ރާއްޖެއަށް މުދާ އިމްޕޯޓްކޮށް އެކްސްޕޯޓް ކުރާ ފަރާތްތަކަށް ފަސޭހަކަމާއެކު، އެއް ޕްލެޓްފޯމަކުން މުހިންމު ޚިދުމަތްތައް ހޯދޭގޮތަށް ފަރުމާކުރާ ނެޝަނަލް ސިންގަލް ވިންޑޯ ޕްރޮޖެކްޓް އޮގަސްޓްމަހުގެ ތެރޭގައި އިފްތިތާޙުކުރުމަށް މަސައްކަތް ކުރައްވަމުންދާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
މި މަސައްކަތަކީ އިޤްތިޞާދީ ތަރައްޤީއާ ވިޔަފާރިއާ ބެހޭ ވުޒާރާއާއި ޓްރޭޑް ނެޓް މޯލްޑިވްސް ގުޅިގެން ކުރިއަށްގެންދާ މަސައްކަތެކެވެ. މި މަސައްކަތާ ގުޅޭ މުހިންމު ބައްދަލުވުމެއް މިއަދު ވަނީ ބާއްވާފައެވެ.
ނެޝަނަލް ސިންގަލް ވިންޑޯ ޕްރޮޖެކްޓްއަކީ ދިވެހި ވިޔަފާރިވެރިންނަށް ލުއި ގޮތްތަކެއް މަޤުފަހިކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރުގެ ދަށުން، ކުރިއަށްގެންދާ ވަރަށް މުހިންމު މަސައްކަތެއްކަމަށް ވަޒީރު ވިދާޅުވިއެވެ. މިއީ ވިޔަފާރީގެ ބޭނުންތަކަށް އެކި އިދާރާތަކުން ހޯދަމުން އައި ޚިދުމަތްތައް، އޮންލައިންކޮށް އެއް ޕްލެޓްފޯމެއްގެ ތެރެއިން ހޯދޭނެގޮތަށް ބަދަލުކޮށް، ވިޔަފާރިވެރިންނަށް ދިމާވަމުންދާ ދަތިތަކަށް ބޮޑު ލުޔެއް ގެންނާނެ ޚިދުމަތަކަށް ވާނެކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.
Bringing a national digital platform for traders remain vital and long overdue. It remains priority of Prez @MMuizzu gov to bring efficiency in cross border trade & towards this objective, @MoEDmv & @tradenet_mv will work closely to launch the NSW project in August pic.twitter.com/eOGDZJqCah
— Mohamed Saeed (@em_saeed) May 30, 2024
ޚާއްސަކޮށް ބޭރު ޤައުމުތަކުގެ ވިޔަފާރިތަކާއެކު މުޢާމަލާތްކޮށް ވިޔަފާރިކުރުމުގައި ބޮޑު ފަސޭހައެއް ލިބޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.މި ޕްލެޓްފޯމު ފަރުމާކުރަނީ ޢިޤްތިޞާދީ ދާއިރާގެ ފަރާތްތަކާ އަދި ރާއްޖޭގެ ވިޔަފާރިވެރިންގެ ޚިޔާލާ މަޝްވަރާ ހޯދައިގެންނެވެ. އެފަދަ ގިނަ ބައްދަލުވުންތަކެއް ޓްރޭޑް ނެޓްގެ ފަރާތުން ދަނީ ބާއްވަމުންނެވެ.
މި ޕްލެޓްފޯމްގެ ސަބަބުން ވިޔަފާރި ކުރުމުގައި ހުށަޅަންޖެހޭ ލިޔެކިޔުންތައް ފަސޭހައިން ހުށައެޅުމާއި ދެފުށްފެންނަ އުސޫލަކުން މަސައްކަތްތައް ކުރިއަށްގެންދެވޭނެއެވެ. އަދި މިއީ ވިޔަފާރީގެ މުޢާމަލާތްކުރާ ފަރާތްތައް ގުޅުވާލަދޭނެ ޕްލެޓްފޯމަކަށްވެސް ވެގެންދާނެކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.