ސައުދީ އަބިއްޔާގެ ރަސްގެފާނު އަދި މާތްވެގެންވާ ދެ ޙަރަމްފުޅުގެ ޚާދިމް ސަލްމާން ބިން ޢަބްދުލް ޢަޒީޒް އާލާސްކަންފުޅާ އުޅުއްވާތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެމަނިކުފާނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޕޯސްޓެއްގައި ވަނީ ސައޫދީ ރަސްގެފާނުގެ ސިއްޙަތާ ގުޅިގެން ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ. އަދި ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި އެމަނިކުފާނަށް އަވަސް ޝިފާއަކަށް އެދިވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން މާތްﷲ، ސައުދީގެ ރަސްގެފާނަށް ރަނގަޅު ސިއްޙަތަކާއި ދިގު އުމުރެއް ދެއްވުމަށް ދުޢާ ކުރައްވާ ކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ސަޢުދީ ރަސްގެފާނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސައިން މުޙައްމަދު ލަޠީފްވެސް ވަނީ ޕޯސްޓެއް ކުރައްވާފައެވެ. އެމަނިކުފާނުގެ މެސެޖުގައިވެސް ވަނީ ސައޫދީ ރަސްގެފާނުގެ ސިއްޙަތާ ގުޅިގެން އެމަނިކުފާނަށް އަވަސް ޝިފާއަކަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ.
ސައުދީގެ ރަސްގެފާނު އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއް ވެފައިވާއިރު ސިއްޙީ ހާލަތު ދެނެގަތުމަށް ފަހުން ހެދި ތަހުލީލުތަކުން ފުއްޕާމާގެ އާލާސްކަންފުޅެއް ޖެހިވަޑައިގެންފައިވާކަން ވަނީ އެނގިވަޑައިގެންފައެވެ. އެ ތަހުލީލުތައް ހެއްދެވީ ގަދައަށް ހުން އައިސް ހުޅުތަކުގައި ރިއްސަން ފެށުމުން ކަމަށާއި އާލާސްކަންފުޅަށް ފަރުވާ ހޯދަމުންދަނީ ސައުދީގެ ވެރިރަށް ރިޔާޛްގައި ހުންނަ އަލްސަލާމް ގަނޑުވަރުގައި ކަމަށް ވެސް މީޑިއާތަކުން ރިޕޯޓް ކުރެއެވެ.
ސައުދީގެ ރަސްކަމާ ސަލްމާން ރަސްގެފާނު ހަވާލުވެވަޑައިގެންނެވީ 2015 ވަނަ އަހަރުއެވެ. އުމުރުން 88 އަހަރުގެ ސަލްމާން ރަސްގެފާނުގެ ސިއްހީ ހާލަތުގެ ސަބަބުން އެ ޤައުމުގެ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން ވަނީ ރަސްމީ ދަތުރުފުޅު ވެސް ފަސްކުރައްވާފައެވެ.