނައްތާލުމަކީ އަޅުގަނޑުމެންގެ ޒިންމާއެއް. ނޫނީ ޤައުމުގެ ޙައްގުގައި ކަމެއް ކުރުމަށް ޤާނޫނެއް ބޭނުންވާނަމަ އެ ޤާނޫނެއް ގެނެސްދިނުމަކީވެސް ޒިންމާއެއް. ނޫނީ ޤާނޫނެއްގެ ސަބަބުން ރައްޔިތުންގެ ޙައްގު ގެއްލޭކަމަށްވާނަމަ ނުވަތަ ޤައުމަށް ގޮންޖެހުންތައް ކުރިމަތިވާނަމަ އެ ޤާނޫނު އުވާލުން އަޅުގަނޑުމެންގެ ޒިންމާއަކީ،" މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވިއެވެ.
ޢަބްދުއްރަޙީމް ވިދާޅުވީ މަޖިލީހަށް ޖެއްސުންކޮށް، މަސައްކަތްތައް ހުއްޓުވުމުގެ މަގުސަދުގައި ކޮންމެ ދުވަހަކު ކުއްލި މައްސަލަތައް ހުށަހަޅާނަމަ ދެވަނަ ވިސްނުމަކަށް ޕީއެންސީގެ ޕީޖީން ދާން ޖެހޭނެ ކަމަށެވެ. އެގޮތަށް ކަންކަންކުރުމަކީ ޒިންމާދާރުކަން ކުޑަކަމެއްކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ވިހިވަނަ މަޖިލިސް ނިމިގެންދާއިރު މަސައްކަތްތައް ނުނިމި، ފުނިޖެހިފައި ނުހުންނާނެ ކަމަށާއި މި މަޖިލީހަކީ އުފެއްދުންތެރި މަޖިލީހަކަށްވާނެ ކަމަށްވެސް މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވިއެވެ.