މަރާލާފައިވާ މީހުންނާއި ގެއްލުވައިލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤު ކުރާ ކޮމިޝަނާ މަތިކޮށްފައިވާ މަސައްކަތްތައް އެކޮމިޝަނުން ނިންމަވާފައިވާތީ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ކޮމިޝަން އުވައިލައްވައިފިއެވެ.
ކުރީގެ ރައީސް އިބްރާޙިމް މުޙައްމަދު ޞާލިހް ވެރިކަމާއި ހަވާލުވެވަޑައިގެން 17 ނޮވެންބަރު 2018ގައި އުފެއްދެވި އެކޮމިޝަން މިއަދު އުވާލައްވާފައިވަނީ ރައީސުލްޖުމްޙޫރިއްޔާގެ ޤަރާރަކުންނެވެ.
މަރުކޮމިޝަން ކޮމިޝަން އުވާލެއްވުމަށް ނިންމަވައި، ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސޮއިކުރައްވާ ނެރުއްވި ޤަރާރުގައި ވިދާޅުވީ، މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙްޤީޤްކުރާ ކޮމިޝަނާއި މަތިކޮށްފައިވާ މަސައްކަތް އެކޮމިޝަނުން ނިންމާފައިވާ ކަމަށެވެ. އެހެން ކަމުން އެ ކޮމިޝަން އުވާލުމަށް ނިންމެވީކަމަށެވެ.
ރައީސުލްޖުމުހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން 2018 ވަނަ އުފެއްދި އެ ކޮމިޝަނަކީ، 1 ޖަނަވަރީ 2012 އިން ފެށިގެން 17 ނޮވެންބަރު 2018 ގެ ނިޔަލަށް ހިނގާފައިވާ، މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތަކުގެ ތެރެއިން، އެކިއެކި ސަބަބުތައް މެދުވެރިވެގެން، އެކަށީގެންވާ މިންވަރަށް ތަޙުޤީޤު ނުކުރެވި ހުރި މައްސަލަތަކުގައި މިނިވަން، މުސްތަޤިއްލު އަދި އިތުބާރު ހިފޭ ތަޙުޤީޤެއްކޮށް، ޙަޤީޤަތް ހޯދައި، ޢާންމުކުރުމަކީ އިންސާފު ޤާއިމުކުރުމަށްޓަކައި ދައުލަތުން އުފުލަންޖެހޭ ޒިންމާއެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ދެކިވަޑައިގަންނަވާތީކަމަށްވެސް އޭރު ރައީސް އޮފީހުން ވަނީ ވިދާޅުވެފައެވެ.
މަރު ކޮމިޝަނަކީ ތަޙުޤީޤުކުރެވޭ މައްސަލަތަކާ ގުޅިގެން ތަޙުޤީޤީ އިދާރާއަކުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތަކެއް އެޅުމާއި، ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރާ އިދާރާއަކަށް ލިބިދޭ އެންމެހައި ބާރުތަކެއް ލިބިގެންވާ ކޮމިޝަނެކެވެ.
މަރުކޮމިޝަނުން ބެލި މައްސަލަތަކުގެ ތެރޭގައި ނޫސްވެރިޔާ އަހުމަދު ރިޟްވާންގެ މައްސަލައާއި ރަހުމު ކުޑަގޮތަކަށް މަރާލާފައިވާ ބްލޮގަރ ޔާމީން ރަޝީދުގެ މައްސަލައިގެ އިތުރުން ޑރ. އަފްރާޝީމް ޢަލީގެ މަރުގެ މައްސަލަ ހިމެނެއެވެ.
އޭރު ކޮމިޝަން އުފެއްދީ 2 އަހަރު ތެރޭ މަސައްކަތް ނިންމުމަށް ނަމަވެސް އޭރުގެ ސަރުކާރުގެ ދައުރު ނިމިގެން ދިޔައިރުވެސް ކޮމިޝަނުގެ މަސައްކަތް ނިމިފައި ނުވެއެވެ. ކޮމިޝަނުގެ މަސައްކަތް ނުނިމި ދިގުލައިގެން ދިޔައިރު ކޮމިޝަނަށް އެތައް މިލިއަން ރުފިޔާއެއް ވަނީ ޚަރަދުކޮށްފައެވެ.
ސަރުކާރުން ވަނީ އެ ކޮމިޝަނުގެ ރިޕޯޓުތައް ލިބުމުން ހަމާކުރާނެކަމަށް މީގެ ކުރިން ހާމަކޮށްފައެވެ.