ޚަބަރު

"ގައިންގަޔަށް ނާރާ ބަލިތައް އިތުރުވަނީ ދިރިއުޅުމުގެ ވައްޓަފާޅި ހުންނަގޮތުން ހަރަކާތްތެރިވެ ނޫޅޭތީ"


  • ބައްދަލުވުމުގައި "ކައިގެން ހިނގަމާ" ގެ ނަމުގައި ހަރަކާތެއް ފެށި

  • ބަލިތަކުން ސަލާމަތްވެ ތިބުމަށް، ކަސްރަތާއި ހަށިހެޔޮކަމުގެ މުހިންމުކަން ވަޒީރު ފާހަގަކުރެއްވި

ގައިންގަޔަށް ނާރާ ބަލިތައް އިތުރުވަނީ ދިރިއުޅުމުގެ ވައްޓަފާޅި ހުންނަގޮތުން ހަރަކާތްތެރިވެ ނޫޅޭތީ ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ކުޅިވާރާއި ހަށިހެޔޮކަމާއި ބެހޭ ވުޒާރާއާއި ޔުނިސެފުން ގުޅިގެން ބޭއްވި ތިން ވަނަ ވަށްމޭޒު ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

މީރުމާގައި ބޭއްވި މިބައްދަލުވުމުގެ ފެށުމުގެ ރަސްމިއްޔާތުގައި ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު އަބްދުﷲ ރާފިއު ދެއްކެވި ވާހަކައިގައި ގައިންގަޔަށް ނާރާ ބަލިތަކުން ސަލާމަތްވެ ތިބުމަށް، ކަސްރަތާއި ހަށިހެޔޮކަމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ.

މިފަދަ ބަލިތަކުގެ ނުރައްކާ ރާއްޖޭގައި ކަންބޮޑުވާން ޖެހޭ މިންވަރަށް އޮތްކަން ފާހަގަ ކުރައްވާ ވަޒީރު އަބްދުﷲ ރާފިއު ވިދާޅުވީ، ގައިންގަޔަށް ނާރާ ބަަލިތައް ޖެހެން ދިމާވާ އެއް ސަބަބަކީ ޒަމާނީ ދިރިއުޅުމުގެ ވައްޓަފާޅީގެ ސަބަބުން ހެލިފެލިވެ އުޅުން މަދުވުންކަމަށެވެ. އެގޮތުން ޓެކްނޮލޮޖީގެ ކުރިއެރުންތަކާއި ވަޒީފާ އަދާކުރަންޖެހޭ ގޮތުން އިށީނދެ ގިނަ ވަގުތު ތިބުމުން ބަރުދަން އިތުރުވުމާއި ގައިންގަޔަށް ނާރާ ބަލިތައް އިތުރުވެފައިވާކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ފަލަވުން، ހަކުރުބަލި، ލޭމައްޗަށް ދިއުން، ކެންސަރު ފަދަ ބަލިތަކަކީ ދުޅަހެޔޮ ދިރިއުޅުމެއް އުޅެވިއްޖެ ނަމަ ކޮންޓްރޯލް ކުރެވޭނެ ބަލިތައްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ވިދާޅުވީ، ގައިންގަޔަށް ނާރާ ބަލިތަކުގެ އިތުުވުން ކޮންޓްރޯލްކުރުމަށް، އެ ވުޒާރާއިން އިސްނަގައިގެން ކަންތައްތަކެއް ފައްޓަވާފައިވާކަމަށެވެ.

" އާންމު ސިއްޙަތުގެ މިކަންބޮޑުވުން ހައްލުކޮށް މިމައްސަލައާ ދެކޮޅަށް މަސައްކަތްކުރުމަށް، އަދި ދުޅަހެޔޮ ސަގާފަތެއް ކުރިއެރުވުމަށް، މިމަޝްވަރާބައްދަލުވުމުގެ ޗެއަރގެ ހައިސިއްޔަތުން، ސަރުކާރުން އިސްނަންގަވާ، އަޅުގަނޑުމެން މިވަނީ 'ފިޓް މޯލްޑިވްސް ގެ ނަމުގައި 'އެޕްލިކޭޝަނެއް ޤާއިމުކޮށްފައި. މުޅިން ހިލޭ ލިބޭ މި އެޕް މެދުވެރިކޮށް ދުވަހުން ދުވަހަށް އޭގައި ޝާމިލުވެ، ދުޅަހެޔޮ ދިރިއުޅުމެއް އުޅުމަށް އެޕް ބޭނުންކުރާ ކޮންމެ ރައްޔިތަކު ވެސް ބާރުވެރިކުރުވާނެ" ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވިއެވެ.

ފިޓް މޯލްޑިވްސް އެޕްލިކޭޝަނަކީ ޕްރިމިއަމް ފީޗަރތަކާއެކު ރާއްޖޭގައި އިފުތިތާހުކުރި ފުރަތަމަ ފިޓްނަސް އެޕްލިކޭޝަނެވެ.

މިބައްދަލުވުމުގައި، ޔުނިސެފުން ރާއްޖެ ކަނޑައަޅާފައި ހުންނަވާ މަންދޫބު ޑރ. އެޑްވާޑް އަޑާއި ވަނީ ޞިއްޙީ ކަންކަމަށް ކުރާ ހޭދަ އިތުރުވަމުން ދާތީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް ހެލިފެލިވެ އުޅުމުގެ މުހިންމުކަން އޭނާ ވެސް ވަނީ ފާހަގަކުރައްވާފައެވެ.

ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވުޒާރާއާއި ޔުނިސެފު ގުޅިގެން ބޭއްވި ތިން ވަނަ ވަށްމޭޒު ބައްދަލުވުމުގެ ބޭނުމަކީ ދުޅަހެޔޮ ދިރިއުޅުމަކަށް ބޭނުންވާނެ އެކްޝަން ޕްލޭނެއް އެކުލަވާލައި ދުޅަހެޔޮ އަދި ހީވާގި ދިރިއުޅުމުގެ ވައްޓަފާޅި ޕްރޮމޯޓްކޮށް ކުރިއަށް ގެންދިއުމަށް ކަންތައްތައް ރޭވުމެވެ.

މިބައްދަލުވުމުގެ ތެރެއިންވަނީ "ކައިގެން ހިނގަމާ"ގެ ނަމުގައި ހަރަކާތެއް އިފްތިތާޙްކޮށްފައެވެ.
މިބައްދަލުވުމުގައި ޞިއްޙަތާއި ހަށިހެޔޮކަމުގެ ދާއިރާއިން ގިނަ ފަރާތްތަކަކުން ބައިވެރިވިއެވެ.