ޚަބަރު

އަމާން މާހައުލެއް ޤާއިމްކުރަން ކޮންމެ ފުލުހަކުވެސް ގަދައަޅައި މަސައްކަތްކުރަންޖެހޭ: ވަޒީރު


  • 3 ބާވަތެއްގެ މައްސަލަ ހައްލުކުރަން އިސްކަން ދިނުމަށް ވަޒީރު އެދިވަޑައިގެންނެވި

  • 36 ވަނަ އަސާސީ ތަމްރީނު ފުރިހަމަކޮށް 164 ދަރިވަރުން ދަސްވެނިވި

  • ކޯހުގެ އެންމެ މޮޅު ދަރިވަރަކީ ސާޖެންޓް އަހުމަދު ނަދީމް

ކުށް މަދުކޮށް އަމާން މާހައުލެއް ޤާއިމްކުރުމަށް ސަރުކާރުން ކުރާ މަސައްކަތް ކާމިޔާބުކުރުމަށް ފުލުހުންގެ ސަފުތަކާއި އަލަށް ގުޅޭ ކޮންމެ އޮފިސަރަކުވެސް ގަދައަޅައި މަސައްކަތްކުރުމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން އެދިވަޑައިގެންފިއެވެ.

ވަޒީރު އަލީ އިހުސާން މިކަމަށް އެދިވަޑައިގެންނެވީ ވިދާޅުވީ، ފުލުހުންގެ 36 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

އައްޑޫސިޓީގައި ހުންނަ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެން ލޯ އެންފޯސްމަންޓުގައި ބޭއްވި މި ރަސްމިއްޔާތުގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އިހުސާން ވިދާޅުވީ، ރައްޔިތުންނަށް އަމާން މާހައުލެއް ހޯދައި ދިނުމަކީ ސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒު ކަމަށެވެ. އަދި އެ އަމާޒު ހާސިލު ކުރުމަށް ފުލުހުން މަސައްކަތް ކުރަމުންދާއިރު، ތިން މައްސަލައަކަށް އިސްކަން ދީގެން މަސައްކަތް ކުރައްވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެއީ ރާއްޖެއިން މަސްތުވާތަކެއްތި އެއްކޮށް ނައްތާލުމަށް ސަރުކާރުން ކުރާ މަސައްކަތާއި، ގޭންގު ކުއްތަށް ހުއްޓުވުމަށް ކުރާ މަސައްކަތުގެ އިތުރުން ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައެވެ.

އެ މަސައްކަތް ކުރުމުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ވެރިންގެ އިރުޝާދުގެ މަތީން މަސައްކަތް ކޮށްދެއްވުމަށް ކޯހުގެ ދަސްވެނީންގެ ކިބައިން ވަޒީރު އެދިވަޑައިގެންނެވިއެވެ. އަދި އެމަގަށް މަސައްކަތް ކުރަމުންދާއިރު ރިޝްވަތު ދިނުމާއި، ބިރު ދެއްކުން ފަދަ ގޮންޖެހުންތައް އެތެރެއިންނާއި ބޭރުން ކުރިމަތިވާނެ ކަމަށާއި އެހެން ނަމަވެސް ފުލުހުންގެ އަޒުމުގައި ދެމިތިބުމުގެ މުހިންމުކަން ފާހަގަ ކުރެއްވިއެވެ.

ވަޒީރު އިހުސާންގެ އިތުރުން ޚާއްސަ މެހެމާނެއް ގޮތުގައި ސްރީލަންކާގެ އިންސްޕެކްޓަރ ޖެނެރަލް އޮފް ޕޮލިސް ދޭޝްބަނދު ތެންނަކޫން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ތަމްރީނު ކޯސް ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ކޮމިޝަނަރ އޮފް ޕޮލިސް އަލި ޝުޖާޢު ވަނީ ފުލުހުންގެ ތެރޭގައި އޮތް ޢިލްމުގެ އުނގެނުމުގެ ފަހި ފުރުސަތު ބޭނުން ކުރުމަށް ދަސްވެނީންނަށް ގޮވާލައްވާފައެވެ. އަދި ދަސްވެނީން ކުރިއަށް އޮތް ފަސް އަހަރުތެރޭ ޚިދުމަތުގެ ތެރެއިން ކުރިއަށްދާނެ ދާއިރާއެއް ކަނޑައަޅައި ތަޢުލީމު ހާސިލުކުރުމަށް ސީޕީ ޝުޖާޢު ގޮވާލެއްވިއެވެ.

ފުލުހުންގެ 36 ވަނަ އަސާސީ ތަމްރީނު ކޯހުން ވަނަވަނައަށް ގޮސްފައިވާ ދަރިވަރުންނަށް ސެޓްފިކެޓް ދެއްވީ ދަޚިލީ ވަޒީރު އަލީ އިހުސާން އެވެ. އެގޮތުން ހުރިހާ ގޮތަކުން އެންމެ މޮޅު ސްކޮޑަކަށް ބީފާނު ސްކޮޑް ހޮވިފައިވާއިރު، ހުރިހާ ގޮތަކުން އެންމެ މޮޅު އޮފިސަރަކަށް ހޮވިފައިވަނީ ސާޖެންޓު އަހުމަދު ނިހާދެވެ. މިއާއެކު ސާޖެންޓް ނިހާދު ވަނީ ކޮމިޝަނާސް އެކްސެލެންސް އެވޯޑުވެސް ހާސިލް ކުރައްވާފައެވެ.

މި ކޯހުގައި ޖުމްލަ 190 އެއްހައި ދަރިވަރުން ބައިވެރިވިއިރު، 164 ދަރިވަރުން ވަނީ ކޯހުން ދަސްވެނިވެފައެވެ. އެއީ 128 ފިރިހެން ބައިވެރިންނާއި 36 އަންހެން ބައިވެރިންނެވެ.