ޚަބަރު

ނުވަ އަހަރަށްފަހު ނާޒިމް ސިޔާސީ މަސައްކަތަށް، އަނެއްކާވެސް މަޖިލީހުގެ ނައިބު ރައީސްގެ ގޮނޑިއަށް


  • ނާޒިމް ވަނީ މ.އަތޮޅު މެންބަރުކަމާއި ދިއްގަރު ދާއިރާގެ މެންބަރުކަން ކުރައްވާފައި

  • މާލިއްޔަތު ކޮމިޓީއާއި އެނޫންވެސް މުހިންމު މަޤާމުތައް ފުރުއްވި

ރާއްޖޭގެ ސިޔާސީ މަސްރަޙުގައި ފާހަގަކޮށްލެވޭ އެއް ބޭފުޅަކީ ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމެވެ. މިހާރު ޢުމުރުފުޅުން 55 އަހަރުގެ އަޙްމަދު ނާޒިމް ތަޢުލީމީ ހަޔާތް ނިންމާލީ ވަރަށް ކާމިޔާބުކަމާއެކުއެވެ. އޭލެވެލްއިން މުޅި ރާއްޖެއިން އެއްވަނަ ހާސިލްކުރެއްވުމަށްފަހު މަތީ ތަޢުލީމް ހާސިލްކުރެއްވީ އިނގިރޭސިވިލާތުގެ ލޯގްބޮރޯ ޔުނިވަރސިޓީ އޮފް ޓެކްނޮލޮޖީންނެވެ. ނާޒިމް ވަނީ ބެޗްލަރ އޮފް އިންޖިނިއަރިން އިން އިލެކްޓްރޯ މެކޭނިކަލް ޕަވަރ އިންޖިނިއަރިިން ހާސިލްކުރައްވާފައެވެ.

ނާޒިމް އަދާކުރެއްވި ވަޒީފާތަކުގެ ތެރޭގައި 2005-2007 މިނިސްޓަރ އޮފް ސްޓޭޓް ފޯ ހަޔަރ އެޑިއުކޭޝަން އެމްޕްލޯއިމަންޓް އެންޑް ސޯޝަލް ސެކިއުރިޓީ ކަމާއި، 2002 އިން 2004 އަށް އެމްޓީސީސީގެ ޑިރެކްޓަރު ކަމާއި، 2001 އިިން 2002 އަށް މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ ޑިރެކްޓަރުކަން ހިމެނެއެވެ.

އަދި ސްޓެލްކޯގެ ސީނިއަރ އިންޖިނިއަރަކަށް 1996 އިން 2001 އަށް މަސައްކަތްކުރެއްވިއެވެ. މޯލްޑިވްސް އިލެކްޓްރިސިޓީ ބޯޑުގެ އިންޖިނިއަަރުކަން 1992 އިން 1996 އާ ހަމައަށް އަދާކުރެއްވިއެވެ. އަދި ދިގުމުއްދަތުގެ ޚިދުމަތުގައި ބޭރުދުނިޔޭގެ ގިނަ ބައްދަލުވުން ކޮންފަރެންސް، ސެމިނަރ ތަކުގައި ރާއްޖެ ތަމްސީލުކުރައްވާފައިވެއެވެ.


ނާޒިމްވަނީ ރާއްޖޭގެ ހަރަކާތްތެރިވާ ބައެއް ސިޔާސީ ޕާޓީތަކުގެ އިސްސަފުގައިވެސް މަސައްކަތްކުރައްވާފައެވެ. އެގޮތުން ޑީއާރުޕީ، ޕީއޭ އަދި ޕީޕީއެމްގެ ނައިބު ރައީސްކަން ނާޒިމް ވަނީ ކުރައްވާފައެވެ.

ރާއްޖޭގެ ސިޔާސީ މަސްރަޙުގައި ކާމިޔާބު ލީޑަރެއްގެ ގޮތުގައި ފެނިވަޑައިގަންނަވާ އަޙްމަދު ނާޒިމް އެންމެ ފުރަތަމަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް އިންތިޚާބުވެވަޑައިގަތީ 2000 ވަނަ އަހަރު މ. އަތޮޅުގެ މެންބަރެއްގެ ގޮތުގައެވެ. ނާޒިމް ވަނީ ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެމްބަރުކަން ވެސް ކުރައްވާފައެވެ. ދިއްގަރު ދާއިރާ ތަމްސީލް ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން 2000 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާއި ހަަމައަށް އަދާކުރެއްވިއެވެ.

ރައްޔިތުންގެ މަޖިލީހުގައި ނާޒިމްގެ ފާހަގަކޮށްލެވޭ މަސައްކަތްތަކުގެ ތެރޭގައި ސިވިލް ސަރވިސްގެ ޤާނޫނު އަމިއްލަގޮތުން ހުށައެޅުއްވި އިޞްލާހު ކާމިޔާބުކަމާއެކު ފާސްކުރައްވާ ޤާނޫނަކަށް ވުން ހިމެނެއެވެ. އެއީ ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ރިޓަޔަރކުރެވޭގޮތަށް ޤާނޫނަށް ގެންނެވި އިޞްލާހެވެ. އަދި ހިއުމަން ރައިޓްސް ކޮމިޝަނަށާއި، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) މެންބަރުން އައްޔަން ކުރުމުގައި މުހިންމު ދައުރެއް އަދާކުރެއްވި އެވެ. އަދި އައު ގާނޫނު އަސާސީ ތަސްދީގު ކުރުމާ ގުޅިގެން ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަނުކުރުމުގައި ވެސް މުހިންމު ދައުރެއް އަދާކުރެއްވިއެވެ.


ނާޒިމްގެ ކާމިޔާބު ސިޔާސީ ހަޔާތްޕުޅުގެ ތެރެއިން އެމަނިކުފާނު ވަނީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަން 2009 އިން 2014 އާއިހަމައަށް ކުރައްވާފައެވެ. އަދި މާލިއްޔަތު ކޮމިޓީގެ މުޤައްރިރުކަން ވެސް 6 އަހަރު ދުވަހު ކުރެއްވިއެވެ.

ނާޒިމް ފުރުއްވި އެހެނިހެން ބައެއް މަޤާމުތަކުގެ ތެރޭގައި 2012- 2016 އަށް އަރަޕަކް (އޭޝިއާ ރީޖަން އެސޯސިއޭޝަން އޮފް ޕަބްލިކް އެކައުންޓްސް ކޮމިޓީސް) ގެ ޗެއާމަންކަމާއި، ޕަބްލިކް އެކައުންޓްސް ކޮމިޓީ (ޕީއޭސީ) ގެ ޗެއާރކަން 16 ޖޫން 2009 އިން 27 އޮކްޓޯބަރ 2013 އަށް ކުރައްވާފައެވެ.

މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ހުންނެވިއިރު ޕީޕަލްސް އެލައެންސް، ޕީއޭގެ ޕާލަމެންޓަރީ ގްރޫޕް ލީޑަރުކަން 2009 އިން 2013 އަށް ނާޒިމް ހުންނެވިއެވެ. އަދި
2013 އިން 2015 އަށް ހުންނެވީ އޭރުގެ ވެރިކަންކުރި ޕާޓީ، ޕީޕީއެމްގެ މަޖިލިސް މެމްބަރެއްގެ ގޮތުގައެވެ. ދިއްގަރު ދާއިރާގެ ދެވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގެން މަސައްކަތްކުރައްވަނިކޮށް ސުޕްރީމް ކޯޓުގެ ޙުކުމާއި ގުޅިގެން އެދާއިރާގެ ގޮނޑި ގެއްލުނެވެ.

ނަމަވެސް އޭގެ 9 އަހަރު ފަހުން އަނެއްކާވެސް އެނބުރި ސިޔާސީ މަސައްކަތަށް ނިކުމެވަޑައިގެން ނާޒިމް ވަނީ ހަމަ އެދާއިރާގެ ގޮނޑި ކާމިޔާބުކުރައްވާފައެވެ. އަދި މަޖިލީހުގެ ނާއިބު ރައީސްކަން ދެވަނަ ދައުރަކަށް ކުރައްވަން ނާޒިމް މިވަނީ ފަށްޓަވާފައެވެ. ނާޒިމް ވިދާޅުވާގޮތުގައި އަލުން ސިޔާސީ މަސައްކަތަށް ނިކުމެވަޑައިގަތީ ޤައުމަށް ޚިދުމަތްކުރެއްވުމަށް ހިތްޕުޅުގައި އޮތް ލޯތްބެއްގެ ސަބަބުންނެވެ. އަދި ޤައުމުގައި ހުރި މައްސަލަތައް ޙައްލުކުރެއްވުމަށް ބޭނުންފުޅުވާތީއެވެ.އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެމަނިކުފާނަށް ކުރައްވާ އިތުބާރުގެ ސަބަބުންނެވެ.