ދައުލަތުގެ ޚަރަދުތައް މިިދިޔަ އަހަރުގެ މިމުއްދަތާއި އަޅާ ބަލާއިރު، 2.2 ބިލިއަން ރުފިޔާއަށްވަނީ ކުޑަކުރެވިފައެވެ. ސަރުކާރުން ދައްކައިދެނީ ފައިސާ ޗާޕުނުކޮށްވެސް ޚަރަދުތައް މެނޭޖްކުރެވޭނެކަމެވެ.
މާލީ ވުޒާރާއިން އެންމެފަހުން ނެރެފައިވާ ވީކްލީ ފިސްކަލް ރިޕޯޓުގައިވާގޮތުން މިމަހުގެ 16ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ޚަރަދުތައް ހުރީ 14.9 ބިލިއަން ރުފިޔާގައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތުގެ ޚަރަދުތައް ހުރީ 17.2 ބިލިއަން ރުފިޔާގައެވެ. އެހެންކަމުން ދައުލަތުގެ ޚަރަދުތައް މިވަނީ 2.2 ބިލިއަން ރުފިޔާ ކުޑަކުރެވިފައެވެ.
ޚަރަދުތައް ކުޑަކުރުމުގެ އިތުުރުން ސަރުކާރުން މިވަނީ ދައުލަތަށް ލިބޭ އާމްދަނީވެސް އިތުރުކޮށްފައެވެ. ރިޕޯޓުގައިވާގޮތުން މިމަހުގެ 16ވަނަ ދުވަހުގެ ނިޔަލަށް 13.1 ބިލިއަން ރުފިޔާގެ އާމްދަނީއެއްވަނީ ލިބިފައެވެ. މިދިޔަ އަހަރުގެ މިމުއްދަތުގައި ލިބިފައިވަނީ 12.6 ބިލިއަން ރުފިޔާއެވެ. އެހެންކަމުން އާމްދަނީވަނީ 515 މިލިއަން ރުފިޔާ އިތުރުވެފައެވެ.
ޚަރަދުތައް ކުޑަކޮށް ދައުލަތަށް ލިބޭ އާމްދަނީ އިތުރުވެފައިވާއިރު، ސަރުކާރުން ވަނީ ފައިސާ ޗާޕުކުރުން ހުއްޓާލާފައެވެ. މިކަމާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މީގެކުރިން ވިދާޅުވެފައިވަނީ 40 އަހަރު ތެރޭގައި ޖުމްލަ 6 ބިލިއަން ރުފިޔާގެ ފައިސާ ޗާޕުކުރިއިރު، ކުރީ ސަރުކާރުން އެކަނިވެސް ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި 8 ބިލިއަން ރުފިޔާ ޗާޕުކޮށްފައިވާ ކަމަށެވެ.
މީގެސަބަބުން ދިވެހި ފައިސާގެ އަގު ދަށްވެ، ޑޮލަރުގެ އަގު އުފުލިގެންދިޔަ ކަމަށާއި އެހެންވެ، މި ސަރުކާރުގެ އެންމެ މުހިންމު އަސާސަކަށްވީ ފައިސާ ޗާޕުކުރުން ހުއްޓާލުން ކަމަށް ރައީސް ވިދާޅުވިއެވެ.
ފައިސާ ޗާޕުކުރުން މިސަރުކާރުން ހުއްޓާލާފައިވާއިރު އެކަން ބައިނަލްއަޤުވާމީ މާލީ އިދާރާތަކުން ވެސް އަންނަނީ ބަލައިގަންނަމުންނެވެ. އެގޮތުން އައިއެމްއެފް އާއި ވޯލްޑު ބޭންކުން ރާއްޖޭގެ އިޤްތިސާދާ ގުޅޭގޮތުން ނެރެފައިވާ ރިޕޯޓުތަކުގައިވެސް މިކަންވަނީ ފާހަގަކޮށްފައެވެ.
ވާލީ ވުޒާރާގެ ވީކްލީ ފިސްކަލް ރިޕޯޓަށް ބަލާއިރު، މިއަހަރުގެ މިމުއްދަތުގައި ދައުލަތަށް ލިބިފައިވާ އާމްދަނީގެ އެންމެ ބޮޑުބައެއް ހިއްސާކުރަނީ ޓެކްސްގެ ގޮތުގައި ލިބިފައިވާ އާމްދަނީއެވެ. އެއީ 10.9 ބިލިއަން ރުފިޔާއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޓެކްސް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 9.7 ބިލިއަން ރުފިޔާއެވެ.
ޓެކްސް ނޫން އާމްދަނީގެ ގޮތުގައި މި މުއްދަތުގައި ލިބިފައިވަނީ 2.1 ބިލިއަން ރުފިޔާއެވެ. މި މުއްދަތުގައި ދައުލަތައް ހިލޭ އެހީގެ ގޮތުގައި ލިބިފައިވާ އަދަދުވެސް މިދިޔަ އަހަރާއި އަޅާބަލާއިރު އިތުރުކަމަށް ފިނޭންސް މިނިސްޓްރީގެ ރިޕޯޓުން ދައްކައެވެ. އެގޮތުން މިއަހަރުގެ މެއި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ހިލޭ އެހީގެ ގޮތުގައި ލިބުނީ 91.4 މިލިއަން ރުފިޔާއެވެ. އަދި މިދިޔަ އަހަރު މި އަދަދު އުޅުނީ 57.7 މިލިއަނުގައެވެ.