ރާއްޖޭގައި ސިޔާސީ ހަމަޖެހުން ޤާއިމްވެ އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ބޮޑުވަމުން އަންނަކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.
ކޮންމެ ޤައުމެއްގައިވެސް އިންވެސްޓްކުރާއިރު އެ ޤައުމެއްގެ ހަމަޖެހުމަށް އިންވެސްޓަރުން ބަލައެވެ. ވަކިން ޚާއްސަކޮށް ސިޔާސީގޮތުން އޮންނަ ހަމަޖެހުމަށް ރިޢާޔަތްކުރެއެވެ.
ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވީ، މަޖިލިސް އިންތިޚާބުގައި ދިވެހި ރައްޔިތުން ބޭނުންވާ ގޮތް ވޯޓުން ދައްކާފައިވާކަމަށެވެ. އެގޮތުން މިސަރުކާރުގެ ވަޢުދާ އެއްގޮތަށް ބޯހިޔާވަހިކަމާއި، ގެދޮރުވެރިކަން ބޭނުންވާކަން ރައްޔިތުން ހާމަކޮށްފައިވާކަމަށް ވިދާޅުވިއެވެ. ވޯޓުން ފެނިގެންދަނީ ރާއްޖޭގެ އިޤްތިޞާދު ރަނގަޅުވާން ބޭނުވެ، ވަޒީފާތައް އުފެދި ބޮޑެތި މަޝްރޫޢުތައް ހިންގަން ރައްޔިތުން ބޭނުންވެފައިވާ މަންޒަރުކަމަށް ވަޒީރު ވިދާޅުވިއެވެ.
މީގެ ސަބަބުން ރާއްޖޭގައި ސިޔާސީގޮތުން ހަމަޖެހުން ޤާއިމްވެފައިވާކަން އިންވެސްޓަރުން ގަބޫލުކުރާކަމަށާއި، އެހެންކަމުން ރާއްޖޭގައި އިންވެސްޓްކުރުމުގެ ޝައުގުވެރިކަން ބޭރުގެ އިންވެސްޓަރުން ފާޅުކުރަމުން އަންނަކަމަށް ވަޒީރު ސައީދު ވިދާޅުވިއެވެ.
"ވޯލްޑް ބޭންކް އައިއެމްއެފްއިން ލަފާކޮށްފައި މިއިނީ މިއަހަރު %5.5 ގައި އިޤްތިޞާދު ކުރިއަރައި ދާނެކަމަށް. އިރާދަކުރެއްވިއްޔާ ރާއްޖޭގެ އިކޮނޮމީ ދާނީ ކުރިއަށް. ރާއްޖެއާއި މެދު އިތުބާރު ޤާއިމްކުރެވިއްޖެ. ޚާއްސަ ގޮތެއްގައި މަޖިލިސް އިންތިޚާބަށް ފަހު. އޭގެ ސަބަބުން ރާއްޖެއަށް މީގެކުރިން ރާއްޖެއަށް ނާންނަ ކުރިއެރުންތަކެއް އަންނާނެ. އަޅުގަނޑު އެހެން މި ފާހަގަކުރީ ރާއްޖޭގައި އިންވެސްޓްކުރާ ފަރާތްތަކުން ޚާއްސަކޮށް މިބަލަނީ ސްޓެބިލިޓީއަށް." ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، ބޭންކުތަކުންނާއި އިންވެސްޓްމަންޓް ވިޔަފާރިތަކުން މިހާރު ރާއްޖެއަށް އިންވެސްޓްކުރަމުންދާކަމަށެވެ. އަދި ކުރިއަށްއޮތް ތަނުގައި މީގެ ނަތީޖާ ދިވެހި ރައްޔިތުންނަށް ފެނިގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
މި ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން ދިވެހި ރުފިޔާގެ ބާރު ގަދަވަމުން އަންނަކަމަށާއި، ރާއްޖޭގެ ރިޒާވްވެސް ވަރުގަދަވަމުން އަންނަކަމަށް ވަޒީރު ވިދާޅުވިއެވެ. މި ސަރުކާރުން މިހާތަނަށް ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް އެކަނިވެސް 30 މިލިއަން ޑޮލަރު ޖަމާކޮށްފައިވާކަމަށް ވަޒީރު ސައީދު ވިދާޅުވިއެވެ.