ޚަބަރު

ފުރަތަމަ 5 މަސް: މިދިޔަ އަހަރަށްވުރެ އާމްދަނީ އިތުރު، ހަރަދުތައް ކުޑަ


  • 5 މަހުން ދައުލަތަށް 14.8 ބިލިއަން ރުފިޔާގެ އާމްދަނީއެއް

  • ޓެކްސް އާމްދަނީގެ ގޮތުގައި 12.1 ބިލިއަން ރުފިޔާ

  • ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 2.6 ބިލިއަން ރުފިޔާ

މިއަހަރުގެ ފުރަތަމަ 5 މަސް ދުވަހުގެ ތެރޭގައި ދައުލަތަށް 14.8 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާކަމަށް މާލީ ވުޒާރާއިން ހާމަކޮށްފިއެވެ.

މާލީ ވުޒާރާއިން އެންމެ ފަހުން ނެރެފައިވާ ވީކްލީ ފިސްކަލް ރިޕޯޓުގައިވާގޮތުން މެއިމަހުގެ ނިޔަލަށް ދައުލަތަށް ލިބިފައިވާ އާމްދަނީގެ އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއާ އަޅާބަލާއިރު 707 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ ފުރަތަމަ 5 މަސް ދުވަސްތެރޭ ދައުލަތަށް ލިބިފައިވަނީ 14.1 ބިލިއަން ރުފިޔާގެ އާމްދަނީއެކެވެ.

މާލީ ވުޒާރާގެ ރިޕޯޓުގައިވާގޮތުން މިއަހަރުގެ ފުރަތަމަ 5 މަސް ދުވަސްތެރޭ އާމްދަނީގެގޮތުގައި ލިބިފައިވާ 14.8 ބިލިއަން ރުފިޔާގެ ތެރޭގައި ހިމެނެނީ ޓެކްސް އާމްދަނީގެ ގޮތުގައި ލިބުނު 12.1 ބިލިއަން ރުފިޔާއާއި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބިފައިވާ 2.6 ބިލިއަން ރުފިޔާއާއި އެހީގެ ގޮތުގައި ލިބުނު 155.5 މިލިއަން ރުފިޔާއެވެ.

ޓެކްސް އާމްދަނީގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ އިމްޕޯޓު ޑިއުޓީއާއި، ބިޒްނަސް އެންޑް ޕްރޮޕަޓީ ޓެކްސް، ބީޕީޓީއާއި ގުޑްސް އެންޑް ސަރވިސް ޓެކްސް، ޖީއެސްޓީގެ ގޮތުގައި ލިބިފައިވާ އާމްދަނީއެވެ.

ޓެކްސް އާމްދަނީގެ ހިސާބުތައް:

• އިމްޕޯޓް ޑިއުޓީ: 1.1 ބިލިއަން ރުފިޔާ
• ބީޕީޓީ: 2.8 ބިލިއަން ރުފިޔާ
• ޖީއެސްޓީ: 7 ބިލިއަން ރުފިޔާ
• ގްރީން ޓެކްސް: 501.2 މިލިއަން ރުފިޔާ
• އެއަރޕޯޓް ސަރވިސް ޗާޖާއި ޑިޕާޗަރ ޓެކްސް: 475.6 މިލިއަން ރުފިޔާ

މާލީ ވުޒާރާގެ ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރާއި އަޅާ ބަލާއިރު ދައުލަތުގެ ޚަރަދުތައް ވަނީ ކުޑަކުރެވިފައެވެ.

އެގޮތުން އަހަރުގެ ފުރަތަމަ 5 މަސް ނިމުނުއިރު ދައުލަތުގެ ހަރަދުތައް ހުރީ 17.3 ބިލިއަން ރުފިޔާގައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޚަރަދުވެފައިވާ 19.1 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 1.8 ބިލިއަން ރުފިޔާގެ ދަށްވުމެކެވެ.

ޚަރަދުތަކުގެ ތެރޭގައި ހިމެނެނީ ރިކަރަންޓް ޚަރަދަށް ހިނގި 13.7 ބިލިއަން ރުފިޔާއާއި، ކެޕިޓަލް ޚަރަދަށް ހިނގި 3.5 ބިލިއަން ރުފިޔާއެވެ. ރިކަރަންޓް ޚަރަދުގެ ގޮތުގައި ހިމެނެނީ މުސާރައާއި އިނާޔަތަށް ޚަރަދުކޮށްފައިވާ 5.4 ބިލިއަން ރުފިޔާއާއި، އިދާރީ ހިންގުމަށް ހިނގާފައިވާ 8.1 ބިލިއަން ރުފިޔާއެވެ. ކެޕިޓަލް ޚަރަދުގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ޢުމްރާނީ ތަރައްޤީގެ މަސައްކަތްތަކަށް ހިނގާފައިވާ ޚަރަދެވެ.