ޚަބަރު

ފްރާންސްގެ ސަފީރު އަވަހާރަވުމާ ގުޅިގެން ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ


  • ދެ ޤައުމުގެ ގުޅުން ބަދަހިކުރުމަށް ސަފީރު މަސައްކަތް ކުރެއްވި

  • ސަފީރު ޕެކްޓޭގެ ޚިދުމަތުގެ އަގު އަބަދުވެސް ވަޒަންކުރާނެ ކަމަށް ރައީސް ވިދާޅުވި

ފްރާންސް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ޖޯން-ފްރަންސުއާ ޕަކްތެތް އަވަހާރަވުމާ ގުޅިގެން ފަރަންސޭސިވިލާތުގެ ރައީސް އެމަނުއެލް މެކްރޮނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، ސަފީރު ޕެކްޓޭއަކީ ރާއްޖެއާއި ފަރަންސޭސިވިލާތާ ދެމެދު އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ކެނޑިނޭޅި މަސައްކަތް ކުރެއްވި ޢިއްޒަތްތެރި ޑިޕްލޮމެޓެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ. އަދި ސަފީރު ޕެކްޓޭގެ ޚިދުމަތުގެ އަގު އަބަދުވެސް ވަޒަންކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ސަފީރު ޖޯން-ފްރަންސުއާގެ ޢާއިލާއާ އެޤައުމުގެ ރައްޔިތުންނަށް ދިވެހިސަރުކާރާ ރައްޔިތުންގެ ނަމުގައި ތަޢުޒިޔާ ވިދާޅުވިއެވެ.