ޚަބަރު

ޖީ.އެން.އެމްގެ ކަނެކްޓިވިޓީގެ ކަންކަން ބެލެހެއްޓުން ދިރާގަށް


ސަރުކާރުގެ ރަސްމީ އެޕްލިކޭޝަންތައް ގުޅާލާފައިވާ މައި ސާވަރ ކަމަށްވާ 'ގަވަރމަންޓް ނެޓްވޯކް އޮފް މޯލްޑިވްސް' (ޖީ.އެން.އެމް)ގެ ކަނެކްޓިވިޓީ ފޯރުކޮށްދިނުމާއި ބެހޭ ކަންކަން ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީގެ ފަރާތުން ދިވެހި ރާއްޖޭގެ އެންމެ ބޮޑު މުވާސަލާތީ ކުންފުނި ދިރާގާއި ޙަވާލުކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ، ދިރާގު ހެޑްއޮފީހުގައި ބޭއްވި ހާއްސަ ހަފްލާގައެވެ. މި ނެޓްވޯކަކީ، ދިވެހިރާއްޖޭގެ ރަސްމީ އިދާރާތަކުން ދެމުންގެންދާ ހުރިހާ ޚިދުމަތެއް ރަށު ކައުންސިލްތަކާއި ގުޅިގެން އަތޮޅު ތެރޭގައި ތިއްބަވާ ރައްޔިތުންނަށްވެސް ފޯރުކޮށްދިނުމުގައި އެހީތެރިވެދޭ ނެޓްވޯކެކެވެ. އެގޮތުން މި ނެޓްވޯކް މެދުވެރިކޮށް ދެމުންގެންދަވާ ޚިދުމަތްތަކުގެ ތެރޭގައި، ދިވެހި ސަރުކާރުގެ 'ގަވަމަންޓް އީ-ލެޓަރ މެނޭޖްމަންޓް ސިސްޓަމް' (ޖެމްސް)ގެ ޚިދުމަތާއި، ސަރުކާރުގެ ހިއުމަން ރިސޯސް ޚިދުމަތާ ޕޭރޯލްގެ ޚިދުމަތާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި، ލައިސަންސާއި ވިޔަފާރީގެ ރަޖިސްޓްރީ ފަދަ ކަންކަން މި ނެޓްވޯކްގެ އެހީގައި މާލެއިން ބޭރުންވެސް ކުރެވޭނެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ. އަދި ވިޔަފާރީގެ ރަޖިސްޓްރީއާއި އައިޑީ ކާޑު ވެރިފިކޭޝަން ފަދަ ސަރުކާރުގެ އިދާރާތަކުގެ މެދުގައި ކުރާ ތަފާތު މުއާމަލާތްތައްވެސް މި ނެޓްވޯކުގެ އެހީގައި ވަނީ ސްޕީޑް އަވަސްކޮށް ފަސޭހަކޮށްފައެވެ.

މި ނެޓްވޯކަކީ، ދިވެހިރާއްޖޭގެ ނެޝަނަލް ބޯޑަރ ކޮންޓްރޯލް ސިސްޓަމް ވެސް ދުނިޔޭގެ ބައިނަލްއަޤްވާމީ ހުރިހާ އެއާޕޯޓް ތަކާއި ގުޅުވައިދޭ ނެޓްވޯކެކެވެ. މީގެ އިތުރުން ކޯޓްތަކުގެ ވީޑިއޯ ކޮންފެރެންސިންގ ޚިދުމަތާއި ޓެކްސް ދައްކާ ފަރާތްތަކުގެ ތަފާތު ހިދުމަތްތައް ފޯރުކޮށްދިނުމުގައި މީރާގެ އޮފީސްތައްވެސް ގުޅިގެން މިނެޓްވޯކުގެ އެހީގައި ކުރިޔަށްގެންދާނެ ކަމަށް އެންސީއައިޓީއިން މައުލޫމާތުދެއްވައެވެ.