ޚަބަރު

ރާއްޖޭގައި މެރިކަލްޗަރ އިންޑަސްޓްރީއެއް ޤާއިމްކުރުމަށް މަސައްކަތްކުރަނީ


  • 3 ސަރަހައްދަކުން މެރިކަލްޗަރ ޒޯން ކަނޑައަޅައި އިންވެސްޓްކުރާނެ

  • ރާއްޖެއިން ބޭރުގެ ޕްރޮޕޯސަލްތަކަށްވެސް ފުރުސަތު ދޭނެ

ރާއްޖޭގައި މުޅިން އަލަށް މެރިކަލްޗަރ އިންޑަސްޓްރީއެއް ޤާއިމްކުރުމުގެ މަސައްކަތް ވަރަށް ފުޅާދާއިރާއެއްގައި މި ސަރުކާރުން ކުރަމުންދާކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި މިހާތަނަށް އާންމުގޮތެއްގައި ކުރެވެމުން އައީ ކަޅުބިލަމަހާއި ދޮށީގެ މަސްވެރިކަމެވެ. ނަމަވެސް މަސްވެރިކަމުގެ ސިނާއަތު ކުރިއަރުވައި އައު ބާވަތްތަކުގެ މަސްވެރިކަން ރާއްޖެއަށް ތައާރަފްކުރެއްވުމަށް މި ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު މުއްތަލިބު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ ވިސްނުންފުޅާއި އެއްގޮތަށް ރާއްޖޭގައި މުޅިން އަލަށް މެރިކަލްޗަރ އިންޑަސްޓްރީއެއް ޤާއިމްކުރުމުގެ މަސައްކަތް ފުޅާ ދާއިރާއެއްގައި މިވަގުތު ކުރެވެމުންދާކަމަށެވެ. އެގޮތުން އެ ވުޒާރާގެ ފަރާތުން ރާއްޖޭގެ 3 ސަރަހައްދަކުން މެރިކަލްޗަރ ޒޯން ކަނޑައަޅައި އެ ޒޯނަށް އިންވެސްޓަރުން ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

" އަޅުގަނޑު ފާހަގަކޮށްލަންބޭނުން މިވަގުތުވެސް ރާއްޖޭގެ ކަނޑުގެ ވަސީލަތްތަކުގެ ބޭނުންހިފުމަށްޓަކައި އެކި ފަރާތްތަކުން އައިއްސަ ހުންނަ ޕްރޮޕޯސަލްތަކަށްވެސް އަޅުގަނޑުމެން ފުރުސަތުދެން. އެގޮތުން ސީވީޑް ކަލްޗަރ ކުރުމަށްޓަކައި އަޅުގަނޑުމެން ވަނީ ހުއްދަ ދީފައި ބަޔަކާއި. އެބޭފުޅުން ޓްރަޔަލް ޕްރޮގްރާމެއްގެ ގޮތުގައި އެ ޕްރޮގްރާމްގެ ސަކްސަސްއަށް ބަލައި އިތުރަށް އަޅުގަނޑުމެން އެކަން ފުޅާކުރުމަށްޓަކައި ފުރުސަތު ދޭނަން." މުއްތަލިބު ވިދާޅުވިއެވެ.

ސްޓޭޓް މިނިސްޓަރ ވިދާޅުވީ، އެ ވުޒާރާގެ މިސްރާބު ހުރީ ރައީސްގެ ވިސްނުން ފުޅާއިއެކު ކަނޑާއި ކަނޑުގެ ވަސީލަތްތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ރައްޔިތުންނަށް ހޯދަދިނުމަށްޓަކައި މަސައްކަތްކޮށް އިންވެސްޓްމެންޓް ހޯދުމަށްކަމަށެވެ.

މަސްވެރިކަމުގެ ސިނާއަތު ފުޅާކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، މަސްވެރިކަމާއި ގުޅޭ މަސައްކަތްތައް ކުރުމަށް ހާއްސަ އެޖެންސީއެއްވެސް ސަރުކާރުން ވަނީ ޤާއިމްކޮށްފައެވެ. އަދި ރާއްޖޭގައި އުފައްދާ މަސްވެރިކަމާއި ގުޅޭ ބާވަތްތައް ބައިނަލްއަޤްވާމީ ބާޒާރުގައި އިތުރަށް ޕްރޮމޯޓްކުރުމަށްވެސް ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ.